އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަސްދީގު ކުރައްވައިފި އެވެ.
ޕާޓީ ބަދަލުކުރާ މަޖިލީހުގެ މެންބަރުންނާއި ޕާޓީއިން ވަކިކުރާ މެންބަރުންގެ ގޮނޑި ގެއްލޭ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު ރައީސް ޔާމީން ތަސްދީގު ކުރައްވާފައިވާކަން ހާމަ ކުރައްވާ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ ޓްވީޓެއް ކުރައްވައިފަ އެވެ.
އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހުން ފެށިގެން އެފަދަ ހާލަތެއް މެންބަރަކަށް މެދުވެރިވެއްޖެ ނަމަ އެ މީހުންގެ މައްޗައް ވެސް ގާނޫނު ހިނގާނެ ކަމަށެވެ. ޖުލައި މަހުގެ 13 ވަނަ ދުވަހަކީ ފްލޯ ކްރޮސް ކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަހެވެ.
އެ ހުކުމަށް ރިއާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވި ޕީޕީއެމްއަށް ނިސްބަތްވާ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި އެވެ. އަދި، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލްވި ކަމަށް މަޖިލީހުން ނިންމި އެވެ.
އެންޓި ޑިފެކްޝަން ގާނޫނު ފާސްކޮށްފައިވަނީ ގާނޫނެއް ފާސްކުރަންޖެހޭ އަދަދަށް މެންބަރުން މަޖިލީހުގެ ތަޅުމުގައި ނެތީހެވެ. އެކަމާ ގުޅިގެން އިދިކޮޅުން ސުޕްރީމް ކޯޓަށް ވެސް ދިޔަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެއީ ޒަރޫރީ ހާލަތެއްގެ ދަށުން ކޮށްފައިވާ ކަމެއް ކަމަށާއި އެހެންވެ ގާނޫނު ބާތިލްކުރަން ނުޖެހޭ ކަމަށެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެ ގާނޫނު އުވާލައްވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވެސް ވިދާޅުވެފައިވެ އެވެ.