ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރާއި ސަރުކާރު ކުންފުނިތަކުގެ ބައެއްވެރިން އެމަގާމް ތަކުން އިސްތިއުފާދެއްވައިފި އެވެ.
އާޒިމާ އިސްތިއުފާދެއްވިކަން އިއުލާން ކުރެއްވީ އޭނާގެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ކަމަށް އާޒިމާ ހަމަޖައްސާފައި ވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެވެ.
އާޒިމާގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންވެސް ދަނީ އިސްތިއުފާ ދެއްވަމުންނެވެ. އެގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ އެމްޑީ އިބްރާހިމް ފަޒުލް މާދަމާ އިން ފެށިގެން އިސްތިއުފާދެއްވަން ނިންމާފައިވާ ކަމަށާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވެސް މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި ފެނަކައިގެ އެމްޑީ މުހައްމަދު ލައްމާންވެސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެމަގާމުން އިސްތިއުފާ ދެންވަން ނިންމާފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.
އެފަރާތްތަކުގެ އިތުރުން އެމްޕީއެލްގެ ސީއީއޯ ކަމުގައި ހުންނެވި އަބްދުއްރައްޒާގު ހަލީމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓާ އާދިލް މޫސާ ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި އިސްލާމިކް ޔުނިވާސިޓީ، އައިޔޫއެމްގެ ޗާންސެލާގެ މަގާމުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ މިއަދު އިސްތިއުފާ ދެއްވާފަ އެވެ.