ވިޔަފާރި

ބައިނަލްއަގުވާމީ ބޭންކިން ކޮންފަރެންސް ރާއްޖޭގައި ފަށައިފި

Nov 15, 2018

އޭޝިއާ ބޭންކިން އެސޯސިއޭޝަން (އޭބީއޭ)ގެ ބޭންކިން ކޮންފަރެންސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ފަށައިފި އެވެ.

ކުރުނބާ މޯލްޑިވްސްގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި އޭޝިއާގެ ބޮޑެތި ބޭންކުތަކުގެ އެންމެ މަތީ ވެރިން ބައިވެރިވަޑައިގަނެ އެވެ.

"ޑިޖިޓަލް ޓްރާންސްފޯމޭޝަން - ބޭންކިންގެ ކުރިމަގު"ގެ ނަމުގައި ކުރިއަށްދާ މި ކޮންފަރެންސްގެ ތީމްއަކީ "ބޭންކިން އިން އޭޝިއާ: ދި ނެކްސްޓް ފްރޮންޓިއާ" އެވެ. އަދި މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން އޭޝިއާގައި ބޭންކިން ކުރިއަރަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވާ މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އާއެކު މާލީ ދާއިރާ ހަރުދަނާކަމާއި އަދި އެ ދާއިރާގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމާމެދު ވެސް މި ކޮންފަރެންސްގައި މަޝްވަރާކުރެވިގެންދާނެ އެވެ.

މިއަދު ބޭއްވި ހާއްސަ ސެޝަންގައި ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ރާއްޖޭގެ ބޭންކިން ސިނާއަތުގައި ޑިޖިޓަލް ގޮތުން އައިސްފައިވާ ކުރިއެރުންތައް ހުށަހަޅާދީފައެވެ. ބޭންކުގެ ކޮންމެ 10 މުއާމަލާތްތަކުން ނުވަ މުއާމަލާތް ހިނގަމުން ދަނީ އޮންލައިންކޮށްކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިދިޔަ އަހަރު ތެރޭ ހަމައެކަނި ބޭންކުގެ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން 30 މިލިއަން ޓްރާންސެކްޝަން ހަދާފައިވާކަން ވެސް ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ.

ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ " މި ސަރަހައްދުގެ އެހެނިހެން ގައުމުތަކާ އެއްގޮތަށް ރާއްޖޭގައިވެސް ބޭންކިންގ ޚިދުމަތް ހޯދަމުންދާ ގޮތްތަކަށް މިދަނީ ބަދަލުތައް އަންނަމުން. ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ ޓެކްނޮލްޖީގެ އެހީތެރިކަމާއި ލިބެމުން އަންނަ ކުރިއެރުންތައް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން. 24 ގަޑިއިރު ޚިދުމަތްލިބޭ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތަކާއި، އިންޓަރނެޓް ބޭންކިންގ، މޮބައިލް ބޭންކިންގ އަދި މޮބައިލް ވޮލެޓް މެދުވެރިކޮށް ލިބޭ ޚިދުމަތްތައް އިތުރުވުމާއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންގެ 90 ޕަސެންޓް މުއާމަލާތަކީ އޮންލައިންކޮށް ކުރާ މުއާމަލާތް."

ދުނިޔޭ މަޝްހޫރު ވާހަކަދެއްކުންތެރިން އެކި ސެޝަންތައް ހުށަހެޅި މި ކޮންފަރެންސްގައި ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގައިލް ވަނީ ބޭންކިންގ ސިނާއަތުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމުގެ މުހިންމުކަމާމެދު ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ޑިޖިޓަލް ޕޭމަންޓްތަކަށް އައިސްފައިވާ ކުރިއެރުންތަކާއި ކަސްޓަމަރުންނަށް ޚިދުމަތް ހޯދަން އިތުރު ލުއިފަސޭހަކަމެއް ގެނެސްދޭ ބޭންކިންގ ސިނާއަތުގެ 'އިންޓަރނެޓް އޮފް ތިންގްސް ( އައިއޯޓީ ) އާ ގުޅޭގޮތުން އެމެރިކަން އެކްސްޕްރެސް އާއި މާސްޓަރކާޑުގެ ފަރާތުންވެސް ވަނީ ޕްރެސެންޓޭޝަންތައް ހުށަހަޅާފައެވެ.