ވާހަކަ

ބުނެދޭށޭރުހެމޭ

(11 ނޮވެމްބަރ 2018 އާ ގުޅޭ)

"ކޮންކަމަކާ ގުޅޭ އެއްޗެއް" ރާދިންގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަން އިނދެ އަރްސަލް އަހާލިއެވެ. ފަހަތަށް ދަމާލި ގޮނޑިން ރާދިން ތެދުވެގެން އައިސް އަރްސަލްގެ މޭޒުދޮށުގައި ހުއްޓުނެވެ. އަދި ސިޓީއުރައިން ނެގި ހުރިހާ ލިޔުމެއް އަރްސަލްގެ ކުރިމަތީ ބޭއްވިއެވެ. އޭގެ ފަހުގައި މޭޒު ކައިރީ ހުރި ގޮނޑީގައި ރާދިން އިށީނެވެ.

"މިދެން ބޮޑުވެއްޖެކަމެއްނު... ކައިވެނިކޮށްގެން ކިރިޔާ ތިންމަސް މިވީ، މި ނޮހޮރޮއްޕާނެއް އަނެއްކާ ލައިގަތީ" ކީފާގެ ނަންފެނުމާއެކު އަރްސަލްގެ ޠަބީޢަތަށް ބަދަލުއައެވެ.

"ތީ އެން.އާރް ކޮމްޕެނީގެ ޑޮކިއުމެންޓްސްތަކެއް، އެއީ ނިމްގެ ފެމެލީ ބިޒްނަސްއެއްނު" އެ ލިޔުންތައް ބަލަން އަރްސަލް ބޭނުންނުވާހެން ހީވުމުން ރާދިން ކުރު ތަފްޞީލެއް ދިނުމުގެ ގަސްދުގައި ބުންޏެވެ. އަދި ލިޔުންތަކުގެ ތެރެއިން ކުންފުނީގެ ރަޖިސްޓްރޭޝަންއާ ބެހޭ ކަރުދާސް ނަގައި އެންމެ މަތީގައި ރާދިން ބޭއްވިއެވެ.

"ތީ އޭނާ ކުޅޭ ކުޅިވަރެއްނޫން ކަމެއް ކިހިނެއް އެނގެނީ، ނިމް މިހާރު އެ ކޮމްޕެނީއެއް ބޭނުމެއްނުވޭ، އެހެންވެ އަހަރެން ވެސް އެ ކުންފުނި މިޢުވާނުގެ އަތުން އަތުލަން މަސައްކަތެއް ނުކުރީ، ޒޭވިއާ ބުންޏެއްނު ކޮމްޕެނީ ބޭންކްރަޕްޓް ވުމުގެ މަގުމަތީއޭ އޮތީ، ފައިދާއެއް އެތަނަކަށް ނުވޭ... ރާދު، އަހަރެން ބޭނުމެއްނޫން ކީފާއާ އެއްވެސް ޑީލްއެއް ހަދާކަށް، ހުރިހާ ގޮތަކުން އަހަރެން ބޭނުންވަނީ އޭނާއާ ދުރުގައި ހުންނަން" ކީފާދެކެ ވެފައި ހުރި ފޫސެއްގެ ބޮޑުކަމުން އޭނާގެ އެއްވެސް ކަމެއް ޤަބޫލުކުރަން އަރްސަލް ބޭނުމެއްނުވެއެވެ.

"އަހަރެންގެ ޚިޔާލެއް ބުނަންތަ؟" ތުނިތުނިކޮށް ހުރި ތުނބުޅީގައި ކަނާއަތްތިލަ ހިންގާލުމަށްފަހު ދެއަތް އުރާލައި ގޮނޑީގައި ރާދިން ލެނގިލިއެވެ. އޭނާއަށް ބަލަން އިނދެ އަރްސަލް ބޯޖަހާލީ ހުއްދަދިން ފަދައިންނެވެ.

"އެން.އާރް ކޮމްޕެނީ ނިމްއަށް ޚާއްޞަނުވާނެ ގޮތެއްނޯންނާނެ، އެއީ ނިމްގެ ކާފައާއި މާމަގެ ހަނދާންތައް، އެ ކުންފުނި މިޢުވާނުގެ އަތުން އަތުލަން ނިމް ބޭނުންނުވީ، އޭގެ މާނައަކީ އޭނާއަށް އެ ކުންފުނި މުހިންމު ނޫނީއެއްނޫން، އެހެންނު.... ނިމް އެހެންވެއެއްނު އެ ވިޔަފާރީގެ މަތިން ހަނދާންނައްތާލަން ބޭނުންވީ، އަހަރެމެން މިޢުވާނަށް ކުރި އެއްވެސް ކަމެއް އަދި އެ ބިޒްނަސް ހޯދަން ރޭވި ރޭވުމެއް ވެސް ނިމްއަކަށް ކިޔައެއްނުދެން، އަހަންނަށް ވެސް އެނގޭ އެ ހަޤީޤަތް ނިމްގެ ހަމަޖެހުން ނަގާލާނޭކަން، ބަޓް ހީ ޑިޒާވް އިޓް... އެކަން އަހަރެން ވެސް ޤަބޫލުކުރަން" ރާދިން ވާހަކަދެއްކީ ވިސްނައިގެންނެވެ.

"ވަޓްސް ޔޯ ޕޮއިންޓް ރާދު" ރާދިންގެ ވާހަކައިގެ މުރާދަކީ ކޮބައިކަން އެނގެން ބޭނުންވެ އަރްސަލް ބުނެލިއެވެ.

"އެ ބިޒްނަސް ނިމްއާ ހަމައަށް އެ އައީ އަހަރެމެން އެއްވެސް މީހަކު ކުރިކަމަކުންނޫން، އަހަންނަކަށް މުހިންމެއްނޫން އެ ލިޔުންތައް ފޮނުވި މީހެއް، ޑޮކިއުމެންޓްސްތައް ސައްޙަނަމަ އަހަރެން ބޭނުންވަނީ ނިމްއަށް އޭނާގެ ހައްޤު ހޯދައިދޭން، އެއީ އޭނާ އެކަމަކަށް ރިގެޓްވަމުން އައި މިސްޓޭކެއް، އޭނާގެ ނަފްސަށް މިޢުވާނު ދިން ގެއްލުމަށްވުރެ ނިމް ހާޓްވި އެ ބިޒްނަސް މިޢުވާނު އަތުލުމުން" ރާދިން ސަބަބު ހާމަކުރިއެވެ.

"ޔޫ އާ ރައިޓް... އެކަމަކު މިކަމުގެ ސަބަބުން ނިމްއަށް އިތުރު ސްޓެރެސްއެއް ލިބޭކަށް އަހަރެން ބޭނުމެއްނޫން" އަރްސަލް ބުންޏެވެ.

"ޑޯންޓް ވޮރީ... އަހަރެން ޑޮކިއުމެންޓްސްތަކުގެ ސައްޙަކަން ބަލާނަން، މީ ރިއަލް ޑޮކިއުމެންޓްސްއަށް ވެއްޖެއްޔާ ނިމްގެ ނަންމައްޗަށް ބަދަލުކުރާނީ، އެހާތަނަށް ނިމް ގާތުގައި ބުނާނީ މިވާހަކަ" އަރްސަލްގެ މޭޒުމަތީ ހުރި ލިޔުންތައް ރާދިން އެއްކޮށްލިއެވެ. ވިސްނަން އިން އަރްސަލް ޔަގީންނުވެފައި އިނދެ ވެސް ރާދިންއަށް ވީތީ އޭނާގެ ޚިޔާލާ އެއްބަސްވިއެވެ.

ލިޔުންތައް ހިފައިގެން ރާދިން އައިސް އޭނާގެ މޭޒުގެ ދޮށުގައި އިށީނެވެ. އަދި ހުރިހާ ލިޔުންމެއް ވަކިވަކިން ބަލަން ފެށިއެވެ. ކީފާއަށް އެ ވިޔަފާރި މިޢުވާނު ވިއްކާލީ ކޮންބޭނުމެއްގައި އެނގުމުގެ ޝައުގުވެރިކަން ރާދިންގެ ހިތުގައި އުފެދުނެވެ. ފަތްޖަހާލާފައި އޮތް ނޯޓުކަރުދާސް ރާދިން ހުޅުވާލިއެވެ. ކީފާގެ އަތުލިޔުމުން ތަންކޮޅެއް ދިގުކޮށް ލިޔެފައި އޮތް ނޯޓެކެވެ.

"ރާދު، އަހަރެން މި ލިޔުންތައް ރާދުއާ ހަމައަށް ފޮނުވީ ތީ ރުޅިއަށްވުރެ ބުއްދި އިސްކުރާ މީހެއްކަން އެނގޭތީ، އަހަރެން ދެކެ އަރްސަލް ނަފުރަތުކުރާކަން އެނގޭ، އަހަރެންގެ މި މަސައްކަތް އަރްސަލްއާ ހަމައަށް ހިނގައްޖެނަމަ އަހަރެން ބޭނުންވި މަޤްޞަދު ހާސިލެއްނުވީސް، އަހަރެންގެ މަޤްޞަދަކީ ނިމްރާއަށް އޭނާގެ ހައްޤެއް ހޯދައިދިނުން، ލިޔުންތަކުގައި އެވަނީ މިޢުވާނުގެ ސޮއި، އޭނާގެ އިނގިލީގެ ނިޝާން، އޭނާގެ އަތުން އެ ވިޔަފާރި އަހަރެން ގަތްކަމުގެ ހުރިހާ ލިޔުމެއް، އަހަންނަށް އެ ކުންފުނި މުހިންމެއްނޫން، ބޭނުންވީ މިޢުވާނުގެ އަތުން އަތުލައި އޭގެ ވެރިފަރާތާ ހަވާލުކުރުން، ރާދު... މީ އަހަރެން ހެޔޮ ހިތުންކޮށްދޭ ކަމެއް، މިކަމުގައި އެއްވެސް އޮޅުވާލުމެއްނެތް، އަރްސަލްއާއި ނިމްރާގެ ކުރިމައްޗަށް އަރާކަށް ނުކެރޭނެ، އެހެންވެ ދުރުގައި ހުރެ ހުރިހާކަމެއް ނިންމަން ބޭނުންވީ، އަރްސަލްއާއި ނިމްރާގެ މައްޗަށް ރުޅިވެރިކަމެއް މިހާރުނެތް، އެކަމަކު އަހަރެން ވެސް ވީ ތެދުވެރި ލޯތްބެއް، އެހެންވިޔަސް މިފަހަރު ޚިޔާރުކުރީ ރަނގަޅުގޮތް، ރާދުގެ ނަސޭޙަތާމެދު ކުރީން ވެސް ވިސްނާލެވުނުނަމައޭ ހިތަށް އަރާ، ލިބެންނެތް އެއްޗެއް ހޯދަންކަން އުޅެވުނީ މިހާރު ވިސްނިއްޖެ، ނޭނގުމުގެ ތެރޭ ރާދުއަށް ހާޓް ކުރެވިފައިވާނަމަ މަޢާފަށް އެދެން، އައި އޭމް ސޮރީ ފޯ އެވްރިތިންގް، ތެންކިއު ރާދު އެންޑް ގުޑްބައި" ކަރުދާހުގައިވީ އެއްޗެއް ރާދިން ކިޔާ ނިންމާލިއެވެ. ކީފާއާ ގުޅޭނޭކަމުގައި ބުނެ ކަރުދާހުގެ ތިރީގައި ނަންބަރެއް ޖަހާފައި އޮތެވެ. އެއީ ރާއްޖޭ ނަންބަރެއްނޫންކަން ރާދިންއަށް އެނގުނެވެ.

* * * * *

އޮފީސް ނިންމާފައި ގެއަށް އައީ ރާދިންއާއި އަރްސަލްއާއި ނިމްރާ އެކީގައެވެ. ބޮޑުކޮޓަރިން ވަދެގެން މައްޗަށް އަރަން ހުރި ސިޑިއާ ދިމާއަށް ތިން ޒުވާނުން އައެވެ. މަޑުކުރުމެއްނެތި ރާދިން ހަލުވިކޮށް ހަރުފަތްތައް މަތިން އަރައިގެން ހިނގައްޖެއެވެ. ނިމްރާ ބަނޑުހައިވެފައި ހުރިވަރުން އެނބުރިލީ ބަދިގެއާ ދިމާއަށެވެ.

"މިއަދު ކުރި ޕްރޮމިސްގެ މަތިން ހަނދާންނެތުނީތަ؟" ނިމްރާގެ އުނަގަނޑުގައި ހިފައި ގާތްކޮށްލަމުން އަރްސަލް ބުނެލިއެވެ. ނަމަވެސް ނިމްރާގެ ސަމާލުކަމެއް ނުލިބުނެވެ. އަރްސަލް އެއްފަރާތްކޮށްލައި ކުރިއަށް އޭނާ ހިނގައިގަތީއެވެ.

"ކާއެއްޗެއް ދީބަލަ... ހާންތިވާވަރުވެއްޖެ" ބަނޑުގައި އަތްޖައްސާލައިގެން ހުރެ ބަދިގެއާ ދިމާއަށް އައި ނިމްރާ ބުނެލިއެވެ. އޭނާގެ ފަހަތުން އަރްސަލް ހުރެ އާދެއެވެ.

"މެންދުރު ކޭ އެއްޗިއްސޯ، އަހަރެން ދިޔައިރު ވެސް އިނީ އީވާއާ ދެ މީހުން ބާގާއެއްކާން، އެ ހުރިހާ އެއްޗެއް ކޮންތާކަށް އެޅީ" އަޖައިބުވެފައި ހުރެ އަރްސަލް ބުނެލިއެވެ. ނިމްރާއަށް އެއްޗެކޭ ނުބުނެވެނީސް ބަދިގެ ތެރެއިން ހަލަފްގެ އަޑުއައެވެ.

"ރެޑް... އައި ވޯޒް ވެއިޓިންގް ފޯ ޔޫ... އައި ބްރޯޓް ޔޯ ފޭވަރިޓް" ކާމޭޒުދޮށުގައި އިން ހަލަފް ނިކަން ޖޯޝާއެކު ބުނެލިއެވެ. މޭޒުމަތީ ހުރި ކަސްޓަޑް ކޭކާއި ޗޮކުލެޓް ލާވާ ކޭކު ފެނި ނިމްރާ ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުނު ކަހަލައެވެ. ދަހިވެތި ބެލުމަކުން ކާއެއްޗިއްސަށް ބަލަމުން ތުންފަތުގައި ދޫ ހިންގާލިއެވެ. އަތުގައި އޮތް އަތްދަބަސް ނިކަން އަވަހަށް އަރްސަލްގެ އަތަށް ދީފައި އޭނާ ދިޔަޔަސް އެންމެ ރަނގަޅުކަމުގައި ނިމްރާ ބުނެލިއެވެ. އަނބިމީހާގެ މިހަރަކާތުން އަރްސަލްއަށް ހުރެވުނީ ބުނާނޭ އެއްޗެއް ނޭނގި އާގަމަވެފައެވެ.

"ތި އެއްޗެހިތައް ކައިގެން މިއަދު ހޮޑުނުލާތި" މޫނު ހަދާލަމުން އަރްސަލް ބުނެލިއެވެ. އެ އަޑު ނިމްރާއަށް އިވުނުހެނެއް ހިޔެއްނުވިއެވެ. ފާޑަކަށް ހިނިއައިސްފައި ހުރެ އަވަހަށް އައިސް ހަލަފްއާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.

"އެނގޭތަ އާ ތަނެއް ހުޅުވައިފިކަން، ކޮންއިރަކުން ދާނީ" ހަލަފް ބުނެލިއެވެ.

"އީވް ގޮވައިގެން ދޯ ދާނީ... އެހެންބުނީމަ މި ހަނދާންވީ، މިއަދު އީވް ބަލާ ނުދަންތަ؟" މޭޒުމަތީ ހުރި ހަލަފްގެ ކޮފީތަށި ދުރަށް ޖައްސާލަމުން ނިމްރާ ބުނެލިއެވެ. އޭނާގެ ހަރަކާތްތަކަށް އަރްސަލް ހުރީ ބަލާށެވެ. ނިމްރާ ކޮފީބޯން ބޭނުންނުވާތާ ދެ ދުވަސްވީއެވެ. ކޮފީގައި ނުބައި ވަހެއް ހުންނާތީ ނިމްރާ މޭނުބައިކުރަނީއެވެ.

"އަހަރެންގެ އަންހެނުންނަކީ ކަލޭ ފޫހިފިލުވައިދޭން ހުރި މީހެއްނޫން، ތަންތަނަށް ގޮވައިގެންދާން އެހެން އަންހެނަކު ހޯދާ... ސްކާލެޓް ލެޓްސް ގޯ، ޗޮކުލެޓު ކާހިތްވަންޏާ އަހަރެން ގެނެސްދީފާނަން" ހަލަފްއަށް ބަލަން ހުރެފައި އަރްސަލް ދެން ބަލާލީ ނިމްރާ އަށެވެ. އަދި އޭނާގެ މުލައްދަނޑީގައި ހިފާލުމާއެކު ގޮނޑިން ނަގަން އަރްސަލް އުޅުނެވެ.

"އަރްސަލް... ދެން ތިހާ ކަންތައް ބޮޑުނުކޮށްބަލަ، ރަހަބަލާލަން ދީފާނަމޭ" ނިމްރާ ދެއިނގިލިން ކޭކުކޮޅެއް ނަގައި އަރްސަލްގެ އަނގައާ ކައިރިކޮށްލިއެވެ. އެހިނދު އޭނާ ކަޅިއަޅާލަމުން ނިމްރާގެ އަތް ފޮޅާލިއެވެ. ކާކުކޮޅު މޭޒުމައްޗަށް ވެއްޓުނީއެވެ. ނިމްރާގެ އަތުގައި ހިފައިގެން އަރްސަލް ހިނގައިގަތީ ދެނެވެ.

"ޔޫ އާ ބީން ރޫޑް" ނިމްރާ ތުންހަދާލިއެވެ.

"އަހަރެން... އަހަރެންތަ އަދިވެސް ރޫޑްއީ... ކޮންމެ ދުވަހަކު ކޮންމެވެސް އެއްޗެއް ހުންނާނެ ގެނެސްފައި، އޮފީސް ނިންމާފައި އަންނަ ގަޑީގައި އޭނާ ބަލާނެ އަހަރެން ގާތުން ސްކާލެޓް ގެންދެވޭނެގޮތެއް" ނިމްރާގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް ބަދިގެއިން ނުކުމެ ސިޑިއާ ދިމާއަށް އައި އަރްސަލް ވާހަކަދެއްކިއެވެ.

"ހާދަ މީރޭ" ނިމްރާއަށް ވިސްނުނީ އޭރު ވެސް އަނގައިން ރަހަ ނުކެނޑި ހުރި ކޭކާމެދުއެވެ.

"ޔޫ އާ ޗޭންޖިންގް" އަރްސަލް ބުނެލިއެވެ. އެއަޑު އިވި ނިމްރާ ހިމޭންވިއެވެ. ބުނެދޭން ނޭނގުނަސް އަރްސަލް ބުނެލި ގޮތުން ނިމްރާގެ ހިތުގައި ޖެހުނެވެ.

ކޮޓަރިއަށް އައިސް ވަން ނިމްރާ އަނގައިން ނުބުނެ އަރްސަލްގެ އަތުގައި އޮތް އަތްދަބަސް އަތުލިއެވެ. އެ ހުންނަންވާ ތަނުގައި ބަހައްޓައި ހެދުން ބަދަލުކުރިއެވެ. އަދި ފާޚާނާއަށް އައިސް ވަނެވެ. ނިމްރާ ފެންވަރައިގެން ނުކުންނާނޭހާ އިރުވެގެން ދިޔައިރު ވެސް އޭނާ ނުނިކުތުމުން އަރްސަލް ފާޚާނާއަށް ވަނެވެ. ބިލިގާގެ ތެރޭގައި ދެފައި ކުރުކޮށްލައިގެން ނިމްރާ އިނެވެ. އަރްސަލް ވަނުމުން ނުރުހުން ފާޅުކުރިއެވެ. ވީގޮތެއް އަރްސަލްއަށް ނަގައިނުގަނެވިގެން އުޅެނިކޮށް ނިމްރާ ދެބަސްވާންފެށިއެވެ. އަމިއްލައަށް ރުޅިގަދަވެފައި އެހާ އަވަހަށް ނިމްރާ ރޯން ފަށައިފިއެވެ. ހިތުގައިޖެހިގެން ރޯ ފަދައެވެ. އަރްސަލްގެ ބޯގޮވާގޮތްވިއެވެ. ނިމްރާ ރުއިމަކީ އޭނާ އެންމެ ކަންބޮޑުވާކަންތަކެވެ. އަވަސް އަވަހަށް ނިމްރާ ކޮޅަށް ނެގީ އޭނާ އެ އިންނަނީ ފާޚާނާއިން ނުނިކުންނަން އެނގިގެންނެވެ. ބިލިގާގެ ތެރޭ ބަހައްޓައިގެން ނިމްރާގެ ގައިގާ ހިއްކާދިނުމަށްފަހު އޭނާގެ އިތުރު ތުވާއްޔަކުން އެ ހަށިގަނޑު ނިވާކޮށްލިއެވެ. އަދި ލޯތްބާއެކު ނިމްރާ ގޮވައިގެން ފާޚާނާއިން އަރްސަލް ނުކުތެވެ.

"އައި އޭމް ސޮރީ... ދެން ހުއްޓާލާ... ބަލާ އިނގިލިތައް ވެސް މިހިރީ މޭލިބޮއެފަ... ތިހެން ހުއްޓާ ފިނިވެގެން ރޯގާޖެހިދާނެ، މިރޭ ދުއްވާލަން ދާންވާނެ ދޯ، ބޭރަށް ނުކުމެފައި ސްކާލެޓް ބޭނުން އެއްޗެއް ގަނެދޭނަން، އޯކޭ އެއްނު، ދެން ހުއްޓާލާ... އައި ލަވް ޔޫ" ކުޑަކުއްޖަކު މަސަލަސް ކުރަން އުޅޭހެން އަރްސަލް ވާހަކަދެއްކިއެވެ. އެންމެ އަވަހަށް ޖެހުނު އަރްސަލްގެ ގަމީހެއް ނަގައި ނިމްރާ ލެއްވުމަށްފަހު ގޮނޑީގައި ބައިންދައިގެން ނިމްރާގެ އިސްތަށިގަނޑު ހެއާޑްރައިއާއިން ހިއްކައިދޭން ފެށިއެވެ.

"އައި އޭމް ޓަޔަޑް" ނިމްރާ މަޑުމަޑުން ބުނެލިއެވެ.

"ނިދާލަންތަ ބޭނުމީ" އަރްސަލް އަހާލިއެވެ. އެއާއެކު ނިމްރާ ބޯޖަހާލިއެވެ. އޭނާ ގޮވައިގެން އައިސް އަރްސަލް އެނދުގައި އޮށޯތީއެވެ. ދަމާލެވިފައި އޮތް ކަނާއަތުގެ ތެރޭ ނިމްރާ ބާއްވާލައިގެން ގަޔާ ކައިރިކޮށްލައިގެން އޮތެވެ. އެހެން އޮތްއިރު ދޭތެރެއަކުން ނިމްރާގެ ނިތްކުރީގައި އަރްސަލް ބޮސްދެއެވެ.

* * * * *

"ކޮބާ އަރްސަލްއާއި ނިމްރާ" ސައިބޮއެގެން މޭޒުކައިރިން ފޭބި ބިލާލު އަހާލީ ރާދިންގެ ގާތުގައެވެ.

"ކޮޓަރީގަހެން ހީވަނީ، އަޅުގަނޑާއެކު އޮފީހުން ގެއަށް އައި" ރާދިން ބުންޏެވެ.

"ދަރިފުޅުމެން ތަނަކަށް ދާންތަ ތިއުޅެނީ" ބިލާލު އަހާލީ ރާދިންގެ ގާތުގައި ހުރި ޝިހާނާ ރީތިވެލައިގެން ހުރި ގޮތުންނެވެ.

"އާނާ ގޮވައިގެން ހޮސްޕިޓަލަށް ދާންމިދަނީ" ރާދިން ބުނެލިއެވެ.

"ހެނދުނު ޑިއުޓީކަމަށް ބައްޕަ ހީކުރީ" ބިލާލު ބުންޏެވެ.

"ކަމަކު މިދަނީ" ޝިހާނާ ބުންޏެވެ.

"އަޅުގަނޑުމެން ގޮސްލީއޭ ބައްޕާ" ޝިހާނާ ގޮވައިގެން ބޮޑުކޮޓަރިން ނުކުންނަން ރާދިން ހިނގައިގަތީ ބިލާލު ބޯޖަހާލުމުންނެވެ.
ޝިހާނާ ގޮވައިގެން ރާދިން އައިސް ޕާކުކޮށްފައި އޮތް ކާރަށް އެރިއެވެ. ކާރު ދުއްވާލުމުގެ ބަދަލުގައި އޭނާ ފަރުވާތެރިކަމާއެކު ޝިހާނާއަށް ބަލާލިއެވެ. ރާދިންއާ ހަތަރުކަޅި ހަމަކުރަން އުނދަގޫވެ ޝިހާނާ އިސްޖަހާލީއެވެ.

"ޓެސްޓް ހެދީމަ ޔަގީންވާނެތަ" ރާދިން ވެސް އިނީ ހާސްވެފައި އިންހެނެވެ. ޝިހާނާ ބޯޖަހާލީ އާނއެކޭ ބުނުމަށެވެ.

"އާނާ... ޔޯ ކެރިއާ... އައި އޭމް ސޮރީ، ކުރިން މިކަމާމެދު އެއްވެސް ވަރަކަށް މަޝްވަރާ ނުކުރެވުނީމަ، އާނާ ރެޑީތަ މަންމައަކަށްވާން" ރާދިން އަހާލިއެވެ.

"އަހަންނަށް ވެސް އެނގޭ މެރީކޮށްގެން އުޅޭއިރު މިހެންވެދާނެކަން، އައި އޭމް އޯކޭ... އަވަހަށް ހޯދީމައެއްނު ރަނގަޅުވާނީ" ޝިހާނާ ބުންޏެވެ. ރާދިން އޭނާގެ އަންހެނުންގެ އަތުގައި ހިފާލިއެވެ.

"އައި އޭމް އެކްސައިޓެޑް އެންޑް ވޮރީޑް ޓޫ... ޓެސްޓް ރިޒަލްޓް ޕޮޒިޓިވްވެއްޖެއްޔާ..." ރާދިން ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުކުރިއެވެ. ލޯބިން ޝިހާނާގެ ކޯތާފަތުގައި އޭނާ ބޮސްދިނެވެ.

"ޕޮޒިޓިވްވާނެ، އެއީ ޔަގީންކަމެއް... އަހަންނަށް އަހަރެންގެ ހަށިގަނޑު އެނގޭ" ހިނިތުންވުމެއް ރާދިންއާ ބަދަލުކޮށްލަމުން ޝިހާނާ ބުންޏެވެ. ހިނިތުންވެލި ރާދިން ކާރު ދުއްވާލީ ދެނެވެ. ލިބެން އުޅޭ އުފާވެރި ޚަބަރުން އޭނާގެ ތުންފަތުގައިވި ހިނިތުންވުން ފަޅި ސިކުންތަކަށް ވެސް ފިލައިގެން ނުދިޔައެވެ. އެއްއަތުން ކާރުގެ ހުންގާނުގައި ހިފަހައްޓާލައިގެން އަނެއްއަތުން ޝިހާނާގެ އަތާއިއަތް ގުޅާލައިގެން އިނދެ ހޮސްޕިޓަލާ ދިމާއަށް ރާދިން ދުއްވަމުން ދިޔައެވެ.

އިޝާ ނަމާދުކޮށްގެން ކޮޓަރިން ނުކުތް ޝަރުމީނު އައިސް ހަލަފްގެ ކޮޓަރީގައި ޓަކިޖެހިއެވެ. ދޮރުހުޅުވާފައި ހުރިކަން އެނގުނީ ޝަރުމީނު ޓަކިޖަހާލުމުން ދޮރުފަތް އެތެރެއަށް ޖެހިލީމައެވެ. އެނދުގެ ފައިލާކޮޅުގައި އިށީނދެގެން ހަލަފް އިނީ ފޯނާ ކުޅޭށެވެ. އޭނާގެ ކަންފަތް ނިވާވާވަރު ބޮޑު ހެޑްފޯނެއް އަޅައިގެންނެވެ. ކޮޓަރިއަށް ވަން ޝަރުމީނު ފެނުމުން ހަލަފް ކޮށްލީ އިޝާރާތެކެވެ. އޭނާއަށް އެވަގުތު ވާހަކަދެއްކެން ނެތްކަމެވެ. ދެ ފަރާތަށް ބޯހޫރުވާލި ޝަރުމީނު ވާހަކަދައްކަން ފެށުމުން ހަލަފްގެ ކަންފަތާއި ހެޑްފޯނު ދުރުކޮށްލިއެވެ.

"މަންމަ މިދަނީ ބަދިގެއަށް، ތި ފޯނު ބާއްވާފައި އާދެބަލަ" ޝަރުމީނު އިތުރަށް ބުނި އެއްޗެއް ހަލަފްއަށް އަޑުނީވޭނޭކަން ޚުދު އޭނާއަށް ވެސް އެނގުނެވެ. ހަލަފް އަވަސް އަވަހަށް ބޮޑުވައި އިނގިލި ދައްކާލަމުން ބޯޖަހާލައިފައި ފޯނަށް ސަމާލުވެލިއެވެ.

ގޭގެ ގެންގުޅޭ ކުއްޖާއާއެކު ބަދިގޭގައި ޝަރުމީނު އުޅެނިކޮށް ހަލަފްއައެވެ. އައިސްއަލަމާރީގައި ހުރި ކޭކުތައް ފެނުމުން އެއީ ހަލަފްގެ ކަމެއްކަން އޭނާއަށް އެނގެއެވެ. އެކަމާ ޝަރުމީނު ސުވާލުކުރުމުން މަޖާވެފައި ހުރެ ނިމްރާ އޮފީހުން އައި ގަޑީ ހިނގައިދިޔަ ކަންތައް ކިޔައިދިނެވެ.

"ހަލަފް، ސަމާސާ ވިހަވާ ހިސާބަށް ކަންތައް ނުގެންދައްޗޭ، އަރްސަލް ބުނީ ވެސް ދޮގުވާހަކައެއްނޫނެއްނު، އޭނާގެ އަންހެނުން ގޮވައިގެން ހަލަފް ކީއްކުރަން ދާންވީ" ޝަރުމީނު ބުނެލިއެވެ.

"ދޮންބެ ރުޅިގަދަވީމަ ކިހާ މަޖާ، ރެޑްއާ ނުގުޅުވަންޏާ ދޮންބެގެ ސަމާލުކަމެއް ނުލިބޭނެއޭ" ހަލަފް ބުންޏެވެ.

"އަރްސަލް ސަމާލުކަން ނުދީފަ ކޮބާތަ؟ ކުރިން ދުވަހު މަންމަ އަޑުއެހިން ބައްޕަ ގާތު އެހިއަޑު، ހަލަފްގެ ގްރެޖުއޭޝަން އޮތީ ކޮންއިރަކުތޯ، ހަލަފް ކުރަން ގަސްދުކުރަނީ ކޮންކަހަލަ މަސައްކަތެއްތޯ، ހަލަފްގެ ތި ދޮންބެ ދަރިފުޅުގެ ބައްޕައަށް ލެކްޗަރެއް ދިނީ ވެސް... ހަލަފް ބުނިހާ ވަރަކަށް ފައިސާ ނުދޭށޭ ކިޔާފައި، ހަލަފް ބޭނުންހާ އެއްޗެއް ހޯދައި ނުދޭށޭ ވެސް ބުނި" ޝަރުމީނުގެ ތުންފަތުގައިވީ ދަރީންގެ ސަބަބުން މައިމީހާގެ ހިތަށް ލިބޭފަދަ ހިތްހަމަޖެހުން ރަމްޒުކޮށްދޭ ހިނިތުންވުމެކެވެ.

"ރެޑް ބުންޏޭ އަޅުގަނޑުގެ ގްރެޖުއޭޝަންއަށް ދާނަމޭ، ރެޑް ބުނެފިއްޔާ ދޮންބެ ޖެހޭނީ ޤަބޫލުކުރާކަންނު، އެ އުޅެނީ އަޅުގަނޑުގެ އެލަވެންސް ބައްޕަގެ ބޮލަށް އެރިގެން ކަނޑާލަން ބޭނުންވެގެން... ރެޑް ބްރައިބްކުރާތީ އެކަމުގެ ބަދަލުހިފަން... އައި ނޯ ދެޓް ޑެވިލް" ހަލަފް ބޯޖަހާލީ އަމިއްލަ ބަހަށް ބާރުދޭންށެވެ. އޭނާއަށް އަރްސަލްގެ މަޤްޞަދު އެނގޭކަމަށް އެވަގުތު ޤަބޫލުކުރެވޭތީއެވެ. އެވަގުތު އުނދުންކައިރީ ހުރި ޝަރުމީނު އެނބުރިލައި ހަލަފްއަށް ބަލާލިއެވެ.

"އެ ނަމުން އަރްސަލްއަށް ނުގޮވާށޭ މަންމަ ކިތައްފަހަރު ބުނާނީ" ޝަރުމީނު މިހެން ބުނެލުމާއެކު ހަލަފް ޖަހާލީ ހިނިގަނޑެކެވެ.

"ހަލަފް ވެސް ތިގޮތް ބަދަލުކޮށް ތަންކޮޅެއް ހަރުދަނާ ވާންވެއްޖެ، ރާދިންއާއި އަރްސަލް އުޅޭގޮތް ދަސްކޮށްބަލަ، ދިރިއުޅުމެއް ފަށާއިރު ވެސް ހަލަފްއަށް އަމިއްލަ ފައިމައްޗަކަށް ނުތެދުވެވޭނެކަންނޭނގެ" ޝަރުމީނު ބުނެލިއެވެ.

"އެހާ އަވަހަކަށް އަޅުގަނޑު ގަސްދެއްނުކުރަން މެރީ ކުރާކަށް، މަންމަ ހާސްނުވެބަލަ، ދޮންބެއާއި ރާދުބެވަރު ނުވިޔަސް އަޅުގަނޑު ވެސް މަސައްކަތެއް ކުރާނަމޭ" ހަލަފް ހަމަޖައްސާލިއެވެ.

"ހޫން ދެން ހެވޭ، ހަލަފްގެ އަނގަޔަކުން ނާރާނެ، ދޭބަލަ ދޮންބެމެންގެ ޚަބަރެއް ބަލާލަން، އިރުކޮޅަކުން ބައްޕަ އަންނާނެ... ކާން އަންނާނަންތޯ އަހާބަލަ" ޝަރުމީނު އެދުނެވެ. ހަލަފް އައިލެންޑް ދޮށުން ތެދުވެގެން ހިނގައިގަތީ ޝަރުމީނު އެދުނުކަންތައް ފުރިހަމަކޮށްދޭށެވެ.

ރޭގަނޑުގެ ކެއުމުގައި އަރްސަލްމެންގެ ދެމަފިރިން ބައިވެރިއެއް ނުވިއެވެ. އެ މީހުން ބޭރަށް ދަނީކަމުގައި ބުނުމުން އެކަކު ވެސް ސުވާލެއް ނުކެރެއެވެ. ބޮޑުކޮޓަރީގައި ހުރިހާ މެންބަރުން މަޑުކޮށްލައިގެން ތިބީ ވާހަކައިގައެވެ. އެއީ ކޮންމެ ރެއެއްގެ ވެސް ކެއުމަށްފަހު އެކަން އޮންނަ ގޮތެވެ. ގަޑިއަށް ބަލަމުން ދިޔަ ރާދިންއަށް ބިލާލު ސުވާލުކޮށްލީ އޭނާ ތަނަކަށް ދާންވެފައި އޮތީތޯ އަހާލަމުންނެވެ. ރާދިން ދެ ފަރާތަށް ބޯހޫރާލިއެއްކަމަކު ޝިހާނާއަށް ހަޤީޤަތް އެނގެއެވެ. ލޭގެ ރިޕޯޓު ނަގަން ދާންޖެހޭ ވަގުތު ޖެހެނީކަން އޭނާއަށް އެނގުނެވެ. ނަސީބު ރަނގަޅު ކަމުން ޒިވަންގެ ކޯލެއް ރާދިންއަށް އައީ އެވަގުތުއެވެ. އޮފީސްކަމަކު ބޭރަށް ގޮސްފައި އެބައަންނަން ކަމުގައި ރާދިން ބުނެލިއެވެ. އެހާ ލަސްވަންދެން ނީނދެ ޝިހާނާ ކޮޓަރިއަށް ދިއުމަށް ރާދިން އެދުނެވެ. އަދި ފޯނުކޯލަށް ޖަވާބުދެމުން ގެއިން ނުކުންނަން އޭނާ ދިޔައެވެ.

"ބެލީތަ މިހާރު" ރާދިން އަހާލީ ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުންދިޔަ ޒިވަންގެ ގާތުގައެވެ.

"އެ ލިޔުންތަކުގައި މައްސަލައެއްނެތް، އެއީ މިޢުވާނުގެ ސޮއި، މިޢުވާނު ހުރީ ގޭ ބަންދަށް ބަދަލުކޮށްފައި، އަހަންނަށް ހީވަނީ ކީފާ ޑީލްއެއް ހެދީހެން، މިޢުވާނުގެ ވަކީލަކަށް އޭނާ ސޮއިކޮށްފައި އޮތް... ހީވަނީ ގޭ ބަންދަށް ބަދަލުކުރީ ކީފާގެ މަސައްކަތުންހެން، މާދަމާ ފުލް ރިޕޯޓެއް ލިބޭނެ، އޭރުން ހުރިހާ ހަޤީޤަތެއް އެނގޭނެ" ޒިވަން ބުންޏެވެ.

"އޯކޭ... މިކަމުގެ ހަޤީޤަތް ހޯދުނިއްޔާ ހޯދޭނެ މީހަކީ ހަމައެކަނި ތީ، ހުރިހާކަމެއް އެނގުނީމަ އަރްސަލް ގެންނާނީ" ރާދިން ބުންޏެވެ.

"ހިނގާބަލަ ކޮފީއަކަށް އަރާލަން" ޒިވަން ބުނެލިއެވެ.

"ސޮރީ މޭން، މިރެއަކުނޫން... މިދަނީ ކަމެއްޖެހިގެން" ރާދިން ބުނެލިއެވެ.

"މީހުންނާ އިނީމަ ތި ދެ މީހުން ލޮލަށް ދައްކާލަނީ ހާލަކުން ފަހަރަކު" ޒިވަން ޝަކުވާކޮށްލިއެވެ.

"މިއަދު ވެސް އޮފީހުގައި ކޮފީއަކަށް އެރީމެންނު... ތިހެން ނުބުނެވޭނެ" ރާދިން ބުންޏެވެ. އެއާއެކު ޒިވަން ހިނިގަނޑެއް ޖަހާލިއެވެ. ފޯނުކޯލު ނިންމާލިއިރު ރާދިން ހުރީ މަގުމަތީ ދުވާރުގައި މަޑުކޮށްލައިގެންނެވެ. އަރްސަލްވީ ނިމްރާ ގޮވައިގެން ކާރުގައި ނުކުމެކަން އެނގި ރާދިން އެރީ ސައިކަލަށެވެ.

ރިޕޯޓު ހިފައިގެން ގެއަށް އައިގޮތަށް ރާދިން ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭރު އެނދުގައި ޓީވީ ބަލަން ޝިހާނާ އޮތެވެ. ރާދިންގެ މޫނުގެ ކުލަވަރުފެނި ހުރިހާކަމެއް ޝިހާނާއަށް ސާފުވިއެވެ. އޭނާއަށް ވެސް ހިނިތުންވެވުނީ އެހެންވެއެވެ. ކޮޓަރީގެ ދޮރުލައްޕާލި ގޮތަށް ރާދިން އައިސް ޝިހާނާގެ ގައިގާ އޮޅުލައިގަނެއްޖެއެވެ.

"ތެންކިއު" ޝިހާނާގެ މޫނުގެ އެތަންމިތަނުގައި ބޮސްދެމުން ރާދިން ބުންޏެވެ.

"އަހަރެން ބުނީމެންނު ޕޮޒިޓިވްވާނެއޭ" ރާދިންގެ އަތުގެތެރޭގައި އޮތް ޝިހާނާ ބުނެލިއެވެ.

"ކޮންއިރަކުން އެންމެން ގާތު ބުނާނީ" ރާދިން އަހާލީ ޝިހާނާގެ ގާތުގައެވެ.

"ލަސްކުރާނެކަމެއްނެތެއްނު، މާދަން ވެސް އޯކޭ" ޝިހާނާ ބުނެލިއެވެ. ރާދިން އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އޭނާއަށް އުފަލުން ގޮސް އަނބިމީހާގެ ގައިން ދޫކޮށްލާކަށް ބޭނުމެއްނުވިއެވެ. ޝިހާނާ ލައިގެން އޮތް ޓޮޕުކޮޅު ހިއްލާލައި އޭނާގެ ބަނޑަށް ރާދިން ބަލާލިއެވެ. އެބަނޑުގައި އޭނާ ފިރުމާލިއެވެ. އަދި ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަމުގެ ފޮނި ހުވަފެން ހަޤީޤަތަކަށްވާން އުޅޭކަން އެނގި އުންމީދުތައް ދުލުން ބޭރުވެގެންދިޔައެވެ. ރާދިންއަށްވުރެ ބޮޑަށް މާބަނޑުވުމުގެ ކަންކަން ޝިހާނާއަށް އެނގޭތީ އޭނާ ރާދިންއަށް ކަންކަން އޮޅުންފިލުވައިދިނެވެ. (ނުނިމޭ)