ރާއްޖެ ކުޅިވަރު

ފަލަސްތީން އަތުންވެސް ރާއްޖެ ބަލިވެއްޖެ

އޮލިމްޕިކް ކޮލިފައިންގައި، ފަލަސްތީން އަތުންވެސް ރާއްޖެ ބަލި ވެއްޖެ އެވެ. ރާއްޖެ ބަލިވީ 2-1 ންނެވެ.

ރާއްޖެ ހިމެނޭ، ގުރޫޕް ޑީގެ ކޮލިފައިން ކުރިއަށް ދަނީ ފަލަސްތީންގަ އެވެ. ރާއްޖެ އާއި ފަލަސްތީންގެ އިތުރުން އެ ގުރޫޕްގައި ދެ ހިމެނެނީ އުރުދުން އާއި އިންޑޮނޭޝިއާ އެވެ. ރާއްޖެ ކުރިން ކުޅުނު ދެ މެޗުން ވަނީ ބަލިވެފަ އެވެ.

މިއަދު ފަލަސްތީނާ ދެކޮޅަށް، ރާއްޖޭގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ، މަރްޔަމް ރިފާ 'ރިފޫ' އެވެ. ކޮލިފައިންގެ ފުރަތަމަ ބުރު ރާއްޖެ ނިންމާލީ ފުލުގައި އޮވެގެންނެވެ. ދެ ވަނަ ބުރަށް ދަތުރުކުރީ އުރުދުން އާއި އިންޑޮނޭޝިއާ އެވެ.

ފުރަތަމަ މެޗުގައި އުރުދުން އަތުން ބަލިވީ، 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ދެ ދެ ވަނަ މެޗުގައި އިންޑޮނޭޝިއާ އާ ދެކޮޅަށް ތަފާތު ކުޑަ ކުރި އެވެ. ރާއްޖެ ބަލިވީ 3-1 ންނެވެ. އެ މެޗުގައި ރާއްޖޭގެ ކެޕްޓަން ފަދުވާ ޒާހިރު ވަނީ އިންޑޮނޭޝިއާ ކޮޅަށް މޮޅު ގޯލެއް ޖަހާފަ އެވެ. އެ ލަނޑަކީ ހަތަރު ގުރޫޕް ހިމެނޭ އޭޝިއާގެ ކޮލިފައިން ބުރުގައި ޖެހި އެންމެ މޮޅު ލަނޑެވެ.

ރާއްޖޭގެ ހާފުގެ ތެރެއިން، ލިބުނު ބޯޅަ ހިފައިންގެން އިންޑޮނޭޝިއާގެ ހާފުގެ ތެރެއަށް ވަދެ، އެ ޓީމުގެ ދެ ކުޅުންތެރިން ނައްޓާލުމަށް ފަހު ފަދުވާ ވަނީ، އެ ލަނޑު ޖެހުމަށްޓަކައި އިންޑޮނޭޝިއާގެ މުޅި ހާފު ކަޑަތުކޮށްފަ އެވެ.

އެ ލަނޑު ޖެހުމަށް އޭނާގެ ހަލުވި ސުޕީޑްގެ ބޭނުންކޮށް، 90 މީޓަރު ކަޑަތު ކުރި އެވެ. އިންޑޮނޭޝިއާގެ ޕެނަލްޓީގެ އޭރިއާގެ ތެރެއަށް ވަދެ، އެ ޓީމުގެ ގޯލްގެ ކަނަށް ފަދުވާ ބޯޅަ ފޮނުވާލީ، ގޯލްކީޕަރަށްވެސް ފުރުސަތެއް ނުދީ އެވެ.