ދައުލަތުގެ ބަޖެޓް

އިތުރު 550 ފްލެޓާއި ކުލި ކުޑަކުރަން ނުވަ މިލިއަން ރުފިޔާ

އާ ސަރުކާރުން މުޅިން އަލަށް 550 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް ފަށައި، ގެދޮރުވެރިކަން އަގުހެޔޮ ކުރަން ނުވަ މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ހިންގުމަށް ބަޖެޓްގައި ހިމަނައިފި އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ އޮފީހުގެ ލަފަޔާ އެކު ސަރުކާރުގެ ފަރާތުން އިއްޔެ މަޖިލީހަށް ހުށަހެޅި 29 ބިލިއަން ރުފިޔާގެ ބަޖެޓްގައި ޕީއެސްއައިޕީ މަޝްރޫއުތަކުގައިވާ ގޮތުގައި އަންނަ އަހަރުގެ ތެރޭގައި މުޅިން އަލަށް ހައުސިން ޔުނިޓް ގާއިމް ކުރާނީ، ޅ. ނައިފަރު، ލ. ގަން، ބ. ތުޅާދޫ އަދި މ. ކޮޅުފުށީގަ އެވެ. އެގޮތުން މި ރަށްތަކުގައި ޖުމްލަ 550 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް މުޅިން އަލަށް ފަށަން ވަނީ ހިމަނައިފަ އެވެ.

550 ހައުސިން ޔުނިޓްގެ ތަފްސީލް:

  • ނައިފަރުގައި 100 ހައުސިން ޔުނިޓް - 17.5 މިލިއަން ރުފިޔާ
  • ލ. ގަމުގައި 200 ހައުސިން ޔުނިޓް - 35 މިލިއަން ރުފިޔާ
  • ތުޅާދޫގައި 100 ހައުސިން ޔުނިޓް - 17.5 މިލިއަން ރުފިޔާ
  • ކޮޅުފުށީގައި 150 ހައުސިން ޔުނިޓް - 26.3 މިލިއަން ރުފިޔާ

މި ރަށްތަކުގައި ހައުސިން ޔުނިޓް ގާއިމް ކުރުމަށް، 96.3 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފަ އެވެ. ފިނޭންސްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ މަޝްރޫއުތައް ހިންގަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެވެ.

މީގެ އިތުރުން، ގެދޮރުގެ އަގުތައް ހެޔޮ ކުރުމަށް، މުޅިން އަލަށް ސައުދީ ފަންޑްގެ އެހީގައި 9.63 މިލިއަން ރުފިޔާގެ މަޝްރޫއެއް އަންނަ އަހަރު ފެށުމަށް ވަނީ ބަޖެޓްކޮށްފަ އެވެ. އެ މަޝްރޫއަށް 2020 ވަނަ އަހަރު 19.3 މިލިއަން ރުފިޔާ އަދި 2021 ވަނަ އަހަރު 38.5 މިލިއަން ރުފިޔާ އެ މަޝްރޫއަށް ވަނީ ކަނޑައެޅިފަ އެވެ. ފިނޭންސްގެ އޮފިޝަލަކު ވިދާޅުވީ ސައުދީ ފަންޑްގެ އެހީގެ ދަށުން ފަށާ މަޝްރޫގެ ބޭނުމަކަށް އޮތީ އަގު ހެޔޮކޮށް އާންމުންނަށް ގެދޮރު ފޯރުކޮށްދެވޭނެ ފަދަ ފަންޑެއް ގާއިމް ކުރުން ކަމަށެވެ. އަދި ހެޔޮ އަގުގައި ސަރުކާރުން ފްލެޓްތައް އަޅައި އާންމުންނަށް ދިނުމަކީ ވެސް އެ މަޝްރޫއުގެ މަގުސަދެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގައި ނޫނީ މާލޭގައި ވެސް މިހާރު މަސައްކަތް ފެށިފައިވާ ހައުސިން ޔުނިޓްތަކުގެ އިތުރުން އިތުރު ހައުސިން ޔުނިޓްތަކެއް ގާއިމްކުރުމަށް ބަޖެޓްކޮށްފައެއް ނެތެވެ. އޮފިޝަލް ވިދާޅުވީ އާ ސަރުކާރުގެ ހުރިހާ ހައުސިން މަޝްރޫއުތައް މި ބަޖެޓްގައި ނުހިމެނޭ ކަމަށެވެ.

އިންތިހާބީ ރައީސްގެ އިންތިގާލީ ކޮމިޓީއިން ވެސް އިއްޔެ ބުނެފައި ވަނީ ބަޖެޓް އެކުލަވާލަން ލިބުނީ ވަރަށް ކުޑަ ދުވަސްކޮޅެއް ކަމަށް ވުމުން، އާ ސަރުކާރުގެ ހުރިހާ ކަންކަން މި ބަޖެޓްގައި ނުހިމެނުނު ކަމަށެވެ. އެހެން ނަމަވެސް ސަޕްލިމަންޓްރީ ބަޖެޓެއްގެ ތެރެއިން އާ ސިޔާސަތުގެ ކަންކަން ވެސް ހިމެނުމަށް ވިސްނުން ހުރި ކަމަށް ވެސް އިންތިގާލީ ކޮމިޓީއިން އިއްޔެ ބުންޏެވެ.