ހުރިހާ ދީނަކަށް ވެސް އިހްތިރާމް ކުރާ ކަމަށާއި ތަފާތު އެކި ސަގާފަތްތަކާއި ދީންތަކުން ދަސްކޮށް އިބްރަތް ހާސިލުކުރުމަކީ އޭނާގެ ދަތުރުގެ އެންމެ ބޮޑު އެއް މަގުސަދު ކަމުގައި ޖެމެއިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝޯން ޕޯލް ބުނެފި އެވެ.
ގްރެމީ ހާސިލުކޮށްފައިވާ ލަވަކިޔުންތެރިޔާ މިހެން ބުނެފައި ވަނީ ރާއްޖޭގައި ދިނުމަށް ހަމަޖެހިފައިވާ ޝޯއާ ގުޅިގެން އޭނާ އަށް "މަރުގެ އިންޒާރު" ދީ މި މައްސަލަ ހޫނުކޮށްލާފައި ވަނިކޮށް އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ދިވެހިންނަށް ހާއްސަކޮށް ޝާއިއުކުރި މެސެޖެއްގަ އެވެ.
މި މެސެޖުގައި އޭނާ ގޮވާލާފައި ވަނީ ވަކި ދީނަކަށް މީހަކު ތަބާވާތީ އެ މީހަކާ މެދު ވަކި ގޮތަކަށް ދެކެ ތަފާތުކުރުމެއް ނުގެންގުޅުމަށެވެ.
"ހުރިހާ ދީންތަކަށާއި ސަގާފަތަކަށް އަޅުގަނޑުގެ ފުރިހަމަ އިހްތިރާމް އެބައޮތް. އަޅުގަނޑު މިފަދަ ދަތުރުތައް ކުރުމުގެ އެއް ބޭނުމަކީ މި ދީންތަކާއި ސަގާފަތްތަކުން ދަސްކޮށް އެމީހުންނާ ހިއްސާވެލުން،" ޝޯން ޕޯލްގެ މެސެޖުގައި ބުނެފައިވެ އެވެ.
"ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވެސް އަޅުގަނޑު އިހްތިރާމްކުރަން. އެކަމަކު ވަކި މީހެއްގެ ދީނީ ގަބޫލުކުރުމަކަށް ނިސްބަތްކޮށް އެމީހަކާ މެދު ގޮތެއް ކަނޑައަޅައި ތަފާތުކޮށްގެން ނުވާނެ."
ޝޯން އިތުރަށް ބުނެފައި ވަނީ ކުރިއަށް އޮތް އާ އަހަރުގެ މުނާސަބަތުގައި އޭނާ އެދެނީ ހުރިހާ ދީންތަކެއްގެ މީހުންނަށް ވެސް ސުލްހަވެރި ދުވަސްތަކަކަށް ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދިވެހިން އޭނާ އަށް ކިޔަމުންދާ ހޫނު މަރުހަބާ ފާހަގަކޮށް އެކަމަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.
ޝޯން ޕޯލް ގަލޮޅު ރަސްމީ ދަނޑުގައި ޕާފޯމްކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ އެވެ. މި އިވެންޓާ ގުޅިގެން އޭނާ އަށް ބަޔަކު "މަރުގެ އިންޒާރު" ދީފައިވާއިރު ރަސްމީ ފަރާތްތަކުން ދަނީ މިހާރު އެ މައްސަލަ ބަލަމުންނެވެ.
ނަމަވެސް އިންޒާރާ ގުޅިގެން ޝޯން ޕޯލްގެ ޝޯ ކެންސަލް ނުކުރާނެ ކަމަށް މި އިވެންޓް އިންތިޒާމްކުރާ ޗޮޕްއާޓް އިން ވަނީ ބުނެފަ އެވެ. އެމީހުން ބުނެފައި ވަނީ ފުލުހުންނާއި ސިފައިން އިވެންޓް ސަލާމަތީ ކަންކަމަށް އެއްބާރުލުން ދޭއިރު މި އިވެންޓް ވެގެންދާނީ ރާއްޖޭގައި ސަލާމަތީ ފިޔަވަޅުތައް މި ވަރަށް ވަރުގަދަކުރާ އެންމެ ބޮޑު އިވެންޓަށް ކަމަށެވެ.
ހިލޭ ސާބަހަށް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޝޯ ބެލުމަށް ދަނޑަށް ވަންނަ އެންމެން މެޓަލް ޑިޓެކްޓާ މެދުވެރިކޮށް ފާސްކުރާނެ އެވެ.