ރެއާލް މެޑްރިޑް

ރެއާލްގެ ކޯޗުކަމުގެ ވަޒީފާ ސޮލާރީއަށް ދާއީމީ ކޮށްދީފި!

ހުލެން ލޮޕެޓެގީ ރެއާލް މެޑްރިޑްގެ ކޯޗު ކަމުގެ މަގާމުން ވަކި ކުރުމުން، ވަގުތީ ކޯޗު ކަމަށް ހަމަޖެއްސި، ސެންތިއާގޯ ސޮލާރީއަށް އެ މަގާމު ދާއީމީ ކޮށްދީފި އެވެ.

މިދިޔަ މަހު، ވާދަވެރި ބާސެލޯނާ އަތުން 5-1 ގެ ބޮޑު ނަތީޖާއަކުން ބަލިވުމާއި، އޭގެ ކުރިންވެސް ނަތީޖާ ނެރުމުގައި ކާމިޔާބު ލިބިފައި ނުވުމުން، ލޮޕެޓެގީ ވަކިކުރުމަށް ފަހު، ރެއާލް މެޑްރިޑުން މަސައްކަތް ކުރީ، ދާއިމީ ކޯޗަކަށް ތަޖުރިބާކާރު ކޯޗެއް ގެނައުމަށެވެ. އެގޮތުން ޗެލްސީގެ ކުރީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ގެނައުމަށް ރެއާލުން ވާހަކަ ދެެއްކި އެވެ.

ކޮންޓޭ ގެނައުމުގެ މަސައްކަތް، ރެއާލުން ހުއްޓާލީ އޭނާ ގެންނަނަމަ، ޗެލްސީއަށް ބަދަލުގެ ގޮތުގައި 10 މިލިއަން ޔޫރޯ ދޭން ޖެހޭތީ އެވެ. މި ސީޒަން ފެށުމުގެ ކުރިން، ޗެލްސީގެ ކޯޗު ކަމުގެ މަސްއޫލިއްޔަތު ތަކުން ކޮންޓޭ ދުރު ކުރި ނަމަވެސް އޭނާ އާ އެކު އޮތް ކޮންޓްރެކްޓް ޗެލްސީން އުވައެއް ނުލަ އެވެ. ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކުން ކޮންޓްރެކްޓް އުވާލާނަމަ އަގެއް ހުށަހަޅަން ޖެހެ އެވެ.

ރެއާލްގެ ކޯޗު ކަމަށް ވަގުތީ ގޮތުން ސޮލާރީ ހަމަޖެއްސީ، ރެއާލް މެޑްރިޑްގެ ބީ ޓީމު ނުވަތަ ރެއާލް މެޑްރިޑްގެ ކަސްޓިޔާގެ ކޯޗު ކަމުގެވެސް މަސްއޫލިއްޔަތާ އެކު އެވެ. އެއީ ކުރިން ސޮލާރީ ހުރި ވަޒީފާ އެވެ. ސްޕެއިންގެ ފުޓްބޯޅަ ގަވާއިދު ގައިވާ ގޮތުން، ޓީމެއްގެ ކޯޗުގެ މަގާމުގައި ވަގުތީ ކޯޗަކަށް ހުރެވޭނީ ކަނޑައެޅޭ ވަކި މުއްދަތެއްގަ އެވެ. މިިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އެ މުއްދަތު ވަނީ ނިމިފަ އެވެ. އެހެންވެ ރޭގެ ވަގުތެއްގައި ރެއާލުން ވަނީ އެ ޓީމުގެ ދާއިމީ ކޯޗު ކަމުގެ މަގާމަށް ސޮލާރީ ހަމަޖެއްސިކަން އިއުލާން ކޮށްފަ އެވެ. މިހާރު އޭނާއަށް އިތުރު ވަޒީފާއެއް އަދާ ނުކުރެވޭނެ އެވެ.

ސޮލާރީ ވަނީ، ރޭ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާ ބައްދަލު ކޮށްފަ އެވެ. އެ ބައްދަލުވުމުގައި ސޮލާރީއަށް ދޮޅު އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅާނެ ކަމުގެ އިޝާރާތެއް ޕެރޭޒް ވަނީ ދީފަ އެވެ.

ރެއާލްގެ ކޯޗު ކަމާ ސޮލާރީ ހަވާލުވީ، ސީނިއާ ކޯޗިންގެ އެއްވެސް ތަޖުރިބާއެއް ނެތި އެވެ. ނަމަވެސް އޭނާގެ ފުރަތަމަ ހަތަރު މެޗު އޭނާ ވަނީ ބަދަލުތަކާއެކު ކާމިޔާބު ހޯދާފަ އެވެ. އޭނާ ގެނައި އެންމެ ބޮޑު ބަދަލަކީ، ކަސްޓިޔާ ޓީމުގައި މޮޅަށް ކުޅުނު ޒުވާން ކުޅުންތެރިންނަށް އެ މެޗުތަކުން ފުރުސަތު ދިނުމެވެ.

ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ސޮލާރީ ވަނީ ޕެރޭޒުގެ ފުރަތަމަ ދައުރުގެ ކުރީ ކޮޅު ރެއާލް އަށް ކުޅެފަ އެވެ. މަޝްހޫރު ޑޭވިޑް ބެކަމް އާއި މައިކަލް އޮވެން އަދި ޒައިނުއްދީން ޒިދާން އާއެކު ރެއާލްއަށް ކުޅުނު އާޖެންޓީނާގެ ވިންގާ ވަނީ، 148 މެޗުގައި އެ ޓީމަށް ކުޅެފަ އެވެ.