ފިނިޕޭޖް

މާވެލް ކޮމިކްސްގެ ކޯ-ކްރިއޭޓާ ސްޓޭންލީ މަރުވެއްޖެ

މާވެލް ކޮމިކްސްގެ ކޯ-ކްރިއޭޓާ ސްޓޭންލީ އުމުރުން 95 އަހަރުގައި މަރުވެއްޖެ އެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ސްޕައިޑަމޭން، އަޔަން މޭން، ހަލްކް، ބްލެކް ޕެންތާ، ކެޕްޓަން އެމެރިކާ އަދި ތޯ ފަދަ މާވެލް ސުޕަ ހީރޯސް އުފެއްދި ސްޓޭންލީ މަރުވީ އޭނާގެ އުމުރުން 95 އަހަރުގައި ކަމަށް އޭނާގެ އަންހެން ދަރިފުޅު ވަނީ ޔަގީންކޮށްދީފަ އެވެ. މި އަހަރުގެ ފެބްރުއަރީ މަހު ނިއުމޯނިއާ ޖެހި ސްޓޭންލީ ދިއައީ އެ ބައްޔަށް ފަރުވާ ކުރަމުން ކަމަށް ރިޕޯޓުތައް ބުނެެ އެެވެ.

ނަވާރަސަތޭކަ ފަސްދޮޅަސް އެއްވަނަ އަހަރުގައި ސްޓޭންލީ އާއި ޖެކް ކާބީ، ބިލް އެވަރެޓް އަދި ސްޓީވް ޑިކޯޓޯ އުފެއްދި ފެންޓާސްޓިކް ފޯއަކީ މާވެލް ސުޕަ ހީރޯސްގެ ފެށުމެވެ. އަދި، މި މާވެލް ކެރެކްޓާސް ވެގެން ދިޔައީ ސުޕަމޭން އަދި ބެޓްމޭން ފަދަ ޖަސްޓިސް ލީގުގެ ސުޕަހީރޯތަކަށް ބޮޑު ގޮންޖެހުމަކަށް ވެސް އެދުވަސްވަރު ވިއެވެ.

ސްޓޭންލީގެ ނަން ވިދާލީ ސްޕައިޑަމޭންގެ އުފެއްދުމުންނެވެ. އެހެން ސުޕަހީރޯތަކާ ތަފާތު، މޮޅު ގޮތަކަށް އުފެއްދި ސްޕައިޑަމޭން ވެގެންދިޔައީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ތަރުހީބު ލިބުނު ކެރެކްޓާއަކަށެވެ. މިއަދުވެސް ސްޕައިޑަމޭންގެ ކެރެކްޓާ ބޭނުންކޮށް އެކި ގޮތްގޮތަށް ފިލްމާއި ކާޓޫން ދަނީ އުފައްދަމުންނެވެ. އަދި ކުޑަކުދިންނާއި ބޮޑެތި މީހުންގެ މަގުބޫލުކަން ހޯދައި، ސްޕަރިޑަމޭން ފަދަ ސުޕަހީރޯތަކަށް މިއަދުވެސް އޮންނަ ފޯރި އާއި ތަރުހީބު ފަނޑު ނުވާ ކަމީ މިކަމުގެ ހެއްކެކެވެ.

މިއަދު މާވެލްއަށް ދުނިޔޭގެ ފެންވަރުގައި ލިބިފައިވާ މަގުބޫލުކަމާއި ކާމިޔާބީގެ އަސްލަކީ ސްޓޭންލީގެ ތަފާތު އުފެއްދުންތެރި ކެރެކްޓާސްތަކެެވެ. އޭނާގެ އުފެއްދުންތެރި ހިޔާލީ ކެރެކްޓާސްތަކަކީ އެންޓަޓެއިންމަންޓް ދާއިރާގައި މާވެލްއަށް ލިބުނު ޝަރަފާއި ކުރިއެރުމުގެ އަސްލެވެ. އަދި މި ކެރެކްޓާސްގެ ބާނީއަކީ ސްޓޭން ލީ އެވެ.