ރާއްޖެ ކުޅިވަރު

އަތޮޅު ފުޓްބޯޅައަށް ކޯޗުން ހޯދުމުގެ މަސައްކަތް އެފްއޭއެމުން ފަށައިފި

ރާއްޖޭގެ ފުޓްބޯޅަ ޑިވްލޮޕްމެންޓް މަސައްކަތުގައި، މުޅި ރާއްޖެ އަށް ޒޯނަކަށް ބަހާލައިގެން ފެށުމަށް ހަމަޖެހިފައިވާ، "އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓަށް" ކޯޗުންނާއި ޑިވްލަޕްމެންޓް އޮފިސަރުން ހޯދުމުގެ މަސައްކަތް އެފްއޭއެމުން ފަށައިފި އެވެ.

އެފްއޭއެމުން އެންމެ ފުރަތަމަ އިއުލާން ކުރީ، ރ، ބ، ޅ ހިމެނޭ ބ. އޭދަފުށީ ޒޯނަށް ކޯޗުން ހޯދުމަށެވެ. އެގޮތުން އެ ޒޯނަށް ފަސް ކޯޗުންނާއި ޑިވްލަޕްމެންޓް އޮފިސަރެއް ހޯދުމަށް ވަނީ ގެޒެޓް ކޮށްފަ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު، ވިދާޅުވީ އެހެން ޒޯންތަކަށް ވެސް ކޯޗުންނާއި ޑިވްލަޕްމެންޓް އޮފިސަރުން ހޯދަން އިއުލާން ކޮށްފައިވާނެ ކަމަށެވެ.

"އެފްއޭއެމްގެ އިންސެޕްކްޓިން ޓީމުން ޒޯންތަކަށް ދަތުރުކޮށް މިހާރު ވެސް އިންތިޒާމު ހަމަޖެހިފައި ހުރި ޒޯންތަށް އަވަހަށް ފެށުމަށް މަސައްކަތް ކުރަނީ،" ޖަވާ ވިދާޅުވި އެވެ. "އެހެން ޒޯންތަކުގައި ވެސް އިންތިޒާމު ހަމަޖެހެމުންދާ ވަރަކަށް ފަށަށް ތައްޔާރު ވާނެ."

އިންސްޕެކްޝަން ޓީމުގައި ހިމެނެނީ، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ 'ސާންތީ' އާއި ކުރީގެ ގައުމީ ކެޕްޓަން އަދި ކޮމްޕްޓީޝަން ޑިޕާޓްމެންޓްގެ ހެޑް އައްސަދު އަބަދުލް ގަނީ އެވެ. އައްސަދާއި ސާންތީ ވަނީ އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓްގެ މަރުކަޒުތައް ގާއިމު ކުރާ ރަށްރަށަށް ގޮސް އެ ރަށްރަށުގެ މުއައްސަސާތަކާ ބައްދަލު ކޮށްފަ އެވެ.

އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓަށް ނަގާ ކޯޗުންގެ އަސާސީ މުސާރައިގެ ގޮތުގައި 6,168 ރުފިޔާ ދިނުމަށް އެފްއޭއެމުން ވަނީ ނިންމާފަ އެވެ. އަދި ޑިވްލަޕްމެންޓް އޮފިސަރުންގެ މުސާރައިގެ ގޮތުގައި 6,939 ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ. ޑިވްލަޕްމެންޓް އޮފިސަރު ވެގެން ދާނީ އެ ޒޯނެއްގެ ފޯކަލް ޕޮއިންޓަށެވެ.

ކޯޗުންނާއި ޑިވަލަޕްމެންޓް އޮފިސަރުންގެ މަސްއޫލިއްޔަތަކީ، އެ ޒޯންތަކުގައި އަންހެން، ފިރިހެން ގުރާސް ރޫޓް ޕްރޮގުރާމް ކުރިއަށް ގެންދިއުމާއި އާ ކުޅުންތެރިން އުފެއްދުމަށް ޔޫތު ޑިވްލަޕްމެންޓް ޕްރޮގްރާމްތައް ހިންގުމެވެ.

އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓްގެ މަރުކަޒުތައް ގާއިމު ކުރާ ރަށްތަކަކީ، ހދ. ކުޅުދުއްފުށި، ނ. ކެނދިކުޅުދޫ، ބ. އޭފަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ އަދި ފުވައްމުލަކެވެ. އައްޑޫ ވަކި ސެންޓަރެއްގެ ގޮތުގައި މިހާރު ވެސް ޕްރޮގްރާމް ކުރިއަށް ގެންދާ ދާއިރާއެކެވެ.