ހަބަރު

އާ ސަރުކާރުން އާސަންދައިގެ 1.2 ބިލިއަން ރުފިޔާގެ ބިލާ ހަވާލުވާން ޖެހޭ

އާސަންދައިގެ އެކި ހަރަދުތަކަށް ސަރުކާރަށް ބިލް ނައިސްހުރި ނުވަތަ ބިލް ނުކުރެވިހުރި އެއްބިލިއަނަށްވުރެ ގިނަ ރުފިޔާގެ ބިލްތަކާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ސަރުކާރަށް ހަވާލުވާން ޖެހޭ ކަމަށް ލަފާކުރެވޭ ކަމަށް ޓްރާންސިޝަނަލް ކޮމިޓީ އިން ބުނެފި އެވެ.

ޓްރާންސިޝަން ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ މުހައްމަދު ނާޝިޒް ވިދާޅުވީ، 2017 ވަނަ އަހަރުވެސް ނުދައްކާހުރި ބިލްތަކެއްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާގެ ބިލް އެބަހުރި ކަމަށާއި އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ނުދައްކާ ހުރި ބިލްތަކުން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނީ ކިހާވަރެއްކަން ނޭންގޭ މައްސަލަ ކަމަށެވެ.

އެމްޑީޕީގެ އިގްތިސޯދީ ކޮމިޓީގެ ނައިބް އިބްރާޙިމް އަމީރު ވިދާޅުވީ، ޓްރާންސިޝަން ކޮމިޓީ އިން އެކި ތަންތަނަށް ކުރި ޒިޔާރަތްތަކުގައި އެނގިގެން ދިޔަ ކަމަކީ އާސަންދާގައި ވެސް ވަރަށް ބޮޑު ލޫޕް ހޯލެއް އިން ކަމަށާއި ހަރަދު ކުރެވޭ ނުކުރެވޭ ގޮތްވެސް ނޭންގިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ލަފާކުރެވޭ އަދި ސަރުކާރަށް ބިލް ނައިސްހުރި، ބިލް ނުކުރެވިހުރި އެއްބިލިއަން ރުފިޔާގެ ބިލް، އަޅުގަނޑުމެން ސަރުކާރާ ހަވާލުވީމަ އަންނާނެ ކަމަށް، އެއީ 2019 ވަނަ އަހަރުގެ ބަޖެޓް ހެދީމަ، އަމިއްލަ ސިޔާސަތުތައް ހިންގަން ލިބޭނެ ވަރަށް ބޮޑު ގޮންޖެހުމަކަށްވާނެ،"

އަމީރު ވިދާޅުވީ، މި ބަޖެޓަކީ އިބޫގެ ފަރާތުން ހުށަހެޅިފައިވާ ބަޖެޓެއް ނޫން ކަމަށާއި ވެފައިވާ ވައުދުތަކާއި މެނިފެސްޓޯގައި ހިމެނޭ ކަންކަން ބަޖެޓްގައި ހިމަނަން ފުރުސަތުވެސް ވަގުތުވެސް ލިބިފައިނުވާ ކަމަށެވެ.

"އަސްލު ހަގީގަތުގައި މިނިސްޓްރީތަކުން ލިބެންޖެހޭ މިންވަރަށް އެންމެ ބޮޑު އެހީއެއް ނުލިބެ، މުޅި ބަޖެޓަކީ އަޅުގަނޑުމެންގެ ބަޖެޓެކޭ ދެންނެވޭކަށްނެތް، އަޅުގަނޑުމެން ހިމަނާފައިވާނެ ހިންގަން ބޭނުންވާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް، އަޅުގަނޑުމެން ފޮނުވާފައިވާނެ ފިނޭންސްއަށް އަޅުގަނޑުމެން އަލަށް ފަށަން ބޭނުންވާ ޕްރޮޖެކްޓްތައް،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، އުންމީދަކީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ބަޖެޓް ސާޕްލަސް ވެގެން ދިއުން ކަމަށާއި މިހާރު އިތުރުވެފައިވާ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ގެންނަން ބޭނުންވާ ކަމަށެވެ. މި ބަޖެޓްގައި ދަރަނި ވަރަށް ބޮޑު ކަމަށާއި އެހެންކަމުން ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ޖާގަ ނުލިބޭ ކަމަށްވެސް އަމީރު ވިދާޅުވި އެވެ.

"މި ސަރުކާރުގެ ދަރަނި އަދާކުރަން ހަތަރު ބިލިއަނަށްވުރެ ގިނަ ރުފިޔާ އެބަދޭ، އެހެން ކަމުން ރަށްރަށުގައި އަޅުގަނޑުމެން ހިންގާ މަޝްރޫއުތައް ހިންގުމުގެ ޖާގަ ވަރަށް ކުޑަވެގެން އެބަދޭ. ދައުލަތަށް ލިބޭ އާންމުދަނީ 23 މިލިއަން ލިބޭނެ ކަމަށް އުންމީދު ކުރަނީ،" އަމީރު ވިދާޅުވި އެވެ.