ހަބަރު

ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ޝަރީފް، ނައިބަކަށް ރިޔާޒް ރަޝީދު

އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އަދި ނައިބު މުގައްރިރަކަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހަމަޖައްސައިފި އެވެ.

މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ޝަރީފް މުގައްރިރުކަމަށާއި ރިޔާޒް ނައިބު މުގައްރިރު ކަމަށް ހަމަޖައްސާފައިވަނީ ކޮމިޓީ މެމްބަރުންގެ އިއްތިފާގުންނެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަކީ 29.6 ބިލިއަން ރުފިޔާ އެވެ. ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވަނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.

ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ބަޖެޓު ހުށަހަޅުއްވަމުން މުނައްވަރު ވިދާޅުވީ އަންނަ އަހަރު ބަޖެޓުގެ ޖުމުލަ އަގަކީ 29،647،415،773 ރުފިޔާ ކަމަށެވެ. އޭގެ ތެރެއިން 26.7 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވޭ ކަމަށާއި ބަޖެޓާއި ހަރަދުގެ ތަފާތަކީ ދައުލަތުގެ ދަރަނި އަދާ ކުރުމަށް ދައްކާ 2.9 ބިލިއަން ރުފިޔާ ކަމަށެވެ. އަދި އަންނަ އަހަރުގައި އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެހެންކަމުން ބަޖެޓު ޑެފިސިޓު ވާނީ 3.7 ބިލިއަން ރުފިޔާއަށް ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 4.1 ޕަސަންޓު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ބަޖެޓުން ހާސިލް ކުރަން ބޭނުންވާ ނަތީޖާތައް އެންމެ އެދެވޭ ގޮތެއްގައި ހާސިލް ކުރެވޭނީ ދައުލަތުގެ މާލީ ނިޒާމް ހަރުދަނާ ކުރެވިގެން ކަމަށެވެ. އެ މަސައްކަތަކީ ހުއްޓުމެއް ނެތި ކުރަން ޖެހޭ މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 55 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް މިއަދު ފޮނުއްވި ބަޖެޓުގައިވާ ގޮތުން މި އަހަރު ނިމޭއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުންނާނީ 48 ބިލިއަން ރުފިޔާގަ އެވެ. މީގެތެރޭގައި އެތެރޭގެ ދަރަނީގެ ގޮތުގައި ހުންނާނީ 27 ބިލިއަން ރުފިޔާ އެވެ. އަދި އަންނަ އަހަރު ޖުމްލަ ދަރަނި 55 މިލިއަން ރުފިޔާއަށް އިތުރުވާއިރު، އެތެރޭގެ ދަރަނި އަންނަ އަހަރު އުޅޭނީ 29 ބިލިއަން ރުފިޔާގަ އެވެ.

ބަޖެޓު ގޮތުގައިވާ ގޮތުން ބޭރުގެ ލޯނުތައް ދެއްކުމަށް މި އަހަރު 1.1 ބިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. އަދި އެތެރޭގެ
ލޯނުތަކަށް ސަރުކާރުން 974 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.