ސަންޖޭލީލާ ބަންސާލީގެ ފިލްމްތަކުން މަޝްހޫރުކަން ހޯދި ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހް ކައިވެނިކޮށްފި އެވެ.
އެ ދެ ތަރިން ކައިވެނިކޮށްފައިވަނީ މިއަދު ހަވީރު އިޓަލީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ކައިވެނީގެ ރަސްމިއްޔާތުގައި ކުރިއަށް ގެންދިޔައީ ދެކުނު އިންޑިއާގެ ސަގާފަތަށެވެ.
މިއަދަކީ ރަންވީރާއި ދީޕިކާގެ ފުރަތަމަ ފިލްމް ކަމަށްވާ "ރާމްލީލާ"ގެ ސެޓުން އެ ދެ ތަރިން ބައްދަލުވިތާ ފަސް އަހަރު ފުރޭ ދުވަހެވެ.
ބޮލީވުޑްގެ އެންމެ އުހުގައި ފިޔަ ޖަހަމުންދާ ދީޕިކާ އާއި ރަންވީރު ކައިވެނިކުރުމާއެކު ބޮލީވުޑްގެ ތަރިން ދަނީ މަރުހަބާ ކިޔަމުންނެވެ. ޓްވިޓާގައި ގިނަ ތަރިންތަކެއް ދަނީ އެ ދެ ތަރިންނަށް ހެޔޮ އެދުންތައް ފޮނުވަމުންނެވެ.
ދީޕިކާ މީގެކުރިން ވަނީ ބޮލީވުޑްގެ އެންމެ މަޝްހޫރު ޒުވާން ތަރި ކަމަށްވާ ރަންބީރު ކަޕޫރާ ލޯބީގެ ގޮތުން ގުޅިފަ އެވެ. ރަންބީރާ ޖެހުނު މައްސަލައެއްގައި އެ ގުޅުން ނިންމާލީ އެވެ. އޭގެފަހުން ދީޕިކާ ގުޅުނީ ރަންވީރާ އެވެ. ރަންވީރާއި ރަންބީރާ ދެމެދު ވެސް އެކުވެރިކަމުގެ ގުޅުން އޮވެ އެވެ. އަދި ދީޕިކާ އާއި ރަންބީރު ވެސް އެކުގައި ފެނެ އެވެ. ރުޅިވި ފަހުން ވެސް އެކީގައި ފިލްމެއް ކުޅެފައިވެ އެވެ. ރަންބީރު މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އާލިއާ ބަޓާ އެވެ.
ރަންވީރު ވަނީ މީގެކުރިން ބަތަލާ އަނުޝްކާ ޝަރުމާއާ ލޯބީގެ ގޮތުން ގުޅިފަ އެވެ. ރަންވީރާ ރުޅިވުމަށްފަހު އަނުޝްކާ ވަނީ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާ ލޯބީގެ ގޮތުން ގުޅި، އޭނާއާ ކައިވެނިކޮށްފަ އެވެ. އަނުޝްކާ އާއި ވިރާޓް ވެސް ކައިވެނިކުރީ އިޓަލީގަ އެވެ.
މިއަހަރު ކުރީކޮޅު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރް ވެސް ކައިވެނިކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޕްރިޔަންކާ ޗޯޕްރާ ވެސް ކައިވެނިކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.