ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އާ ސަރުކާރުގައި 19 މިނިސްޓްރީ، އަލަށް ހަތަރު މިނިސްޓްރީ

Nov 13, 2018
6

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ސަރުކާރުގައި 19 މިނިސްޓްރީއެއް އުފައްދަން ނިންމައި އިންތިހާބީ ރައީސްގެ އޮފީހުން އެކަން މިއަދު ރަސްމީކޮށް އިއުލާންކޮށްފި އެވެ. މިހާރު އޮންނަނީ 15 މިނިސްޓްރީއެކެވެ.

އިންތިހާބީ ރައީސްގެ ސްޕޯކްސްޕާސަން، މާރިޔާ އަހުމަދު ދީދީ މިއަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އަލަށް އުފައްދާނީ ހަތަރު މިނިސްޓްރީއެއް ކަމަށެވެ. އެގޮތުން މުޅިން އަލަށް އުފައްދާ މިނިސްޓްރީ ތަކަކީ، މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެބްޑް ސި ވިލްއޭވިއޭޝަން، މިނިސްޓްރީ އޮފް ސައިންސް، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ އެވެ.

މާރިޔާ ވިދާޅުވީ، މިހާރު މިނިސްޓްރީތަކުގެ ތެރެއިން ފަސް މިނިސްޓްރީއަކަށް އާ މަސްއޫލިއްޔަތު ތަކެއް އާ ރައީސް ހަވާލު ކުރައްވާނެ ކަމަށެވެ. އެ މިނިސްޓްރީ ތަކަކީ މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމެލީ އެންޑް ސޯޝަލް ސާވިސެސްއާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗާ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް އަދި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އެވެ.

މީގެ އިތުރުން ނަން ބަދަލުވާ ބައެއް މިނިސްޓްރީތައް އެބަހުރި ކަމަށާއި އެމިނިސްޓްރީތަކަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނަން މިނިސްޓްރީ އޮފް ޑިފެންސްއަށް ބަދަލުވެގެންދާނެ ކަމަށެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީގެ ނަން މިނިސްޓްރީ އޮފް ފިނޭންސްއަށް ބަދަލުވެގެންދާނެ ކަމަށާއި މިނިސްޓްރީ އޮފް އެންވާރަމަންޓް އެންޑް އެނާޖީގެ ނަން މިނިސްޓްރީ އޮފް އެންވާރަމަންޓަށް ބަދަލުވެގެންދާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ. ބާކީ ހުރި މިނިސްޓްރީތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

އާ މިނިސްޓްރީތަކުގެ މެންޑޭޓްތަކާއި މަގުސަދުތައް:

* މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން: ރާއްޖޭގެ މަތީތައުލީމު ނިންމާ ކުދިން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިއުމާއެކު ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ރޮނގުރޮގުން މަތީ ތައުލީމާއި ތަމްރީން ހޯދުމުގެ ފުރުސަތު އެފަދަ ކުދިންނަށް ތަނަވަސް ކޮށްދިނުމުގެ މުހިންމުކަން ބޮޑުކަމާއެކު މަތީ ތައުލީމުގެ ސިޔާސަތުތައް އެކަށައަޅައި ފެންވަރު ރަނގަޅު މަތީ ތައުލީމެއް ގާއިމް ކޮށް ހިންގުމަށާއި ރާއްޖޭގައި އެކި ފަރާތްތަކުން ހިންގާ މަތީތައުލީމާއި ތަމްރީން ކޯސްތަކާއި ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމަށް ހަރުދަނާ ނިޒާމެއް އެކުލަވާލައި ހިންގު.

* މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން: ރާއްޖޭގެ އެއްގަމާއި ކަނޑުދަތުރުތަކުގެ ހާލަތު ދިރާސާކޮށް ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ގާއުމީ ތަސައްވުރެއް އެކުލަވާލުމާއި ކަނޑު މަގުންނާއި ވައިގެ މަގުން ރާއްޖޭގެ އެތެރޭގެ ދަތުރުތައް ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލައި ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމާއި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްދިނުން.

* މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް: ރާއްޖޭގެ އަސާރީ ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމާއި ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ދުވަސްވީ ބިނާތަކާއި އާސަރީ ތަންތަނާއި ތާރީހާއި ގުޅިފައިވާ ތަކެއްޗަކީ އެރަށެއްގެ އެންމެ މުހިންމު އައިޑެންޓިޓީ ކަމަށްވާތީ އެންމެހާ ފަރާތްތަކަށް ލާޒިމްވާ ގޮތަށް އެފަދަ ތަންތަނާއި ތަކެތި ހިމާޔަތް ކުރުމުގެ ގާނޫނީ ޒިންމާ ކަނޑައެޅާއި ދިވެހިންގެ ސަގާފަތާއި ތަރިކަ ހިމާޔަތްކޮށް ދިރުވުމާއި ފަންނީ ހުނަރުވެރިކަމާއި އުފެއްދުންތަކަށް ހިތްވަރު ދިނުމާއި ދިވެހި ބަސް ހިމާޔަތް ކުރުމަށް ކުރެވެންހުރި އެންމެހާ ކަންތައްތައް ކުރުމާއި ދިވެހި އަރުޝީފްގައި ބަހައްޓަން ޖެހޭ އެންމެހާ ތަކެއްޗާއި ދުވަސްވީ ލިޔުންތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި ރާއްޖޭގެ އާޓްސްގެ ދާއިރާ ތަރައްގީ ކުރުމާއި މި ރޮނގުން އުފެއްދުންތެރި ޒުވާނުން ބިނާ ކުރުމާއި މުނިފޫހި ފިލުވުމުގެ ދާއިރާ އިތުރަށް ކުރަން ޖެހޭ ކަންކަން ކުރުން.

* މިނިސްޓްރީ އޮފް ސައިންސް، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ: ރާއްޖޭގެ ތަރައްގީއަށް މަގުފަހިވާނެ ގޮތެއްގެ މަތީން އާޓެކްނޮޮލޮޖީ ރާއްޖެއަށް ތައާރަފް ކުރުމާއި އެކަމާބެހޭ މިންގަނޑުތަކާއި ލަނޑުދަނޑިތައް ކަނޑައަޅައި އެލަނޑުދަނޑިތައް ހާސިލް ކުރުމަށް މަސައްކަތް ކުރުމާއި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެއްދުވަހުން އަނެއް ދުވަހަށް މަތި ކުރުމަށްޓަކައި ރާއްޖޭގެ މާހައުލާއި ގުޅޭ އިލެކްޓްރިކް ކަރަންޓްފަދަ ހަކަތަ އުފައްދައިދޭ ވަސީލަތްތައް ހޯދައި އެފަދަަ ވަސީލަތްތައް ރާއްޖެއަށް ހޯދައިދިނުމާއި ބެހޭ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުން.

މާރިޔާ ވިދާޅުވީ، މިނިސްޓްރީތައް އިތުރުވެގެންދިޔަ ނަމަވެސް ސިޔާސީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުންގެ އަދަދު މިހާރު ތިބި އަދަދަށްވުރެ 100 މީހުން މަދުވާނެ ކަމަށެވެ. އަދި ކުރެވޭ ހަރަދުވެސް 16 ޕަސެންޓަށް ދަށް ކުރެވިގެންދާނެ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ. މާރިޔާ އިތުރަށް ވިދާޅުވީ، މިނިސްޓްރީތަކަށް އައްޔަން ކުރައްވާ ބޭފުޅުން އަދި ނުނިންމާ ކަމަށާއި އެމަސައްކަތްވެސް ވަރަށް އަވަހަށް ނިމި ހާމަ ކުރާނެ ކަމަށެވެ.