ރައީސް މައުމޫން އަބްދުލްގައްޔޫމް

ރައީސް މައުމޫން ރާއްޖެ ވަޑައިގެންފި

ބޭސްފަރުވާއަށް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް މައުމޫން ރާއްޖެ ވަޑައިގެންނެވީ މެލޭޝިއާގައި ތިން ހަފުތާ މަޑު ކުރެއްވުމަށްފަހު އެވެ. ރައީސް މައުމޫންއާއެކު އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް ވަޑައިގެންނެވި އެވެ.

މެލޭޝިއާގައި ރައީސް މައުމޫން ހުންނެވިއިރު ތިން ބޭފުޅުން ކަމަށްވާ ޔުމްނާ މައުމޫނާއި ދުންޔާ މައުމޫން އަދި ފާރިސް މައުމޫން ވެސް މެލޭޝިއާއަށް ވަޑައިގަތެވެ. ފާރިސް މެލޭޝިއާއިން އެނބުރި ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

ރައީސް މައުމޫން މިރޭ ރާއްޖެ ވަޑައިގެންނެވިއިރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމަނިކުފާނުގެ އެމްއާރްއެމްގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން އެއާޕޯޓަށް ގޮސް ތިއްބެވެ. އެމަނިކުފާނު ވަނީ މަރުހަބާ ކިޔަން ދިޔަ މީހުންނަށް ޓްވީޓެއް މެދުވެރި ކުރައްވާ ޝުކުރު އަދާ ކުރައްވާފަ އެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ރައީސް މައުމޫން ބޭސް ފަރުވާއަށް ފުރާވަޑައިގެންނެވީ އެމަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނާ މައްސަލާގައި އިއްވާފައިވާ ޖަލު ހުކުމް ހައިިކޯޓުން ބާތިލްކުރުމާއެކު، މިނިވަންވުމުންނެވެ.

ނަމަވެސް އެކެއް ފެބުރުއަރީގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަދިވެސް ކުރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. ޖަލުގައި ރައީސް މައުމޫން ހޭދަ ކުރެއްވި ދުވަސްތަކުގައި އަލާސްކަންފުޅު ގޯސްވެ ޖަލަށް ޑޮކްޓަރުން ވެސް ގެންދަން ޖެހުނެވެ.