ހަބަރު

މަޖިލިސް އިންތިހާބަށް 123 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސަން އެދެފި

އަންނަ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަަށް 80 މިލިއަން ރުފިޔާ ލިބުނު ނަމަވެސް އެއަދަދު ލިބިގެން އިންތިހާބު ބާއްވަން ދަތިވާނެ އިލެކްޝަން ކޮމިޝަން، އީސީ އިން ބުނެފި އެވެ.

އީސީގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ، މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާނީ 123 މިލިއަން ރުފިޔާ ދިނުމަށް ކަމަށާއި ނަމަވެސް ފިނޭންސް އިން ހުށަހަޅާފައިވަނީ 43 މިލިއަން ރުފިޔާ މަދުކޮށް ކަމަށެވެ.

އަކުރަމް ވިދާޅުވީ، ފިނޭންސް އިން އުނިކޮށްފައިވަނީ ކޮން ކަންކަމެއްކަން ނޭންގޭ ކަމަށާއި ފިނޭންސް އިން 80 މިލިއަން ބަޖެޓްގައި ހިމަނާފައިވަނީ އީސީއާ މަޝްވަރާ ނުކޮށް ކަމަށެވެ. އިންްތިހާބްގެ ކަންކަން ކުރިއަށް ގެންދަން ވަރަށް ދަތިވާނެ ކަމަށާއި އެހެންކަމުން އެކަންކަމަށް ހައްލު ހޯދުމަށް އީސީއިން ބޭނުންވާ ކަންކަން ހިމެނުމަށް މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

"ބަޖެޓްގައި ހިމަނާފައިވަނީ 43 މިލިއަން ރުފިޔާ މަދުކޮށް، އަޅުގަނޑުމެންނަކަށް ނޭންގޭ އުނި ކުރި އެއްޗިއްސެއް، އެބޭފުޅުން މަޝްވަރާ ކޮށްފައެއް ނުވޭ އަޅުގަނޑުމެންނަކާ، މިއަދަދު ލިބިގެން މަޖިލިސް އިންތިހާބް ބާއްވަން ވަރަށް ދަތިވާނެ،" އަކްރަމް ވިދާޅުވި އެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށް މިހާރު ވެސް ޕާޓީތަކުގެ ތެރޭގައި ކެމްޕެއިން ވަނީ ފަށާފަ އެވެ. ކޮންމެ ފަސް އަހަރަކުން އެއް އަހަރު ރައްޔިތުންގެ މަޖިލިސް ބާއްވާއިރު އަންނަ މަޖިލީހަށް ދެ ދާއިރާއެއް އިތުރު ކުރަން
ވަނީ ނިންމާފަ އެވެ. މިހާރު 85 މެންބަރުން ތިއްބަވާއިރު، އަންނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާނެ އެވެ.