ހައިކޯޓް

އަންމަޓީ ދޫކޮށްލި މައްސަލަ ބަލަން ހައިކޯޓަށް އަމުރުކޮށްފި

ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައަކީ އިޖުރާއީ ގޮތުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި، ހައިކޯޓުގެ ނިންމުން ބާތިލުކުރުމަށްފަހު މައުލޫއީ ގޮތުން މައްސަލަ ބެލުމަށް އެ ކޯޓަށް ވަނީ އަމުރުކޮށްފަ އެވެ.

ހިޔާނާތުގެ ކުށުގައި ދައުލަތުން 42 ދައުވާ އުފުލާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޝަރުތުތަކަކާ އެކު އަންމަޓީ ދޫކޮށްލީ މިދިޔަ މަހު އެވެ.

އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ. ހައިކޯޓުން އެގޮތަށް ނިންމީ އެބާވަތުގެ މައްސަލަތައް އިސްތިއުނާފް ކުރަން އޮންނަ 48 ގަޑިއިރަށް ވުރެ ފަހުން ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. ނަމަވެސް ހައިކޯޓުން ވަގުތު ގުނީ ގޯސްކަމަށް ކަމަށް ބުނެ ދައުލަތުން ވަނީ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ މިބާވަތުގެ މައްސަލަތައް އިސްތިއުނާފް ކުރަން ދައުލަތަށް ލިބޭ ވަގުތަކީ ހަތް ދުވަހަށްވުރެ ވެސް ކުރު މުއްދަތަކަށް ވާތީ އެ ދެމެދަށް އަންނަ ބަންދު ދުވަސްތައް ނުގުނޭނެ ކަމަށެވެ.

ޖިނާއީ އިޖުރާއަތު ގާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ މުއްދަތު ފެށެނީ އަމުރެއް ނެރެ ނުވަތަ ނިންމުމެއް ނިންމާ ތާރީހުން ކަމަށްވާއިރު، އެ ވަގުތުން ފެށިގެން އިސްތިއުނާފް ކުރަން ލިބިފައި ވަނީ 48 ގަޑިއިރެވެ. ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔުގައި ބަޔާންކޮށްފައި ވަނީ ގާނޫނު ބުނާގޮތުން ނަމަ ތާރީހު ފެށޭނީ މެންދަމު 12:00 އިން ކަމަށްވާއިރު، 48 ގަޑިއިރު ގުނަންޖެހޭނީ ދަށު ކޯޓުން މައްސަލަ ނިންމި ވަގުތުން ފެށިގެން ކަމަށެވެ.

"ޖިނާއީ އިޖުރާއަތު ގާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން މުއްދަތު ގުނަން ފަށަން ޖެހޭނީ ދަށުކޯޓުން މައްސަލަ ނިންމާ ތާރީހުން ފެށިގެން. ގަވާއިދު ބުނާގޮތުން މި މުއްދަތު ފަށަން ޖެހޭނީ ނިންމި ދުވަސް ދޫކޮށް ޖެހިގެން އަންނަ ދުވަހު. މިއީ މުއްދަތު ގުނުމަށް ގާނޫނަށް ދީފައިވާ މުއްދަތަށްވުރެ ފަހުގެ މުއްދަތެއް. ދެވަނަ ކަމަކީ މުއްދަތު ނިމޭ ހިސާބު. ގާނޫނު ބުނަނީ ނިންމުން ނިންމާ ތާރީހުން ފެށިގެން 48 ގަޑިއިރު ތެރޭގައި އިސްތިއުނާފް ކުރަންވާނެ ކަމަށް. ގަވާއިދު ބުނާގޮތުން މުއްދަތު ގުނާ ގޮތަކީ މެދަށް ދެދުވަސް ދޫކޮށް ޖެހިގެން އަންނަ ދުވަހު. މިގޮތަށް ގުނާނަމަ ދަށު ކޯޓުން ނިންމުން ނިންމާ ތާރީހުން ފެށިގެން 48 ގަޑިއިރަށްވުރެ ގިނަ ވަގުތު އެބަ ހޭދަވޭ. މިއީ ގާނޫނުގެ މާއްދާ ތަސައްވަރުކުރާ ގޮތްކަމުގަ ނުދެކެން. ކަން މިހެން އޮތުމުން ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 69 ވަނަ މާއްދާއަކީ ޖިނާއީ އިޖުރާއަތު ގާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި ބޭނުންކުރެވޭނެ މާއްދާއެއް ކަމުގައި އަހުރެން ނުދެކެން،" ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔުގައި ފާހަގަކުރެއްވި އެވެ.

މިގޮތަށް ނިންމުމާ ހަމަޔަށް ގަވާއިދުގެ 69 ވަނަ މާއްދާއަށް ބަރޯސާވެ ދައުލަތުން މުއްދަތު ގުނާފައިވާ ގޮތް ރަގަޅު ކަމަށް ނިންމާ އެކަމުގެ މަންފާ ދައުލަތަށް ލިބެން ޖެހޭނެ ކަމަށް ދެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔަށް ފަނޑިޔާރު މުހައްމަދު އިބްރާހިމް ވަނީ ތާއީދުކުރައްވައިފަ އެވެ.

އަންމަޓީއާ ގުޅޭ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަކި ގޮތަކަށް މައްސަލަ ނިންމަންދެން ދައުލަތުގެ އެއްވެސް ވެރިއަކު އެ މައްސަލައާ ގުޅޭގޮތުން ވާހަކަ ނުދެއްކުމަށް ސުޕްރީމް ކޯޓުން މީގެ ކުރިން އަމުރުކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުން އަންމަޓީ ދޫކޮށްލާފައި ވަނީ ތިން ވަނަ ފަހަރަށެވެ. ފުރަތަމަ ފަހަރު ޝަރުތުތަކަކާއެކީ އަދި ދެވަނަ ފަހަރު ދޫކޮށްލީ ދެ މީހުން ޖާމިނުކުރުމަށްފަހު ކަފާލާތުގެ ދަށުންނެވެ. އޭގެ ފަހުން އަނެއްކާ ވެސް އޭނާ ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާ އެކީ އެވެ.