ނޫސްވެރިންނަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާ، މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލާ ގޮތަށް ހެދުމަށް ސަަރުކާރުގެ ފަރާތުން ހުށަހެޅި މީޑިއާ ކޮމިޝަންގެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ސަރުކާރު ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި މީޑިއާ ކޮމިޝަން ބިލު ބަލައިގަތުމާ މެދު މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އެ ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް 38 މެންބަރުން ވޯޓު ދެއްވި އެވެ. އަދި 28 މެންބަރުން ވޯޓު ދެއްވީ އެ ބިލު ބަލައިގަތުމަށެވެ. ދެ މެންބަރަކު ވަކި ގޮތަކަށް ވޯޓު ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވި އެވެ. އެއާއެކު ބިލު މަޖިލީހުން ބޭރުވި އެވެ.
މިހާރު އޮންނަ ގޮތުން މީޑިއާތައް ރެގިއުލޭޓް ކުރުމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނެއް ވަނީ އުފައްދައިފަ އެވެ. މީޑިއާ ކައުންސިލް އިން ރެގިއުލޭޓް ކުރަނީ އޮންލައިން ނޫސްތަކާއި މަޖައްލާތައް އަދި ޕްރިންޓް މީޑިއާ އެވެ. އަދި ބްރޮޑްކާސްޓިން ކޮމިޝަނުން ބަލަހައްޓަމުން ދަނީ، ޓީވީ ރޭޑިއޯގެ ކަންތައްތަކެވެ. އެހެން ނަމަވެސް މިއީ ހަރަދު ބޮޑު ކަމެއް ކަމަށް ބުނެ، މި ދެ ކައުންސިލް އެއްކޮށްލުމުގެ ވާހަކަ މީގެ ކުރިން ވެސް މަޖިލީހުގެ ތެރޭގައި އެކި ފަހަރުގެ މަތިން ވަނީ ދައްކައިފަ އެވެ.
މީޑިއާ ކޮމިޝަން ބިލުގައިވާ ގޮތުން ކޮމިޝަނަށް ވެސް މެންބަރުން އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް ވެސް އައްޔަން ކުރަނީ އެމަނިކުފާނެވެ. އެ މަގާމަށްމީޑިއާ ކޮމިޝަންގެ މެންބަރު ކަމަށް މީޑިއާގެ މައްސޫލުވެރި ފަރާތަކަށް އެޑިޓަރަކަށް ނުވަތަ މާލީ މަސްލަހަތެއް އޮތް މީހަކަށް ވެސް ކުރިމަތި ނުލެވޭނެ ކަމަށް ވަނީ ބުނެފައިވެ އެވެ. އަދި މެންބަރުންނަށް ވާންޖެހޭނީ ނޫސްވެރިކަމުގެ އިލްމާއި އެ ތަޖުރިބާ ހުރި މީހުން ކަމެއް ބިލުގައި ބުނެފައެއް ނެތެވެ.
ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ އޮންލައިން އަދި ޕްރިންޓު މީޑިއާއަށް ވެސް ފިޔަވަޅު އެޅުމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ. އެގޮތުން ސުލޫކީ މިންގަނޑުތަކާ ނޫސް މަޖައްލާތަކުން ހިލާފުވެއްޖެ ނަމަ 10،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެ މިންގަނޑާ ހިލާފުވާ ނޫސްވެރިޔަކަށް ވެސް ހަމަ އެ އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް މީޑިއާ ކޮމިޝަން ބިލުގައި ބުނެފައިވެ އެވެ. އަދި ގަވާއިދާ ހިލާފުވި ކަމެއް އިސްލާހު ކުރަންދެން ނުވަތަ ކޮމިޝަނުން މައްސަލަ ބަލާ ނިމެންދެން ނޫސް ވަގުތީ ގޮތުން މެދުކަނޑާލުމަށް އެންގުމުގެ ބާރު ކޮމިޝަނަށް ވަނީ ދީފަ އެވެ. ތަކުރާރުކޮށް ހިލާފުވާ ނަމަ ލައިސެންސް ބާތިލު ކުރުމަށް ކޯޓަށް ހުށަހެޅޭނެ އެވެ.