ވާހަކަ

ބުނެދޭށޭރުހެމޭ

(13 ނޮވެމްބަރ 2018 އާ ގުޅޭ)

"ލަސްކުރާނެކަމެއްނެތެއްނު، މާދަން ވެސް އޯކޭ" ޝިހާނާ ބުނެލިއެވެ. ރާދިން އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އޭނާއަށް އުފަލުން ގޮސް އަނބިމީހާގެ ގައިން ދޫކޮށްލާކަށް ބޭނުމެއްނުވިއެވެ. ޝިހާނާ ލައިގެން އޮތް ޓޮޕުކޮޅު ހިއްލާލައި އޭނާގެ ބަނޑަށް ރާދިން ބަލާލިއެވެ. އެބަނޑުގައި އޭނާ ފިރުމާލިއެވެ. އަދި ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަމުގެ ފޮނި ހުވަފެން ހަޤީޤަތަކަށްވާން އުޅޭކަން އެނގި އުންމީދުތައް ދުލުން ބޭރުވެގެންދިޔައެވެ. ރާދިންއަށްވުރެ ބޮޑަށް މާބަނޑުވުމުގެ ކަންކަން ޝިހާނާއަށް އެނގޭތީ އޭނާ ރާދިންއަށް ކަންކަން އޮޅުންފިލުވައިދިނެވެ.

ބިލާލު ކޮޓަރިއަށް ވަނުމުން އެނދުގައި ދެފައި ދަމާލައިގެން އިން ޝަރުމީނު ތެދުވިއެވެ. އަދި އައިޕެޑްއިން ބަލަން އިން ކައްކާ ޗެނެލް ނިއްވާލައި އެނދުގެ އަރިމަތީ ކަބަޑުގެ ވަތްގަނޑަށް ލިއެވެ.

"އަރްސަލްމެން އަތުވެއްޖެތަ؟" ހެދުން ބަދަލުކުރަން އުޅުނު ބިލާލު އަހާލިއެވެ.

"ހީވަނީ ނާދޭހެން، ހަލަފްއާއި ރާދިން ޔަގީނުން ވެސް އެބައުޅޭ" އެނދުގައި ހުރި ބޭނުންނުކުރާ ބާލީސްތައް ނަގައި އެއްފަރާތުގައި ހުރި ސޯފާގެ މަތީ ބަހައްޓަމުން ޝަރުމީނު ވާހަކަދެއްކިއެވެ.

"ހޮޓެލަށް ދިޔައީކަންނޭނގެ ދޯ" ބިލާލު ނިދަންލާ ހަރުވާޅު ލައިގެން އެނދަށް އެރިއެވެ. އޭރު ޝަރުމީނު ވެސް އެނދަށް އަރައިފިއެވެ. އޭނާ އިނީ ބިލާލު ކޮޓަރިއަށް އަންނަންދެން މަޑުކޮށްލައިގެންނެވެ.

"ނިމްރާ ރަނގަޅުހެންނެއް އަހަންނަކަށް ހިޔެއްނުވޭ" އެނދުގައި ބިލާލު ހަމަޖެހިލަންދެން އޮވެފައި ޝަރުމީނު ބުންޏެވެ.

"ކިހިނެއްވީ ނިމްރާއަށް" ބިލާލަށް ލިބުނީ ހައިރާންކަމެކެވެ.

"އެކުއްޖާ ފޮނިއެއްޗެހިކާން މަރުދޭތީ، ޚާއްޞަކޮށް ޗޮކުލެޓު، އިއްޔެވެސް ކައި ނިމުނުގޮތަށް ހޮޑުދުއްވާލައިފި... ހެނދުނު އަންނަ ގޮތަށް ކޮފީ މެޝިނު ކައިރިއަށް ދާނީ، އަރްސަލްއާ ދެ މީހުންނަށް ކޮފީ ހަދަން، މިހާރު ކޮފީ މެޝިނާ ކައިރި ވެސް ނުވޭ، އަރްސަލްއަށް ކޮފީ ހަދައިދޭން ބުނީ ވެސް އަހަރެން ގާތު" ޝަރުމީނު ވިސްނަމުންދިޔައީ ނިމްރާގެ ފަރާތުން ފެންނަ ބަދަލާމެދުއެވެ.

"ކައިވެނި ކުރީމަ އައި ބަދަލަކަށްވެދާނު" ބިލާލަށް ޝަރުމީނުގެ ވާހަކައިގައި ފޮރުވިފައިވާ އެއްޗެއް ނޭނގުނެވެ. އޭނާގެ ވާހަކައަށް ޝަރުމީނު ހީނލުމުން ވީގޮތެއް އޮޅުންފިލުވަން އަހާލާފަދައިން ނިތްއަރުވާލިއެވެ.

"އަހަންނަށް ހީވަނީ ނިމްރާ ބަނޑުބޮޑީހެން" ހިނިއައިސްފައި އޮވެ ޝަރުމީނު ބުނެލިއެވެ. ވަގުތުން ބިލާލުގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

"އެކަހަލަ ވާހަކައެއް ބުނީތަ؟" ބިލާލު އަހާލީ ހިތްއަވަސްވެފައި އޮވެއެވެ.

"އަދި ނުބުނޭ، ހީވާއެއްޗެއްމީ... އަހަންނަށް ވެސް އަހާލަން ނުކެރިގެން މިއުޅެނީ އެކަހަލަ ވާހަކައެއް ނިމް ނުދައްކާތީ، އެއީ އެކުދިންގެ ޒާތީކަމެއްވީމަ... ބަނޑުބޮޑުކަން އެނގިއްޖެއްޔާ އަހަރެމެން ގާތު ނުބުނެއެއްނުތިބޭނެ" ޝަރުމީނު ބުންޏެވެ.

"ތެދަކަށްވެއްޖެއްޔާ ތީ ވަރަށް އުފާވެރި ޚަބަރެއް، ތިބުނާހެން އެކަހަލަ ވާހަކައެއް އެކުދީންގެ ގާތުގައި އަހަރެމެން އިސްވެ އެހުން ރަނގަޅެއްނުވާނެ، ހުރިހާ ކަމަކާ މައިންބަފައިން މިހާރު ބެހޭކަށް ނުވެސް ޖެހޭނެ، ޝަރޫ، އަރްސަލް އެ ކައިވެނި ކުރީ އޭނާއާ އެންމެ ގުޅޭ ކުއްޖާއާ، އެ ދެކުދިން އުޅޭގޮތް ފެނުމުން އަހަރެންނަށް ޤަބޫލު ވެސް ނުކުރޭ އެއީ އަހަރެންގެ އަރްސަލްއޭ، އެހެންވިޔަސް އަރްސަލްގެ ގޮތެއް ނޭނގޭނެ، އޭނާ އެހާ އަވަހަށް ދަރިއަކު ހޯދަން ބޭނުންނުވެ ވެސް ދާނެ" ބިލާލު އޭނާގެ ޚިޔާލު ފާޅުކުރިއެވެ. ދެމަފިރިން ނިދެންދެން ވެސް ކުދީންގެ ދިރިއުޅުމުގެ ވާހަކަދައްކަން ތިއްބެވެ.

* * * * *

ރާދިން އޮފީހަށް ދާން ތައްޔާރުވަމުންދިޔައިރު ޝިހަނާ ހުރީ ފިރިމީހާ ފެންނަ ހިސާބުގައެވެ. ރާދިން ޓައީ ކަރުގައި އަޅުވާލުމާއެކު ޝިހާނާއާ ދިމާއަށް އެނބުރިއެވެ.

"މިއަދު ޑޮކްޓަރ އެޕޮއިންޓްމެންޓެއް ހައްދާފައި ރާދުއަށް ގުޅާނަން" ރާދިންގެ ޓައީ ރަނގަޅުކޮށްދެމުން ޝިހާނާ ބުންޏެވެ. އޭރު އޭނާ ހުރީ ޑިއުޓީއަށް ނުކުންނަން ތައްޔާރުވެގެންނެވެ.

"އޯކޭ މައި ލަވިންގް ވައިފް... ހިނގާ ދަމާ، މިހާރު ބައްޕަ ވެސް ސައިބޯން ނުކުމެދާނެ" ލޯގަނޑުން އަމިއްލަ ސޫރަ ބަލާލުމަށްފަހު ޝިހާނާއާއެކު ރާދިން ކޮޓަރިން ނުކުތެވެ.

ކާމޭޒުދޮށުގައި އިން ބިލާލު ވާހަކަދައްކަމުން ދިޔައީ ހަލަފްއާއެވެ. މާހެނދުނަކާ ހަލަފް އައީ ރޭގައި ނުނިދަނީތޯ ބިލާލު ސުވާލުކުރިއެވެ. ހަލަފް ނިދިޖެހިފައި ކާމޭޒުދޮށުގައި އިނުމަކީ ހެނދުނު ވަގުތު ފެންނަ އާންމު މަންޒަރެކެވެ. އޭނާއަށް ރަނގަޅަށް ހޭލެވޭނީ ނިމްރާ ބަދިގެއަށް އައިސް އުނދަގޫކުރަން ފެށުމުންނެވެ. ބިލާލުގެ ސަމާލުކަން ބަދިގެއާއި ކާގެއަށް ވަދެވެން ހުރި ދޮރަށް ހުއްޓުނެވެ. އޭރު ރާދިންއާއި ޝިހާނާ އައިސް ވަންނަނީއެވެ.

"ދަރިފުޅުމެން ވެސް ތި އައީ ދޯ. ކޮބާ އަރްސަލްއާއި ނިމް... އެ މީހުންނަށް ހޭލެވިއްޖެތަ؟" ބިލާލުގެ ސަމާލުކަން ރާދިންމެންނަށް ހުއްޓުމުން ހަލަފް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.

"އަންނާނެ އެންމެން ސައިބޮއެގެން ތެދުވަން އުޅެނިކޮށް" ހެވިފައި ހުރެ ރާދިން ބުންޏެވެ. ބިލާލު އެއްބަސްވެލަމުން ބޯޖަހާލީ ހިނިއައިސްފައި އިނދެއެވެ.

"އާނާ... މިހާރު ކިހިނެއް؟ ގޭސްޓްރިކްއަށް ބޭހެއް ކައިފިންތަ؟" ޝިހާނާ މޭއަންދާތީ ރޭގައި އުޅުނުކަން އެނގި ޝަރުމީނު އަހާލިއެވެ.

"ކުޑަކޮށް އޯކޭ" ޝިހާނާ ހިނިތުންވެލިއެވެ. އަދި އާންމުކޮށް ކާމެޒުދޮށުގައި އިށީންނަ ދިމާގައި އޭގެ ދެމަފިރިން އިށީނެވެ.

އެންމެން ސައިބޯން ފެށިތާ ގިނައިރެއްނުވެ އަރްސަލްއާއި ނިމްރާ އަތުވެއްޖެއެވެ. އެ މީހުން ވެސް އަވަހަށް އައިސް ކާމޭޒުދޮށުގައި އިށީނދެ އެންމެންނާ ބައިވެރިވިއެވެ. ސައިބޮއެ ނިމި އެންމެން ތެދުވުމުގެ ކުރީން ރާދިން އަތްއުފުލާލައި އެންމެންގެ ސަމާލުކަން އަތުލިއެވެ.

"އެންމެން ގާތު ބުނަން ބޭނުންވާ ވާހަކައެއް އެބައޮތް" ރާދިން ނިކަން ހިނިއައިސްފައި އިނދެ ބުންޏެވެ. އެއާއެކު ޝިހާނާ ވެސް ނިކަން ބޮޑަށް ހިނިތުންވެލައި ރާދިން ދޭން އުޅޭ ޚަބަރަށް ތައްޔާރުވެލިއެވެ.

"އާނާ... ޝީ އިޒް ޕްރެގްނެންޓް" އިރުކޮޅަކު މަޑުކޮށްލައިގެން އިނުމަށްފަހު ރާދިން ބުނެލީ އަނބިމީހާގެ ކޮނޑުގައި އަތްއަޅުވާލައި ގާތްކޮށްލަމުންނެވެ.

"ވަޓް؟... ސީރިއަސްލީ..." ދެ ލޯ ބޮޑުކޮށްލައިގެން އިން ހަލަފް ބުނެލިއެވެ. ހަމައެވަގުތު ބިލާލުއާއި ޝަރުމީނު ޔަގީންކޮށްލިއެވެ. އަދި އެކަކުއަނެކަކަށް ބަލާލުމާއެކު ބާރަށް ހީނގަނެއްޖެއެވެ. އެ ދެ މީހުން ރޭގައި ނިމްރާ ބަނޑުބޮޑުކަމަށް ހީކޮށް އެ ވާހަކަދެއްކި ހަނދާންވީއެވެ. ފުރަތަމަ ބަނޑުބޮޑުކަމުގެ ޚަބަރު އިވޭނީ ނިމްރާގެ ފަރާތުންކަމަށް ބިލާލުއާއި ޝަރުމީނު ތިބީ ހީކޮށްގެނެވެ. އެކަމަކު ކަންތައްވީ އެ މީހުން ހީކުރި ގޮތަކަށްނޫނެވެ. އެހެންވެ ދެ މީހުންނަށް ވެސް ހީނލެވުނީއެވެ.

"ކޮންގްރެޓްސް މޭން" ހިނިތުންވެލައިގެން އަރްސަލް އަތްދިއްކޮށްލިއެވެ. އެއާއެކު އެއަތުގައި ރާދިން ހިފައި ސަލާމްކޮށްލިއެވެ. ނިމްރާ ވެސް އެ ދެ މީހުންނަށް ތަހުނިޔާކިޔެވެ. ހެނދުހެނދުނާ އެއަށްވުރެ ރަނގަޅު ޚަބަރެއް މިއަދު ދެން ނީވޭނޭ ނިމްރާ ބުނެލިއެވެ. ގޮނޑިން ތެދުވެގެން އައިސް ޝިހާނާގެ ގައިގާ ނިމްރާ ބައްދާލިއެވެ. ޝަރުމީނަކަށް ވެސް ނީނދެވުނެވެ. ޝިހާނާގެ ގައިގާ އޭނާ ވެސް ކުޑަކޮށް ބައްދާލިއެވެ.

"މިކަން ފާހަގަކުރަންވާނެއެއްނު" ބިލާލު ބުނެލިއެވެ.

"ޑޭޑް ޕީޒާ ޕާޓީއެއް" ބިލާލަށް އިތުރު އެއްޗެއް ނުބުނެވެނީސް ހަލަފް ބުނެލިއެވެ. އެންމެންގެ މޫނުމަތިން އުފާވެރިކަމުގެ އަސަރު ފެންނަމުންދިޔައެވެ.

ހޮޓެލަށް ދިއުމަށް ކާރަށް އެރީއްސުރެ ނިމްރާ އިނީ ހިމޭނުންނެވެ. އަރްސަލް ވެސް އިތުރު ވާހަކައެއް ނުދައްކައެވެ. ދޭތެރެއަކުން އޭނާ ނިމްރާއަށް ބަލާލައެވެ. ދެ މީހުންގެ ސިކުނޑީގައި ވެސް ވަރުގަދަ ޚިޔާލެއް އެނބުރެމުންދިޔައެވެ. ދެ މީހުންނަށް ވެސް އެ ބަދަލު އައީ ޝިހާނާ ބަލިވެ އިންކަމުގެ ޚަބަރު އިވިގެންނެވެ.

"ސްކާލެޓް... ކޮން ޚިޔާލެއްގައި، މަޑު ވެސް ނުކޮށް ތިނައްޓާލީ" ކާރު ޕާކު ކުރުމުން ނިމްރާ ކާރުން ފައިބައިގެން ދާން ހިނގައިގަތުމުން އަރްސަލް ގޮވާލިއެވެ. ޚިޔާލަކަށް ގެއްލިފައި ހުރި ނިމްރާއަށް ހުއްޓެވުނީ ދެނެވެ.

"ސޮރީ" އަރްސަލް އައިސް ނިމްރާއާ ހަމަވުމުން އޭނާ ބުނެލިއެވެ.

"ލަންޗަށް ދާން ގުޅާނަން އިނގޭ" ނިމްރާ ގޮވައިގެން ހޮޓެލްގެ ތެރެއަށް ވަންނަން އައި އަރްސަލް ބުނެލިއެވެ. ނިމްރާ މާގިނަ ވާހަކައެއް ނުދެއްކިއެވެ. ހަމައެކަނި ބޯޖަހާލީއެވެ.

ކެބިންއަށް ނިމްރާ ވަންއިރު އީވާ އިނެވެ. އޭނާ ހެނދުނުގެ ސަލާމް ނިމްރާއާކޮށްލި ނަމަވެސް ޖަވާބެއް ނުދީ ނިމްރާ ހަލުވިކޮށް އައިސް މޭޒުދޮށުގައި އިށީނެވެ. އަދި އަވަހަށް ފޯނުނަގައި ކަލަންޑަރު ހުޅުވާލިއެވެ.

"ކޮންމެ މަހަކުވާއިރު ކީއްވެ އަހަރެން ހަނދާންނެތެންވީ" ނިމްރާގެ ހިތަށް އެރިއެވެ. ހަމައެވަގުތު އޭނާގެ ޟަމީރު އެ ސުވާލަށް ޖަވާބުދިނެވެ. ކައިވެނިކުރީއްސުރެ އަރްސަލްގެ ގާތްކަން އެހެންކަމަކާ މެދު ނިމްރާ ފިކުރު ހިންގާކަށް ވަގުތެއް ނުދެއެވެ. ހުރިހާ ވަގުތަކުހެން ނިމްރާގެ ސިކުނޑީގައިވަނީ އަރްސަލްއެވެ. ކައިވެނީގެ ސަބަބުން ހަޔާތަށް އައި އުފާވެރިކަމެއްގެ ސަބަބުން މަހުންމަހުން ކުރިމަތިވާ ހުރަސްގެ މަތިން ހަނދާންނައްތާލެވި ނިމްރާއަށް ފަރުވާކުޑަކޮށްލެވުނީއެވެ.

"އަހަރެން... އަހަރެން ޕްރެގްވެދާނެތަ؟" ހާސްވެފައި އިން ނިމްރާއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. އޭނާ ކައިވެނިކުރުމުގެ ކުރީން ވެސް މައްސަލައެއް ހުރިތޯ ބެލިއެވެ. ޑަކްޓާރ ލޫކަންވަނީ އެއްވެސް މައްސަލައެއްނެތްކަމުގެ ޔަގީންކަން ދީފައެވެ. ވީއިރު ބަނޑުބޮޑުނުވާނޭ އެއްވެސް ސަބަބެއްނެތެވެ. ނިތްކުރީގައި ކާނާއަތްތިލަ ހިންގާލުމާއެކު އިސްތަށިގަނޑުގައި ވެސް ނިމްރާ އިނގިލިތައް ހިންގާލިއެވެ.

"އިޒް އެވްރިތިންގް އޯކޭ" ނިމްރާގެ ހާސްކަން އޭނާގެ މޫނުމަތިން ފާޅުވަމުންދިޔަކަން އޭނާއަށް އެނގުނީ އީވާ ވާހަކަދެއްކުމުންނެވެ. ނިމްރާ ނިކަން އަވަހަށް އާނއެކޭ ބުނެލިއެވެ.

"އައި ހޭވް ޓު މޭކް ޝުއަރ، އަރްސަލް ގާތު ބުނާނީ ޔަގީންވީމަ، އެކަމަކު ޔަގީންކުރާނީ ކިހިނެއް، ހޮޓެލުން ބޭރަށް ނުކުންނަތަނުން އަރްސަލްއަށް އެނގިއްޖެއްޔާ ސުވާލުކުރާނެ... އައި ހޭވް ޓު ވެއިޓް، އެންމެ ފަސޭހަވާނީ ގެއަށް ގޮސްފައި" ތިރީތުންފަތުގެ ކޮޅުގައި ދަތްއަޅާލައިގެން އިން ނިމްރާގެ ހިތުގައިވިއެވެ.

* * * * *

"އައި ތިންކް ޝީ އިޒް ޕްރެގް" ފޯނުން ފެންނަމުންދިޔަ ކަލަންޑަރަށް ބަލަހައްޓައިގެން އިން އަރްސަލްގެ ހިތުގައިވިއެވެ.

"އަހަންވީތަ؟ ޔާ... މިހާރު ސްކާލެޓްއަކީ އަހަރެންގެ އަނބިމީހާ، އެހެންވީމަ ނާހާ ހުރުމުގެ ބޭނުމެއްނެތް، ވަޓް އިފް ޝީ އިޒް ޕްރެގްނެންޓް... ދެން ވަޓް" އަރްސަލްއަށް ތުނބުޅި މަތިމަހުގައި އަތްތިލަ ހިންގާލެވުނެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ ލޫންއެވެ. އަލަތު ދަރިފުޅު ލިބެން އުޅޭކަން ލޫން ހާމަކުރި ދުވަހު އަރްސަލްވީ އުފަލެވެ. އެ ޚިޔާލުތަކުން އޭނާ ނޭވާ ހާސްވާގޮތްވިއެވެ.

"އަރްސަލް" ކުއްލިއަކަށް އަރްސަލް ގޮނޑިން ތެދުވިގޮތް ފެނި ރާދިން ގޮވާލިއެވެ.

"އެބަ އަންނަން" އަރްސަލް ބުނެލިއެވެ. އަދި ހަލުވިކޮށް ކެބިންއިން ނުކުމެގެން އައިސް އޮފީސްބައިގައި ހުންނަ ބެލްކަންޏަށް އޭނާ ނުކުތެވެ. ފުލުފުލުގައި ހަށިފުރާ ދެތިން ނޭވާ އަރްސަލް ލީ ދެ ލޯ މަރާލައިގެން ހުރެއެވެ. މަޑުމަޑުން ލޯހުޅުވާލައި ކުރިމަތިން ފެންނަމުންދިޔަ މަންޒަރަށް އޭނާގެ ލޯ ހުއްޓާލިއެވެ.

"ލޫން އިޒް މައި ޕާސްޓް، ސްކާލެޓް އިޒް މައި ޕްރެޒެންޓް، މައި ލަވް... މައި އެވްރިތިންގް" އަމިއްލަ ނަފްސަށް ޔަގީންކަން ދޭން ބޭނުންވެ އަރްސަލް ބުނެލި ކަހަލައެވެ. އެ ބަހަށް ބާރުދޭން އޭނާ އަމިއްލައަށް ބޯޖަހާލިއެވެ.

"ނަތިންގް ވިލް ހެޕެން ޓު ހާ، އެންމެ ކުރިން ސްކާލެޓް ޕްރެގްތޯ ބަލަންވީ، އައި ރެމެމްބަރ، ލޫންއާއެކު ގޮސް ފާމަސީއިން ޓެސްޓްކިޓް ގަން ހަނދާން، އައި ހޭވް ޓު ބައި ދެޓް" އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން އަރްސަލް ވިސްނާލިއެވެ. އަދި އޭނާ ކަންތައްކުރާނޭ ގޮތެއް ރާވާލިއެވެ.

* * * * *

ހަވީރު ގެއަށް އައި މަގުމަތީގައި ވެސް ކާރުގައި ނިމްރާ އިނީ ހިމޭންވެފައެވެ. އަރްސަލް ގޮވާލުމުން ހިނިތުންވުމެއް ދެއެވެ. ގެއަށް ވަދެވުނުއިރު ހަލަފް ހުރީ ތައްޔާރަށެވެ. ނަމަވެސް އޭނާއާ ސަކަރާތްޖެހުމުގެ ޝައުގެއް ނިމްރާގެ ނެތެވެ.

"އެވްރިތިންގް އޯކޭ" ކޮޓަރިއަށް ވަދެވުމާއެކު އަރްސަލް އަހާލިއެވެ. ނިމްރާގެ ޠަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެކަން އަރްސަލްއަށް ޔަގީންވީއެވެ.

"ހޫމް... ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ" ނިމްރާ ބުންޏެވެ. އަދި އަރްސަލްގެ ޖަވާބަކަށް މަޑުކުރުމެއްނެތި ހެދުން ބަދަލުކުރުމަށް އުޅުނެވެ.

"ކިހިނެއްވީ ބޮލުގަ ރިއްސަނީ، ބޭހެއް ގެނެސްދެންތަ" ނިމްރާގެ ފަހަތުން އައި އަރްސަލް ބުންޏެވެ.

"ރެސްޓްކޮށްލަނިކޮށް އޯކޭ ވެދާނެ، އަރްސަލް... މިހާރު ހަވީރު ދުވަން ނުދަނީ ކީއްވެތަ؟ މިއަދު ދާންވީނު ޖިމްއަށް" ނިމްރާ ކިތަންމެ ވިސްނައިގެން ވާހަކަދެއްކި ނަމަވެސް އޭނާގެ ހާސްކަން އަރްސަލް ދެނެގަތެވެ.

"އަހަރެން އަބަދު ސްކާލެޓްގާތުގައި ހުންނާތީ އުނދަގޫވީތަ" އަރްސަލް އައިސް ނިމްރާގެ ފުރަގަހުން ބައްދާލަން އުޅުނެވެ. އެހެންނަމަވެސް އޭނާއަށް އިތުރު ހައިރާންކަމެއް ލިބިގެންދިޔައީ ނިމްރާ ދުރަށް ދެމިގަތުމުންނެވެ.

"ސްކާލެޓް... ވަޓް ހެޕެން... ބުނޭ" ނިމްރާއަށް ކަމެއްވެއްޖެކަން އަރްސަލްއަށް ޔަގީންވާތީ އެއްސެވެ.

"ވަރަށް ހޫނުވެފައި މިހުރީ... ކުޑަކޮށް ނިދާލަނިކޮށް އޯކޭ ވެދާނެ" ނިމްރާ އަވަސް އަވަހަށް ގޮސް ވަނީ ފާޚާނާއަށެވެ.

އަރްސަލް އިތުރު ސުވާލެއް ނުކުރިއެވެ. ނިމްރާ ފެންވަރައިގެން ނުކުމެ އެނދުގައި އޮށޯވެލިއެވެ. އަރްސަލް ވެސް ފާޚާނާއަށް ވަދެފައި އައިސް ނިމްރާގެ ގާތުގައި އޮށޯތީއެވެ. އެތައް އިރަކު ލޯމަރައިގެން ނިމްރާ އޮވެފައި ސިއްރުން އަރްސަލްއަށް ބަލާލިއެވެ. އަރްސަލް އޮތީ ލޯމަރައިގެން ކަމަށްވާތީ އޭނާއަށް އޮތީ ނިދިފައިތޯ ނިމްރާ ޔަގީންކުރަން އިރުކޮޅަކު އެ މޫނަށް ބަލަހައްޓައިގެން އޮތެވެ. އަދި ނިދިފައިކަން ޔަގީންވުމުން މަޑުމަޑުން އެނދުން ފޭބިއެވެ.

ލޯމަރާލައިގެން އޮތް އަރްސަލް ލޯ ހުޅުވާލީ އެނދުން ނިމްރާ ފޭބިކަން އެނގިގެންނެވެ. ނަމަވެސް އަލުން ދެ ލޯ މަރާލީ ނިމްރާ މާ ސިއްރުން ފިޔަވަޅު އަޅަން އުޅޭތަން ފެނިގެނެވެ. ނިމްރާ ކުރާކަމެއް ބަލަން އަރްސަލް ބޭނުންވީއެވެ. އެހެންވެ ނިމްރާއަށް ފާހަގަނުވާނޭވަރަށް ލޯ ކުޑަކޮށްގެން އަރްސަލް އޮތެވެ. ހެދުން ބަދަލުކޮށްގެން ނުކުތް ނިމްރާ ފެނުމުން އަރްސަލްގެ ހިތުގައި ސުވާލު އުފެދުނެވެ. އަތްދަބަސް ކޮނޑުގައި އަޅުވާލައިގެން ނިމްރާ ކޮޓަރިން ނުކުމެ ސިއްރުން ދޮރުފަތް ލައްޕާލިއެވެ. އެއާއެކު އަރްސަލް ރަނގަޅަށް ލޯ ހުޅުވާލިއެވެ.

"ބޮލުގައި ރިއްސާތީ ނިދާލަން ބޭނުންވީ... ދެން ކޮންތާކަށް ތައްޔާރުވެގެން އެ ދިޔައީ" އަރްސަލް ބުނެލިއެވެ. ފޯނު ނަގައި ނިމްރާއަށް ގުޅަން އުޅެފައި އަރްސަލް ޚިޔާލު ބަދަލުވިއެވެ. އޭނާ އެނދުން ތެދުވެ ޓީޝާޓެއް ބޮލަށް މަހާލައިގެން ސޯޓުބުރީގައި ކޮޓަރިން ނުކުމެގެން އައެވެ. ބޮޑުކޮޓަރީގައި އިން ޝަރުމީނަށް އަރްސަލް ފެނުމާއެކު ނިމްރާ ބޭރަށް ދިޔަ ވާހަކަ ބުނެލިއެވެ.

"އަރްސަލް ނިދާފައޭ ނިމް ބުނީ" ޝަރުމީނު ބުންޏެވެ.

"ހޭލެވުނީ... ނިމް ބުނިތަ ދިޔަތަނެއް" އަރްސަލް ނިދި މޫޑުގައި ހުރި ފަދައިން ހަރަކާތްތައް ބަހައްޓަމުން ވާހަކަދެއްކިއެވެ.

"ހަލަފްއާއެކު ދިޔައީ، ވަރަށް އަވަހަށް އަންނާނަމޭ ކިޔާފައި ދިޔައީ" ޝަރުމީނު ބުންޏެވެ. އަރްސަލް އަލުން އެނބުރި ސިޑިން އެރީއެވެ. ކޮޓަރިއަށް އައިސް އިހު އޮތްހެން އެނދަށް އަރާ އޮށޯތެވެ. ޝަރުމީނު ބުނިހެން ގިނައިރެއް ނުވެ ނިމްރާ އެނބުރި އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އަރްސަލް ތެދުވުމުން ނިމްރާ ދިޔައީ ސިއްސައިގެންނެވެ.

"ބޭރަށް ދިޔައީތަ؟" އެނދުގެ އަރިމަތީ އިށީނދެލައިގެން އިން އަރްސަލް އަހާލިއެވެ.

"އާނ... މީ... ބޭސް ނެތީމަ.... ބޭސް ގަތީ" ނިމްރާއަށް ބުނާނޭ އެއްޗެއް ނޭނގިގެން އުޅުނުކަން އަރްސަލް ދެނެގަތެވެ. ހަމައެއާއެކު ނިމްރާ ސިއްރުކުރަނީ ކޮންކަމެއްކަމާމެދު އަރްސަލް ސުވާލު އުފެދުނެވެ.

"ސްކާލެޓް... އަހަރެން ވާހަކައެއް ދައްކަންވެފައި އޮތީ" އިރުކޮޅަކު ނިމްރާގެ ހަރަކާތްތަކަށް ބަލަން އިނދެފައި އަރްސަލް ބުނެލިއެވެ.

"އޯކޭ... މިވަގުތުތަ... އަހަރެން ފާޚާނާއަށް ވަދެލަންވެގެން" ނިމްރާ ބުނެލިއެވެ.

"ވަދެފައި ނުކުމޭ، އަހަރެން އެބަ އަންނަން ބޭރަށް ގޮސްފައި، ގެއަށް އާދެވުނީ ސްކާލެޓްއަށް އެއްޗެއް ގަނެދޭން ހަނދާންކޮށްގެން ހުރީ، އެބަ އަންނަން އިނގޭ" އަރްސަލް ބުނެލިއެވެ. ނިމްރާ އެއީ ކޯޗެއްތޯ ވެސް ނާހައި އަވަހަށް ބޯޖަހާލީއެވެ. އަދި އޭނާ އައިސް ފާޚާނާއަށް ވަނެވެ.

އަރްސަލް ބޭރަށް ގޮސްފައި އައިއިރު ވެސް ނިމްރާ އުޅެނީ ފާޚާނާގައެވެ. ނިމްރާއަށް ގޮވާލުމާއެކު ދޮރުހުޅުވާލަން އުޅުނެވެ. ނަމަވެސް ހައިރާންވީ ދޮރު ތަޅުލާފައި ހުރުމުންނެވެ. ފާޚާނާ ތަޅުލުމަކީ ކޮށްގެން ނުވާނޭ ކަމެއްގެ ގޮތުގައި އަރްސަލް އެންމެ ފުރަތަމަ ދުވަހު ވެސް ނިމްރާ ގާތު އޮތީ ބުނެފައެވެ. އަވަސްއަވަހަށް ދޮރުގައި އަރްސަލް ޓަކި ދިނެވެ. ވަގުތުން ދޮރު ހުޅުވަމަށް އަރްސަލް ބުންޏެވެ.

"ކީއްވެ ދޮރުތަޅުލީ" ނިމްރާ ދޮރުހުޅުވާލުމާއެކު އަރްސަލް ސުވާލުކުރިއެވެ.

"އަރްސަލް" ނިމްރާ ފެންނަނީ ކަމަކާ ހާސްވެ ކަންބޮޑުވެފައި ހުރިހެންނެވެ.

"ސްކާލެޓް، ޔޫ އާ ލޭޓް، ވަން މަންތް ލޭޓް... އެކަން އެނގޭތަ... މި ގަންނަން އަހަރެން ދިޔައީ، ޑޫ ދި ޓެސްޓް، އައި ވޯންޓް ޓު މޭކް ޝުއަރ، އެހެންވެ ދެވައްތަރެއް ހިފައިގެން މިއައީ" އަރްސަލް ޖީބުން ނެގި ޕްރެގްނެންސީ ޓެސްޓް ކިޓުތައް ފާޚާނާ ދޮރުމަތީ ހުރި ނިމްރާއަށް ދިއްކޮށްލިއެވެ. ނިމްރާއަށް ހިންދިރުވާލެވުނެވެ. އަރްސަލް ދިން ކިޓުތަކުގައި އޭނާ ހިފިއެވެ.

"އަރްސަލް" އަރްސަލް ގާތު ބުނާނޭ ގޮތެއް ނޭނގިގެން ނިމްރާ އުޅޭ ކަހަލައެވެ.

"އިޓްސް ޕޮޒިޓިވް" ނިމްރާ ބުނެލިއެވެ. އަދި ފާޚާނާ ތެރެއަށް އިޝާރާތްކޮށްލިއެވެ. އަރްސަލް ކުރިއަށް ޖެހިލުމުން ނިމްރާ އެނބުރި ފާޚާނާއަށް ވަނެވެ. މޫނުދޮންނަ ތަށިކައިރީ ހިލަގަނޑުމަތީ ތިން ޕްރެގްނެންސީ ކިޓު ކައިރިކައިރީ ބާއްވާފައި އޮތެވެ. އަރްސަލް ބުނާނޭ އެއްޗެއް އިންތިޒާރުގައި ހާސްކަމާއެކު ނިމްރާ ކޯހަފާލަހަފާލައި ހުރެވުނެވެ.

"ކޮންއިރަކު ސްކާލެޓްއަށް އެނގުނީ" އަރްސަލް އެއްސެވެ.

"އާނާ ޕްރެގްއޭ ބުނީމަ... އަހަންނަށް ވެސް ވިސްނާލެވުނީ، އައި ހޭވް ދިސް ކްރޭވިން، ހޮޑު ވެސް ލަވަނީ، އައި ލަވް ކޮފީ، އެކަމަކު ކީއްވެ މިހާރު އެވަސްޖެހުނީމަ އަހަރެންނަށް ނުބައިވަސް ދުވަންވީ، އަހަރެންގެ ބޮލުގައި ރިއްސަންވީ" ނިމްރާ އިސްޖަހާލައިގެން ހުރެ ބުނެލިއެވެ. އޭނާ އިސްއުފުލާލީ އަރްސަލް އައިސް އޭނާގެ ކޯތާފަތުގެ ދެފަރާތުން ހިފާލުމުންނެވެ.

"އައި ލަވް ޔޫ" ނިމްރާގެ ގައިގާ ބައްދާލަމުން އަރްސަލް ބުނެލިއެވެ.

އަރްސަލް އެތައް ވާހަކައެއް ދައްކާނޭކަމަށް ނިމްރާ ހީކުރި ނަމަވެސް އެހެނެއްނުވިއެވެ. އިތުރަށް އެކަމާ ގުޅުވައި އެކައްޗެއް ވެސް ނުބުނުމުން ނިމްރާ ކަންބޮޑުވިއެވެ. ކައިވެންޏަށްފަހު ކުއްޖަކު ލިބިއްޖެއްޔާ ލިބުނީއޭ ބުނީ އަރްސަލްކަން ނިމްރާ ހަނދާން ހުއްޓެވެ. އެކަމަކު އަރްސަލްގެ ފަރާތުން ނިމްރާ އުންމީދުކުރި ފަދަ ޖޯޝަކާއި އުފާވެރިކަމެއް ނުފެނުމުން އޭނާ ދެރަވިއެވެ. ހިތުގައި ސުވާލު އުފެދުނީ އަރްސަލް އަދި ކުއްޖަކު ބޭނުންނުވަނީ ކަމުގައެވެ.

ޝިހާނާއާއި ރާދިންއަށް ތަހުނިޔާ ކިޔުމަށް މުއްޠަލިބުގެ ޢާއިލާގެ މެންބަރުންނަށް ބިލާލު ދަޢުވަތު ދިނެވެ. ހަލަފް އެދުނީތީ އޭނާއާއެކު ގޭތެރެ ތައްޔާރުކުރުމުގައި ނިމްރާ އުޅުނެވެ. އެ މީހުންނާއެކު ޝިހާނާއާއި ޝަރުމީނު ވެސް އުޅެއެވެ. ގެއިން ބޭރުން ރާދިންއާއި ޝިހާނާއަށް ކަމުދާނޭ ކަހަލަ ކާއެއްޗެހި ގެނެސް ސުފުރާ ފުރާލައިފައި އޮތެވެ. އަރްސަލް ކަންތައްކުރި ގޮތުން ނިމްރާ ބަލިވެ އިން ވާހަކަ ޝިހާނާގެ ގާތުގައި ބުނާކަށް އޭނާއަކަށް ނުކެރުނެވެ. އެހެންވެ މަޑުކުރީ އަރްސަލް އެ ޚަބަރު ޢާއިލާއަށް ދޭނޭ އިރަކަށެވެ. ހުރިހާކަމެއް ނިންމާލެވުމުން ނިމްރާ އެނބުރި ކޮޓަރިއަށް އައެވެ. އަރްސަލް އެއްވެސް ތާކުން ފެންނަން ނެތުމުން އިތުރަށް މާޔޫސްވެފައި ހުރެއެވެ.

ރީތިވެލައިގެން ނުކުތުމުގެ ބަދަލުގައި ނިމްރާއަށް ރީތިވާ މޭޒުގެ ގޮނޑީގައި އިނދެވުނީއެވެ. އޭނާގެ މާޒީގެ ޚިޔާލަށް ގެއްލިފައެވެ. ފުރަތަމަ ބަނޑުބޮޑުވުމުން އެކަން ސިއްރުކުރަން އޭނާ ކުރި މަސައްކަތް ހަނދާންވިއެވެ. މިހާރު އޭނާ ސިއްރުކުރަން ޖެހޭ ސަބަބެއްނެތްއިރު ވެސް އެކަން ސިއްރުކުރަން ޖެހުނީއޭ ނިމްރާގެ ހިތަށް އެރިއެވެ. އެހިނދު ނިކަން ފަސޭހައިން ނިމްރާއަށް ރޮވިއްޖެއެވެ.

ގޭގެ ބިއްދޮށަށް ނުކުމެގެން ހުރި ދޮރުކައިރީ އަރްސަލް މަޑުކޮށްލައިގެން ހުއްޓާ އޭނާގެ ކޮނޑުގައި މީހަކު ޖަހާލުމުން ބަލާލިއެވެ. ގާތުގައި ހުރި ރާދިންއާއި އޭނާއާއެކު ހުރި ޒިވަން ފެނުނެވެ.

"ހާދަހާ ބައިވަރު މަލެކޭ... ކޮން ދެ މާބޮޑިއެއްތަ މީ، އަހަރެމެން ދެ މީހުންނަށްތަ؟" ރާދިން އަހާލިއެވެ. އެއާއެކު އަރްސަލް އެ މާބޮޑިއަށް ބަލާލީ ތަފާތު ގޮތަކަށްކަން ރާދިންއާއި ޒިވަންއަށް ވެސް ފާހަގަވިއެވެ.

"ބްރޯ..." ޒިވަން ގޮވާލިއެވެ.

"ޝީ އިޒް ޕްރެގްނެންޓް" ބޮޑެތި ފިނިފެންމާތަކަށް ގެއްލިފައި ހުރި އަރްސަލްގެ ތުންފަތުގައިވީ ފުޅާ ހިނިތުންވުމެކެވެ. (ނުނިމޭ)