ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށް ފަހު ކުޅެން ނިކުތް ފަހުން، އަސްލު ފެންވަރަށް އެނބުރި އައުމުގައި އުނދަގޫ ކުރިމަތިވެފައި ވީނަމަވެސް، އެ ފެންވަރު އަނބުރާ ގެނެވޭނެ ކަމުގެ އިތުބާރު އޭނާއަށް އެބައޮތް ކަމަށް، ޖަރުމަންގެ ކެޕްޓަން އަދި ގޯލްކީޕަރު މެނައުލް ނޯޔާ ބުނެފި އެވެ.
ބަޔާން މިޔުނިކްގެ ގޯލްކީޕަރަށް އަނިޔާވީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ. އަނިޔާއިން ރަނގަޅުވެގެން އޭނާ އެބުރި ކުޅެން ނިކުތީ ވޯލްޑްކަޕު ފެށެން ކައިރި ވެފައި ވަނިކޮށެވެ.
ވޯލްޑްކަޕުގެ ފުރަތަމަ ބުރުން ޖަރުމަން ކަޓައިގެން ދިޔައިރު، ނޯޔާގެ ފެންވަރުވެސް ފެނުނީ ދަށް ކޮށެވެ. އަދި މި ސީޒަންގައި އުނދަގޫ ހާލަތެއް ކަޑަތުކުރަމުންދާ ބަޔާން މިޔުނިކުގައިވެސް ނޯޔާގެ ފެންވަރު ދަށެވެ.
އޭނާގެ ފެންވަރު ދަށް ވުމުން ކުރިމަތިވާ ފާޑު ކިޔުންތަކާ ބެހޭގޮތުން ނޯޔާ ބުނީ، ފާޑު ކިޔާ މީހުން އާ ވާހަކަ އެއް ނުދައްކާ ކަމަށާއި އެއީ އަބަދުވެސް ކަން ހިނގާ ގޮތް ކަމަށެވެ.
"އަހަރެން މިހުރީ އެންމެ ރަނގަޅު ހިސާބުގައި." ނޯޔާ، 32 ބުންނެވެ. "[ބުރޫޝިއާ] ޑޯޓަމުންޑާ ދެކޮޅަށް އަހަންނަށް ވަރަށް ރަނގަޅަށްކުޅެވުނު، އަހަރެން މީހުރީ އިތުބާރާއެކު."
މާދަމާ ރޭ ރަޝިއާ ދެކޮޅަށް ޖަރުމަން ކުޅޭ އެކުވެރި ކަމުގެ މެޗުގައި، ނޯޔާއަށް ފުރުސަތު ދޭނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް، ހޯމަ ދުވަހުގެ ރޭ ހޮލެންޑާ ދެކޮޅަށް އޭނާ ކުޅޭނެ އެވެ.
"މި އަހަރު އަހަރެމެންނަށް މިދިޔައީ އެންމެ ރަނގަޅަކަށް ނޫން، އަހަރެމެން ބޭނުން ކުރިއަށް ދެ މެޗުންވެސް މޮޅުވެ މިއަހަރު ނިންމާލެވޭ އެންމެ ރަނގަޅަކަށް ނިންމާލަން،" ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމުގައި ކުރިން ހުރި ނޯޔާ ވާހަކަ ދެއްކި އެވެ. "އަހަރެމެންނަށް އުންމީދު އެބައޮތް ދެ މެޗުންވެސް މޮޅުވެވޭނެ ކަމުގެ، ހާއްސަކޮށް ހޮލެންޑާ ދެކޮޅަށް އަހަރެމެން މިތިބީ ވަރަށް އުންމީދުގައި."