ހަބަރު

ބަޖެޓާ ހަވާލު ވާނެ ފަރާތެއް ނެތި، ހޫނު ބަހުސެއް!

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިޔަށްދަނީ އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓު ދިރާސާ ކުރެއްވުމާއި ބަޖެޓަށް ބަހުސް ކުރުމުގެ މަސައްކަތެވެ. އަންނަ އަހަރު އޮންނާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރެއް ކަމުން އެ ބަޖެޓު ތައްޔާރުކޮށްފައި ވަނީ ފިނޭންސް އާއި އިބޫގެ ޓްރާންސިޝަން ކޮމިޓީގެ ބޭފުޅުން ގުޅިގެން އެވެ.

ނަމަވެސް މަޖިލީހުގައި ބަޖެޓާ ގުޅޭ ގޮތުން ތަޅުމުގައި ކުރަމުންދާ ބަހުސާއި އެހެން މަރުހަލާތަކުގައި ވެސް މިހާރު އުފެދިފައިވާ އެންމެ ބޮޑު ހިޔާލު ތަފާތުވުމަކީ އެ ބަޖެޓަކީ ކޮން ސަރުކާރެއްގެ ސިޔާސަތުތަކެއްގެ މައްޗައް އެކުލަވާލާފައިވާ ކޮން ބައެއްގެ ބެޖެޓެއް ކަމާމެދުގަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ އެއީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކުލަވާލި ބަޖެޓެކެވެ. ޕީޕީއެމްގެ ގިނަ މެންބަރުން ވިދާޅުވަނީ ބަޖެޓަަކީ އިބޫ ސަރުކާރުގެ ފިނޭންސްގެ ބޭފުޅުން ބޭނުންވާ ގޮތަށް ތައްޔާރު ކުރި ބަޖެޓެކެވެ.

މިއަދު ކުރިޔަށް ދިޔަ ބަޖެޓު ކޮމިޓީގައި ވެސް މެންބަރުންގެ ތެރޭގައި އެ ބަހުސް ވަރަށް ހޫނުކޮށް ކުރިޔަށް ދިޔަ އެވެ. ބަޖެޓު ކޮމިޓީގެ މުގައްރިރު އަދި އެމްޑީޕީގެ ފިނޭންސް ކޮމިޓީގައި ވެސް މަސައްކަތް ކުރެއްވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ އާ ސަރުކާރުގެ ސިޔާސަތެއް އޮވެގެން އެއްކޮށް ތައްޔާރު ކުރި ބަޖެޓެއް ނޫން ކަމަށެވެ. އާ ސަރުކަރުގެ މީހުންނަށް ފިނޭންސް އިން ފުރުސަތު ދެއްވީ އެ ބޭފުޅުންގެ ވައުދުތަކާއި ބައެއް ޕްރޮގްރާމްތައް ހިންގުމުގެ ޖާގަ އެކަނި ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މިއީ އެއްކޮށް އާ ސަރުކާާރުން ތައްޔާރު ކުރި ބަޖެޓެއް ނޫން، ސަރުކާރުގެ އޮފީސްތަކުން ލައިން މިނިސްޓްރީތަކުން ރިކުވެސްޓުތަކާއެއްޗެހި ހުރީ ނިމިފައި، އާ ސަރުކާރުގެ ޕޮލިސީ އެއްކޮށް ހިނގައިގެން އާ ސަރުކާރުން މީގެ ޒިންމާ ނަގަން ޖެހޭނެ ކަމަކަށް ބަޖެޓު ތައްޔާރު ކުރި ކޮމިޓީގައި ހިމެނުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ގަބޫލެއް ނުކުރަން،" ޝަރީފް ވިދަޅުވި އެވެ.

ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ (އައިބީ) ވިދާޅުވީ ބަޖެޓުގައި ސަރުކާރު ހިންގުމަށް ވަރަށް ބޮޑު އަދަދެއް ހިމަނާފައިވާ ކަމަށެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް ހިމަނާފައިވާ މިންވަރެއް ނޫން ކަމަށާއި އެހާ ބޮޑު އަދެދެއް ހިމެނީ ކޮން ކަމެއް ކުރަންތޯ ސުވާލު އުފެދޭ ކަމަށެވެ.

ބަޖެޓު ތައްޔާރު ކުރި އިރު އާ ސަރުކާރުން ބޭނުންވާ ކަމެއް ހިމަނަން ހުރަސް އެޅުނުތޯ ނުވަތަ އާ ސަރުކަރުން ބޭނުންވާ ކަންކަން ބަޖެޓުން އުނި ކުރި ކަމާމެދު ވެސް ސުވާލު އުފެދޭ ކަމަށެވެ. އަދި ބަޖެޓަކީ އާ ސަރުކާރުގެ ފަރާތްތަކުން އެކުލަވާލި ބަޖެޓެއް ކަން ގަބޫލު ނުކުރެވެނީ ކީއްވެތޯ ވެސް އައިބީ ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑު އޮޅިއްޖެ، ބަޖެޓުގެ ކޮމިޓީގައި މަނިކުފާނު ހިމެނިވަޑައިގަންނަވާ، މި ބަޖެޓުގައި ހެދީ ފިނޭންސް މިނިސްޓްރީން ކަމަށް ތިބުނަނީ، އެހެންވެ ތިބޭފުޅުން އުނި ކުރަން ބޭނުންވާ އެއްޗެއް އެ ބޭފުޅުން އުނި ނުކުރައްވާތޯއޭ ނޫނީ ތިބޭފުޅުން ބޭނުންވާޥ އެއްޗެއްތޯއޭ މީގަ ޖެހުނީ،" އައިބީ ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވަމުން އީވާ ވަނީ ޝަރީފް ވިދާާޅުވީ ވާހަކަތައް ތަކުރާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ބަޖެޓަކީ މި ސަރުކާރުން ތައްޔާރުކޮށްފައިވާ އަދި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރުގެ ބަޖެޓެއް ކަމަށް އެމަނިކުފާނު ވެސް ވިދާޅުވެފައިވާ ކަމަށެވެ.

"ބައެއް މެންބަރުންނަށް ހީވަނީ ކަންނޭންގެ މިއީ އާ ސަރުކާރުން ތައްޔާރު ކުރި ބަޖެޓެއް ހެން، ހަމަ މިވާހަކަ އެބަ ތަކުރާރު ކުރަން ޖެހޭ، ފިނޭންސް މިނިސްޓަރު ވެސް ވިދާޅުވީ އެ ބޭފުޅުންގެ ބަޖެޓެކޭ މިއީ، އެހެން ނޫން، އަންނަން އޮތް ސަރުކާރަށް މައުލޫމާތު ފުރިހަމައަށް ހިއްސާ ކުރީމޭ، އެކަމަކު މިއީ މި ސަަރުކާރުން އެކުލަވާލި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރުގެ ބަޖެޓެކޭ،" އީވާ ވިދާޅުވި އެވެ.

މެންބަރުން އެ މައްސަލާގައި ބަހުސް ކުރަމުންދާތީ ކޮމަންދޫ ދާއިރާގެ މެންބަރު ނާޝިދު ވިދާޅުވީ ބަޖެޓަކީ "ނަހަލާލު ދަރިއަކަށް" ވެފައިވާ ކަމަށާއި އެއަށް ހަވާލުވާނެ ބަޔަކު ނުވި ކަމަށެވެ. އެ މައްސަލަ މެންބަރުންނަށް ސާފުކޮށްދިނުމުގެ ގޮތުން ނާޝިދު ވިދާޅުވީ ބަޖެޓުގައި އާ އާ ސަރުކާރުގެ މަޝްރޫއުތަކުގެ ގޮތުގައި ހިމެނިފައި އޮތީ މުޅި ބަޖެޓުގެ ނިސްބަތުން 20 އަކަށް ޕަސަންޓު ކަމަށެވެ.

ބަޖެޓު ފޮތުގައި "ނިއު ޕޮލިސީ އިނިިޝިއޭޓިވް"ގެ ދަށުން ފިނޭންސް އިން ވަނީ ހިމަނާފައިވާ މަޝްރޫއުތަކަކީ އާ ސަރުކާރުގެ ކަންކަން ކަމަށާއި ދެން ހުރި ހުރިހާ ކަމަކީ މި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރުއުތައް ކަމަށް ނާޝިދު ވިދާޅުވި އެވެ. އާ ކަންތައްތަކުގެ ގޮތުގައި ބަޖެޓުގައި ކަނޑައަޅާފައިވަނީ 525.7 މިލިއަން ރުފިޔާ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.

"އެ ބައި ހިމެނޭ ނަމަ މީގަ އަލަށް އަންނަ ސަރުކާރުގެ ބައިވެރިވުމެއް ނެތޭ ނުބުނެވޭނެ، ދެން މުޅި ބަޖެޓަކާ ވެސް ހަވާލެއް ނުވެވޭނެ، އެހެންވެ މި ވަނީ ނަހަލާލު ދަރިއަކަށް،" ނާޝިދު ވިދާޅުވި އެވެ.