ހަބަރު

އިބޫގެ ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދެނީ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން މަތީ ތައުލީމު ހިލޭ ފޯރުކޮށް ދިނުމަށް 50 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނައިފި އެވެ.

ބަޖެޓްގައި ހިމަނާފައިވަނީ، ފުރަތަމަ ޑިގްރީއާ ހަމައަށް ރާއްޖެއަށް ކިޔެވުމާއި ހަމައަށް ހިނގާ ހަރަދު ދައުލަތުން ހަމަޖައްސައިދިނުމަށް އަންނަ އަހަރު 50 މިލިއަން ހަރަދު ކުރުމަށެވެ. އަދި 2020 އަހަރާއި 2021 ވަނަ އަހަރަށް ލަފާކޮށްފައިވަނީ 175 މިލިއަން ރުފިޔާ އެކަމަށް ހަރަދުވާނެ ކަމަށެވެ.

އިބޫ ވިދާޅުވެފައިވަނީ، އޭނާގެ ތައުލީމީ ސިޔާސަތުގެ ދަށުން ރާއްޖޭގައި މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ހިލޭ ކިޔެނޭ ގޮތް ހަދައިދެއްވާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް އިންޓްރެސްޓް ކުޑަ ލޯނު ސްކީމެއް ތައާރަފްކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ އޭގެ ދަށުން ހުރިހާ ދަރިވަރުންނަށް ފަސޭހައިން އެ ދަރިވަރަކު ބޭނުންވާ ގައުމުތަކުން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އިބޫ އިތުރަށް ވިދާޅުވެފައިވަނީ، މިހާރު ވެސް ބޮޑެތި ލޯނުތައް ނަގައިގެން ދިވެހި ދަރިވަރުން އެކި ގައުމުތަކުގައި ތައުލީމް ހާސިލް ކުރަމުންދާ ކަމަށާއި އޭނާ ތައާރަފްކުރާ ލުއި ލޯނު ސްކީމް ތައާރަފްކުރުމާއެކު މިހާރު ކިޔަވާ ދަރިވަރުންނަށް ވެސް އޭގެ ތެރެއަށް ވަނުމުގެ ފުރުސަތު ހުޅުވާލައްވާނެ ކަމަށެވެ.

ޓްރާންސިޝަން މާލީ ކޮމެޓީގެ ޗެއާ މުހައްމަދު ނާޝިޒް ވިދާޅުވީ، މަތީ ތައުލީމް ހިލޭ ކިޔެވުމަށް ބަޖެޓްގައި ހިމެނިފައިވާނެ ކަމަށެވެ. މިހާރު ޑިގްރީ ހާސިލް ކުރަމުންދާ ކުދިންނަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުން ދެއްކޭ ގޮތަށް ހަމަޖެހިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނާޝިޒް ވިދާޅުވީ، އެކަމާ ގުޅޭ ޕޮލިސީސްތަކާއި އެހެނިހެން ކަންކަން ލައިން ކޮމިޓީއިން ނިންމައި ކަނޑައެޅިގެންދާ އުސޫލެއްގެ ތެރެއިން ކަންކަން ނިމިގެންދާނެ ކަމަށެވެ.