ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބޫ ހުންނަވާ ގެކޮޅަށް ކުރާ ހަރަދު 17 ޕަސެންޓް ދަށްކޮށްފި

Nov 15, 2018
7

އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ހުންނަވާ ރަސްމީގެކޮޅަށް ހިނގާ ހަރަދު 17 ޕަސެންޓް ކުޑަކޮށް ދައުލަތުގެ ބަޖެޓްގައި ހިމަނައިފި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުގެ ލަފަޔާ އެކު ފިނޭންސް މިނިސްޓްރީ އިން މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅި 29 ބިލިއަން ރުފިޔާގެ ބަޖެޓްގައި އޮފީސްތަކަށް ހިނގާ ހަރަދުގެ ތަފްސީލްތަކުގައިވާ ގޮތުގައި، އަންނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ހުންނަވާ، ރަސްމީ ގެކޮޅަށް ހަރަދު ކުރާނީ، 31.6 މިލިއަން ރުފިޔާ އެވެ. ރައީސް އަބްދުﷲ ޔާމީން ހުންނަވާ ރަސްމީގެކޮޅު ހިލާލީގެއަށް މިއަހަރު، 37.8 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ބަޖެޓްގައިވެ އެވެ.

އެހެން ކަމުން އިބޫ ހުންނަވާ ރަސްމީގެކޮޅަށް ހަރަދު ކުރާ އަދަދަކީ، މިހާރު ހަރަދުކުރާ އަދަދަށް ވުރެ، 6.2 މިލިއަން ރުފިޔާ މަދު، 17 ޕަސެންޓް ދަށް އަދަދެކެވެ. ބެލެވޭ ގޮތުގައި އިބޫވެސް ދިރިއުޅުއްވާނީ ހިލާލީގަ އެވެ.

އެ ހިސާބުގެ ތަފްސީލަށް ބަލާއިރު، އާ ރައީސް އިބޫ ހުންނަވާ ގެކޮޅަށް ހަރަދު ކުރާނީ، މަހަކު 2.6 މިލިއަން ރުފިޔާ އެވެ. ދުވާލަކަށް އެގޭގެ ހަރަދަށް ޖެހޭނީ، 87،680 ރުފިޔާ އެވެ. އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ރަސްމީގެކޮޅުގެ ހަރަދަށް ދުވާލަކު، 105،056 ރުފިޔާ ވަނީ ބަޖެޓުން ހަރަދުކޮށްފަ އެވެ. ބަޖެޓަށް ބަލާއިރު، ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅަށް 2017 ވަނަ އަހަރުވެސް ވަނީ 35.2 މިލިއަން ރުފިޔާ ބަޖެޓުން ހަރަދުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދާ އެއްގޮތަށް އެމަނިކުފާނު ފުރަތަމަ ދެ އަހަރު އުޅުއްވީ އަމިއްލަ ގެކޮޅު ދޫވެހީގަ އެވެ. ރައީސުލްޖުމްހޫރިއްޔާ އުޅުއްވާ ގެއެއްގެ ސެކިއުރިޓީގެ ކަންކަން ހުންނަން ޖެހޭ ފެންވަރަށް އެގެ ގެނައުމަށް ދައުލަތުގެ ބަޖެޓުން ހޭދަތަކެއް ކުރި އެވެ. އެހެން ނަމަވެސް ފަހުން ރައީސް ޔާމީން ވަނީ އާ ބިމެއް ހެންވޭރުކޮޅު ބޮޑުތަކުރުފާނު މަގުން ބައްލަވައި ގަނެފަ އެވެ. އެއަށް ފަހު އެމަނިފާނު ވަނީ ހިލާލީގެއަށް ބަދަލުވެ ވަޑައިގެންފަ އެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިންގުމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ރައީސް މުހައްމަދު ވަހީދަށް މަހަކަށް 87،000 ރުފިޔާގެ މަގުން ކޮންމެ ބޭފުޅަކަށް ވެސް އަންނަ އަހަރަށް އެއް މިލިއަން ރުފިޔާ ވަނީ ބަޖެޓްގައި ކަނޑައަޅައިފަ އެވެ. އަދި ކުރީގެ ރައީސްއެއްގެ ހައިސިއްޔަތުން ރައީސް އަބްދުﷲ ޔާމީންގެ އޮފީސް ހިންގުމަށް ވެސް އަންނަ އަހަރަށް، އެއް މިލިއަން ރުފިޔާ ދިނުމަށް ވަނީ ބަޖެޓްކޮށްފަ އެވެ.

މީގެ އިތުރަށް، ކުރީގެ ރައީސުންނަށް ކޮންމެ މަހަކު ދޭން ލާޒިމްކުރާ 75،000 ރުފިޔާގެ އިނާޔަތާއި ދިރިއުޅުއްވާ ތަނުގައި ހަރަދަށް ކޮންމެ މަހަކުވެސް ދޭން ލާޒިމް ކުރާ 10،000 ރުފިޔާއާ އެކު، ރައީސް މައުމޫން، ރައީސް ވަހީދު އަދި ރައީސް ޔާމީންއަށް މި އެލަަވަންސްތައް ދިނުމަށް ޖުމްލަ 7.5 މިލިއަން ރުފިޔާބަޖެ ބަޖެޓްގައި ކަނޑައަޅާފައިވެ އެވެ.

މީގެއިން އެއްވެސް އިނާޔަތެއް ލިބިވަޑައިނުގަންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެމަނިކުފާނަށް އިނާޔަތްތައް ލިބިވަޑައިނުގަންނަވަނީ، ޖަލު ހުކުމެއްގައި އެ މަނިކުފާނު ހުންނެވުމުން އެވެ.