ރިޕޯޓް

މުގުލުގައި ހުންނަވައިގެން ނަޝީދުގެ މިސްރާބު ކޮން ދިމާލަކަށް؟

Nov 10, 2018
14

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ވިލާތުގެ ހިމާޔަތުގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެން ރައްޔިތުންނާ ފުރަތަމަ ފަހަރަށް މުހާތަބު ކުރައްވާ ވާހަކަފުޅު ދެއްކަވަމުން ވިދާޅުވި އެވެ؛ ދުވަހަކު ވެސް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ހިޔަންޏެއް ނޫނެވެ. އިބޫއަކީ ކުރިން ވެސް މުގުލެކެވެ. އަދި އެމަނިކުފާނުގެ ހަށީގައި ނޭވާ ހިނގާހާ ހިނދަކު ރައީސް އިބޫގެ ސަރުކާރު ދަމަހައްޓަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ އެވެ.

"މީގެ ކުރިއަކު އަޅުގަނޑު މުގުލުގައި ނުހުންނަން، މިއީ ފުރަތަމަ ފަހަރު އަޅުގަނޑަށް އެ ފުރުސަތު ލިބޭ، އިރާދަ ކުރެއްވިއްޔާ މީގެ ކުރިން ޖެހުނު ދަތުރެއް މިފަހަރަކު ނުޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އެޖެންޑާގައި އޮތީ މުގުލުގައި ހުންނަވައިގެން ކޯލިޝަން ދަމަހައްޓެވުން ކަން ހާމަ ކުރެއްވުމަކީ ރައްޔިތުންނަށް އެމަނިކުފާނު ދެއްވި އުންމީދެކެވެ. އަދި އެކަން އަމަލީ ގޮތުން ފެނިގެން ދާނަމަ އެކަން ވާނީ ކޯލިޝަން ދެމެހެއްޓުމަށް ލިބިގެން ދާނެ އެންމެ ބޮޑު ބާރަށެވެ. ސަބަބަކީ، ކޯލިޝަންގެ ތެރޭގައި އެންމެ ބޮޑު ޕާޓީއަކަށް އެމްޑީޕީވުމާއި ރައްޔިތުންގެ ތާއީދު އެއް ލީޑަރަކަށް އެންމެ ބޮޑަށް އޮތީ ވެސް އެމަނިކުފާނަށް ކަމަށްވާތީ އެވެ. އެމަނިކުފާނުގެ މަގުބޫލުކަމާއި އެ މަނިކުފާނުގެ ގަދަ ނުފޫޒުގެ ސަބަބުން އެންމެ ރަނގަޅަށް އެކަން ކުރެވެން އޮތީ ވެސް އެމަނިކުފާނަށެވެ.

ހާއްސަކޮށް އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުމެއް ނެތި، އިބޫގެ ސަރުކާރު ފަސް އަހަރަށް ދެމެހެއްޓުމަށް އެންމެ ގަދަޔަށް މަސައްކަތް ކުރެވޭނެ ބޭފުޅަކީ ވެސް ރައީސް ނަޝީދެވެ. އެއީ އެ ޕާޓީ ސަޕޯޓަރުންގެ "ހިތާ ހިތުގެ ގުޅުން" އަދިވެސް އޮތީ ރައީސް ނަޝީދަށް ކަމުގައިވާތީ އެވެ.

ކޮލޮމްބޯއިން ރާއްޖެ ވަޑައިގަތް ގޮތަށް ދެކެވި ވާހަކަފުޅު ގިނަ ބަޔަކަށް ތަރުޖަމާ ކުރެވުނީ ވެސް އެކަހަލަ ގޮތަކަށެވެ. ކޯލިޝަން ދަމަހައްޓަން ރައީސް ނަޝީދު ހުންނެވީ "ވީ ހާލެއްގައި ވާން" އަދި ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެވަޑައިގަތުމަށް ތައްޔާރަށް ކަމަށެވެ.

ނަމަވެސް މިހާރު ފެނިގެން މިދަނީ މުޅިން އެހެން މަންޒަރެކެވެ. ރައީސް ނަޝީދު އެ ދުވަހު ދެއްކެވި ވާހަކަފުޅާ، މިއަދު އެމަނިކުފާނުގެ ބަސްމަގާއި އަމަލު ހުންނެވި ގޮތް ދިމާ ނުވާ ކަމުގެ އަޑުތަކާއި ކަންބޮޑުވުންތަކާއި އެ ނުތަނަވަސްކަން ކޯލިޝަންތެރޭގައި އަންނަނީ ބޮޑުވަމުން އެވެ.

"އުންމީދު ކުރީ މާޒީ އިން ފިލާވަޅު ލިބިގަންނާނެ ކަމަށް، ރައްޔިތުން އެދުނީ ބަދަހި ކޯލިޝަނެއްގެ ތެރެއިން ފަސް އަހަރަށް ދެމި އޮންނާނެ ސަރުކާރެއް، މިއަދު މި ފެންނަނީ އިބޫ ހުވާ ކުރެއްވުމުގެ ކުރިން ކޯލިޝަން ރެނދުލާ، ލީޑަރުން އެކަކު އަނެކަކަށް ނުސީދާ ހަމަލާތައް ފޮނުވާ މަންޒަރު، ރައްޔިތުންނަށް ވީ ވައުދުތައް ހަނދާން ނައްތާ ނުލާތި،" ޓްވިޓާގައި މީހަކު ހިޔާލު ބަންޑުން ކުރި އެވެ.

ކޯލިޝަން ހިލިގެންދާ ފަަދަ އަޑުތައް ގަދަވާން ފެށީ އެއްވެސް ސަބަބެއް ނެތިއެއް ނޫނެވެ. އެފަދަ އަލާމާތްތައް ފުރަތަމަ ފެންނަން ފެށީ ކޯލިޝަނާއި އިބޫގެ މުގުލުގައި ހުންނަވާނެ ކަމަށް ވިދާޅުވި ރައީސް ނަޝީދުގެ ފަރާތުން ކަމަށް ބުނުމުގެ ފުރުސަތު މި އަންނަނީ ބޮޑުވަމުން އެވެ. އެމަނިކުފާނުގެ އެޖެންޑާގެ ދަށުން "ލޯޔަލް ޓީމެއް" ގޮވައިގެން ރަށްރަށަށް ވަޑައިގެން ދައްކަވާ ތަފާތު ވާހަކަފުޅުތަކާ ހެދި އެވެ.

"ރައީސް ނަޝީދު މިހާރު ކުރައްވަމުން އެ ގެންދަވަނީ ޒާތެއްގެ ކެމްޕެއިނެއް އިނގޭތޯ، ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރާ ކަމަށް ވިދާޅުވުމަށް ފަހު ދާއިރާތަކަށް އެ ކުރައްވާ ދަތުރުތަކަކީ ކޯލިޝަންގެ އެޖެންޑާގައި އޮތް ކަންކަން ކަމަކަށް ނުބެލެވޭ، އެމަނިކުފާނު އެ ހިންގަވަނީ އަމިއްލަ އެޖެންޑާއެއް، ހަމަލާތައް ދެމުން އެ ގެންދަވަނީ އެ އެޖެންޑާ ކުރިޔަށް ގެންދިޔުމުގައި ހުރަހަކަށް ވާނެ ފަރާތްތަކަށް،" އަވަސްއާ ވާހަކަދެއްކެވި ޕީޕީއެމްގެ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.

ސިޔާސީ މައިދާނުގައި މިއަދު އިދިކޮޅު ފަރާތެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ޓީމު އޮތީ "ނިދާފަ" އެވެ. އެމަނިކުފާނު ކުރިޔަށް އަޅުއްވާނެ ފިޔަވަޅުތަކާ މެދު ތަފާތު އަޑުތައް ފެތުރުނު ނަމަވެސް ސީދާ ގޮތެއްގައި ވަކި އެއްޗެއް ހާމައެއް ނުކުރައްވަ އެވެ. ކުޑަ މިނުން އިދިކޮޅު ހަަރަކާތްތައް ހިންގުމާއި އާ ސަރުކާރަށް ފާޑު ކިޔާލާނެ ބޭފުޅަކު ވެސް އެ ޕާޓީގައި ނެތީ އެވެ.

އެފަދަ އަމަލުތަކެއް މިއަދު ފެނިގެން ދަނީ ރައީސް ނަޝީދުގެ ފަރާތުން ކަަން ގަބޫލު ކުރާ އެތައް ބަޔަކު އިދިކޮޅުގައި އެބަތިއްބެވެ. ކޯލިޝަންގެ އިސް ބޭފުޅުންނަށް އަމާޒު ކުރައްވާ ނުތަނަވަސްކަން އުފެދޭ ފަދަ ވާހަކަފުޅުތައް ދެއްކެވުމާއި ލީޑަރުންނަށް އަމާޒުކޮށް ހަމަލާތައް ފޮނުއްވަނީ ރައީސް ނަޝީދު ކަމަށް ބައެއް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

އިދިކޮޅު ޕާޓީއެއްގެ އިސް ބޭފުޅަކު ނަން ހާމަ ނުކުރަން ޝަރުތުކޮށް، "އަވަސް"އަށް ވިދާޅުވި ގޮތުގައި "ކުށްވެރިއަކީ ފަނޑިޔާރުންނަށް ފަންޑު ކުރާ މަހުޖަނޭ" އެއީ މީގެ ކުރިން އިދިކޮޅުން ދައްކާ ވާހަކައެއް ނޫނެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ތުހުމަތު ކުރައްވާ، އަޑަށް ބާރުލާ އެގޮތަށް ވިދާޅުވަމުން ގެންދެވީ ރައީސް ޔާމީންގެ ޓީމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ އަޑުތައް ރައީސް ނަޝީދުގެ ފަރާތުންް އިވުމަކީ އެމަނިކުފާނުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަަހުޖަނޭ ކިޔައިގެން ދައްކާ ވާހަކަތަކަށް ގާސިމް ރައްދު ދެއްވައިފި، ބަޔަކު މީހުން އިބޫ އާއި ޖޭޕީ ދެމެދަށް ވަންނަން އެބަ އުޅެއޭ، އެކަން ވިޔަ ނުދޭނަމޭ ގާސިމް އެ ވިދާޅުވަނީ ސީދާ ނަޝީދަށް،" އޭނާ ވިދާޅުވި އެވެ.

"މިހާރު ދެން އެ ވިދާަޅުވަނީ ޕާޓީތަކުން ކެބިނެޓަށް ސަވާރުވާން ނޫޅޭށޭ، މިއީ ވެސް ރައީސް ޔާމީން ދައްކާ ކަހަލަ ވާހަކައެއް، ރައީސް ޔާމީންގެ ބަހުރުވައިން ނަމަ ކޭކު ފަޅަން ދިމާ ކުރާނެ ވާހަކަ މިއަދު އެ ދައްކަވަނީ ރައީސް ނަޝީދު، އެމަނިކުފާނު ގެންގުޅުއްވާ އެޖެންޑާއަށް ވިސްނަން އެހެން ޕާޓީތަކުން ވެސް ޕާޓީތަކުން އެބަ ޖެހޭ،"

އެ މެންބަރު ވިދާޅުވި ގޮތުގައި ސަރުކާރުންް ކޮންމެ ޕާޓީއަކަށް 25 ޕަސަންޓުގެ ރޭޓުން ހަމަހަމައަށް ބެހުމަށް ރައީސް މައުމޫންގެ ފަރާތުން ހުށަހެޅި އެވެ. ނަމަވެސް ޕާޓީތަކުގެ ސައިޒާއި ކުރި މަސައްކަތަށް ބަލާފައި އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ބައެއް ފަރާތްތަކަށް ވިސްނިގެން އެކަން ބަދަލުކުރީ އެވެ. އެހެންވެ ފަހުން އެއްބަސްވީ 40 ޕަސެންޓު ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓު، އަދާލަތަށް 15، އަދި ރައީސް މައުމޫންްއަށް 20 ޕަސެންޓު ދޭ ގޮތަށެވެ.

"އިބޫއާ އަޅުގަނޑުމެން އެންމެނާ ވާހަކަދެއްކޭ، މަޝްވަރާ ކުރެވޭ، އެމަނިކުފާނު ހުންނެވީ ކޯލިޝަން ދަމަހައްޓާ ރައްޔިތުންނަށް ވީ ވައުދުގައި ބާރަށް ހިފަހައްޓައިގެން، އަޅުގަނޑުމެން އުންމީދު ކުރައްވަނީ އިބޫއާ އެންމެ ގާތް ބޭފުޅުން ވެސް އެމަނިކުފާނަށް އިތުރަށް ޕްރެޝަރު ނުކުރައްވާ އެއްބާރުލުން ދެއްވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ކޯލިޝަނެއްގެ ތެރެއިން ރައްޔިތުން ހޮވި އިބޫގެ ސަރުކާރުން ރައްޔިތުންނަށް "ވިއްކި" ޓްރާންސިޝިނަލް ޕީރިއަޑު ތެރޭ ކުރަން ހުރި މަސައްކަތްތައް އިންތިހާއަށް ގިނަ އެވެ. ރައްޔިތުން މަޖިލީސް ހަމަޔަކަށް އަޅުވަން ޖެހެ އެވެ. ފަނޑިޔާރުގެ "ސާފުކޮށް" އިސްލާހު ކުރަން ޖެހެ އެވެ. އެގްޒެކެޓިވް ބާރުގައި ހުރި ލޫޕްތަކާއި ނިޒާމުގެ ހުރި މައްސަލަތައް ރަނގަޅު ކުރަން ޖެހެ އެވެ. މިނިވަން މުއައްސަސާތަކުގައި ހަގީގީ މިނިވަންކަމުގެ ކުލައެއް ޖައްސަން ޖެހެ އެވެ. އެ ބޭފުޅުން އަމިއްލައަށް ތަޖުރިބާ ކުރެއްވި ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން ޖެހެ އެވެ. އަމާން މުޖުތަމައުއެއްް ކަށަވަރުކޮށް، ދިވެހިން އެއްބައިވަންތަ ބަޔަކަށް ހަދަން ޖެހެ އެވެ.

އެ ފޮނި އުންމީދުތަކާއެކު ކޯލިޝަނަކަށް ދެވަނަ ފުރުސަތެއް ރައްޔިތުން ދިނުމާއެކު ފެނިގެން މިދަނީ އިބޫއަށް ރަނގަޅަށް ހުވާ ކުރެއްވުމުގެ ފުރުސަތު ވެސް ލިބުމުގެ ކުރިން އެއް ޕާޓީ އަނެއް ޕާޓީ "ނޮޅައި ކައި" ހިސާބަށް ދާ މަންޒަރެވެ. މިއީ ރަނގަޅު ފާލެއް ނޫނެވެ. ރައްޔިތުން ކުރި ހުރިހާ އުންމީދެއް ފެނަށް ދާ ފަދަ ކަންކަމެވެ.

ކޯލިޝަންގެ އެންމެ ބޮޑު ޕާޓީގެ ރައީސް އަދި ސިޔާސީ މައިދާނުގައި އެންމެ ތާއީދު ބޮޑު އެއް ބޭފުޅެއްގެ ހައިސިއްޔަތުން ރައީސް ނަޝީދު މިވަގުތު ހިންގަވަން އެންމެ ރަނގަޅީ އަމިއްލަ އެޖެންޑާއެއްތޯ ނުވަަތަ ކޯލިޝަންގެ މަސްލަހަތު ހިމާޔަތް ކުރެއްވުންތޯ މި ވަނީ ސުވާލު އުފެދިފަ އެވެ. ސާފުކޮށް އެނގޭ ކަމަކީ އެމްޑީޕީގެ ތެރޭގައި ނުވަތަ ޕާޓީއެއްގެ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުޅޭނަމަ، އިބޫގެ މުގުލުގައި ހުންނަވައިގެން އެކަން ހައްލު ކުރައްވުމަށް މެދުވެރިއެއްގެ ރޯލު އަދާ ކުރެއްވުމަަށް އެންމެ އައުލާކަން ބޮޑު ބޭފުޅަކަށް ވާނީ ރައީސް ނަޝީދެވެ. ހަމަގައިމު ވެސް އެއީ ކޯލިޝަން ދަމައްޓައި އަދި ކުރިން ވިދާޅުވި ގޮތަށް އެއްވެސް ލީޑަރަކާ މެދު ތަފާތު ގޮތެއް ނުގެންގުޅުއްވައި އިބޫގެ ސަރުކާރު ދަމަހައްޓަން ރައީސް ނަޝީދަށް ކޮށްދެވޭނެ އެންމެ މުހިންމު މަަސައްކަތެވެ.