ދިވެހި ސިނަމާ

ފިލްމީ ދާއިރާއަށް އިންގިލާބެއް ގެންނަން ބައިސްކޯފު އެޕް ލޯންޗްކޮށްފި

Nov 13, 2018

ކުލަ ގަދަ ހަފްލާއެއްގައި ބައިސްކޯފު އެޕް ލޯންޗުކޮށްފި އެވެ.

ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާއަށް އިންގިލާބެއް ގެނުވާނެ މި އެޕްލިކޭޝަން ރޭ ލޯންޗްކޮށްފައިވާއިރު މިއީ ދިވެހި ފަންނުވެރިންގެ ދުވަސްވީ ބުރަ މަަސައްކަތްތައް އެއްތަނަކުން ފެނިގެންދާނެ އެޕްލިކޭޝަންއެެކެވެ. ދިވެހި ފިލްމާއި ލަވައިގެ އިތުރުން ޑްރާމާ އާއި މަދަހަ އަދި މުޅިން އަލަށް އުފައްދާ ވެބް ސީރީޒްތައް ވެސް ހިމެނޭނެ އެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ އުފެއްދުމެއް އެއް އެޕްލިކޭޝަނަކުން ފެނިގެންދާއިރު، މިއީ މި ދާއިރާ ކުރިއަށް ގެންދަން ކުރި މަސައްކަތެއް ކަމަށް ބައިސްކޯފުގެ ޓީމުން ބުނެ އެވެ. ސްމާޓް ފޯނުތަކަށް ހާއްސަ މި އެޕްލިކޭޝަން، އެޕް ސްޓޯ އާއި ގޫގުލް ޕްލޭއިން ޑައުންލޯޑް ކުރެވޭނެ ކަމަށް ބައިސްކޯފުގެ ސީ.އީ.އޯ މިރުޝާން 'އަވަސް' އަށް ވިދާޅުވި އެވެ.

ދިވެހި ފިލްމު އިންޑަސްޓްރީއަށް ކާމިޔާބު ފިލްމުތަކާއި ޑްރާމާތައް އުފައްދާދީފައިވާ ފާތިމަތު ނަހުލާގެ ވެބް ސީރީޒް 'ހުވާ'ގެ ޓްރެއިލާ ވެސް ވަނީ މި ހަފްލާގައި ދައްކާލައިފަ އެވެ. ހުވާގެ ފުރަތަމަ އެޕިސޯޑް މި މަހު 29ގައި ބައިސްކޯފު އެޕްލިކޭޝަން މެދުވެރިކޮށް ރިލީޒް ކުރަން ހަމަޖެހިފައިވާއިރު، މިއީ ރާއްޖޭގައި އުފައްދާ ފުރަތަމަ ވެބްސީރީޒް އެވެ. ފިލްމު އިންޑަަސްޓްރީގެ ކުޅަދާނަ އެތައް ފަންނާނުންނެއް މި ސީރީޒްއިން ފެނިގެންދާނެ އެވެ.

ބައިސްކޯފު އެޕް ލޯންޗު ކުރުމުގެ ކުލަގަދަ ހަފްލާގައި، ގިނަ އަދަދެއްގެ އެކްޓަރުންނާއި ޑަރިރެކްޓަރުން އަދި ލަވަ ކިޔުންތެރިންގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާއަށް އެކި ގޮތްގޮތުން ހިދުމަތްކޮށްދީފައިވާ ފަންނާނުން ވަނީ ބައިވެރިވެފަ އެވެ.