ހަބަރު

ހުވާ ކުރުމުގެ ރަަސްމިއްޔާތަށް ބުރިޖާއި މަގުތަކެއް ބަންދު ކުރަން ނިންމައިފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި، އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމް ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތަށް ސިނަމާލެ ބުރިޖާއި ބައެއް މަގުތަށް ވަކި ގަޑިތަކެއްގައި ބަންދު ކުރުމަށް ނިންމައިފި އެވެ.

ޓްރެފިކް ފުލުހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބީ ރައީސާއި، ނައިބް ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތަށް މިއަދާއި މާދަމާގެ މެންދުނު 14:00 އިން 19:00 އަށް ބައެއް މަގުތަށް އާންމު ޓްރެފިކަށް ބަންދުވާނެ ކަމަށެވެ. އެގޮތުން އެއް ނަންބަރު ޖެޓީ ސަރަހައްދާއި، ގަލޮޅު ދަނޑު ހިމެނޭ ސަރަހައްދު ރަސްމިއްޔާތަށް އެއްކޮށް އެ ގަޑި ތަކުގައި ބަންދުވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އާޓިފިޝަލް ބީޗާ ހިސާބުން ސޯސަން މަގާއި ހަމަޔަށް މަޖީދީ މަގާއި، ބޮޑު ތަކުރުފާނު މަގުގެ ބޮޑު ބައެއް ވަކި ގަނޑިތަކެއްގައި ބަންދުކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ގަލޮޅު ބޯޅަ ދަނޑު ސަރަހައްދުން މަޖީދީ މަގު އިރަށް ވަން ވޭ ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި ސިނަމާލެ ބުރިޖް 16 އަދި 17 ވާ ދުވަހުގެ ހަވީރު 16:00 އިން 19:00 އަށް ބަންދުވާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި، އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމް ހުވާ ކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ގަލޮޅު ރަސްމީ ދަނޑުގައި ބާއްވަން ވަނީ ނިންމާފަ އެވެ. އެ ރަސްމިއްޔާތަށް އިންޑިޔާގެ ބޮޑުވަޒީރާއި، އެކި ގައުމުތަކުގެ އިސް ވެރިންނާއި، ރާއްޖޭގެ ކުރީގެ ރައީސުންނާއި، ނައިބް ރައީސުންނާއި، އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަނީ މައުލޫމާތު ލިިބިފަ އެވެ.