ހަބަރު

އިންތިހާބީ ރައީސް ހުށަހެޅި ބަޖެޓުގެ އަކުރެއް ވެސް ބަދަލުނުކުރަން: މިނިސްޓަރު

އަލަށް ހަވާލުވެވަޑައިގަންނަވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ އެންމެ އަކުރަކަށް ވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

މުނައްވަރު މިހެން ވިދާޅުވީ ބަޖެޓުގެ ބޮޑު ބައި މި ސަރުކާރުން ހިންގާފައިވާ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަށް ހިމަނާފައިވާ ކަމަށާއި ޕީއެސްއައިޕީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް ކަންބޮޑުވުން ފާޅު ކުރައްވާ މަޖިލީހުގެ މެންބަރުން ބަޖެޓު ކޮމިޓީގައި އޭނާއާ ސުވާލު ކުރެއްވުމުންނެވެ. އެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ ބަޖެޓު ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދެވީ އިދިކޮޅު ފަރާތްތަކުން ބޭނުންވި ގޮތަށް ކަމަށާއި އެ ފަރާތުން ފޮނުވި ބަޖެޓަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މީޑިއާތަކުން އެކަން ގެނައި ގޮތުން ހެން އޮޅުން އެހީ، އަޅުގަނޑު ވާހަކަ ދެއްކެވިން ޓެކްނިކަލް ބޭފުޅުންނާ އަޅުގަނޑުމެންނާއެކު މި ތިއްބެވީ ހަމަ ބަޖެޓުގައި މަސައްކަތް ކުރެއްވި ބޭފުޅުން، އަޅުގަނޑު ނީންނާނެ އެންމެ ސެންޓެއް ވެސް އެންމެ އަކުރެއް ވެސް އެ ބޭފުޅުން ފޮނުވި ބަޖެޓަކަށް ބަދަލުކޮށްފައި، މިއީ ހަމަ އިންތިހާބި ރައީސްގެ އޮފީހުން ފޮނުވި ގޮތަށް ހުރިހާ އެއްޗެއް ގެންގޮސް ދިނީ،" މުނައްވަރު ވިދާޅުވި އެވެ.

ޓްރާންސިޝަން ކޮމިޓީ ފާހަގަކޮށްފައިވަނީ އެކަށީގެންވާ ބަޖެޓެއް ތައްޔާރު ކުރުމަށް ވަގުތު ނެތްކަން ކަމަށާއި ސަރުކާރު ބަދަލުވުމަށް ކުޑަ ވަގުތުކޮޅެއް ލިބޭއިރު އެކަން ކޮންމެ ބަޔަކަށް ވެސް ދިމާވެދާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

ޓްރާންސިޝަންގެ ކޮމިޓީއެއްގެ މެންބަރުން އިއްޔެ ވިދާޅުވެފައި ވަނީ ބަޖެޓު ހުށަހެޅި ކަންތައްތައް ދިޔަ ގޮތުން ސަޕްލިމެންޓަރީ ބަޖެޓެއް ވެސް ހުށަހެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އެކަމަށް އިޝާރަތް ކުރައްވާ މުނައްވަރު ވިދާޅުވީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ދައުލަތުން ދެމުންދާ ހިދުމަތްތައް އެންމެ ދުވަހަކު ވެސް ހުއްޓިގެން ގޮސްގެން ނުވާނެ ކަމަށާއި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމުގެ ވާހަކައަކީ ސިޔާސީ ގޮތުން ދައްކާ ވާހަކައެއް ކަމަށް ވެސް ގަބޫލު ކުރައްވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބައެއް މަޖިލީސް މެންބަރުން ދާއިރާތަކަށް ބޭނުންވާ ބައެއް މަސައްކަތްތައް ބަޖެޓުގައި ނުހިމެނޭ ކަން އެ މެންބަރުންގެ ފަރާތުން ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި ނަމަވެސް ބަޖެޓުގެ މަސައްކަތްތައް އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔުމުން އެކަމަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން އެ ބަދަލުތައް ބަޖެޓު ކޮމިޓީގައި ގެނެސްދެއްވުމަށާއި އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ހާޒިރު ކުރައްވައިގެން އެކަން ކުރެއްވުމަށް އެދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޕްރޮޖެކްޓުތައް ހުންނަ ޖެހޭނެ، އެ ބޭފުޅުން ބޭނުންވާ ކަންކަން ހިމެނެން ވެސް ޖެހޭނެ އެ ފުރުސަތުތައް ފަހި ކުރަންވީ މި ކޮމިޓީ މެދުވެރިކޮށް، އަދި އާ މިނިސްޓަރާއެކު މަސައްކަތްކޮށްގެން އެގޮތަށް ހައްދަވަންވީ،" މިނިސްޓަރު ވިދާޅުވި އެވެ.