ހަބަރު

މައުމޫންގެ ތައުރީފް ސައުދުﷲއަށް: "ތިޔައީ ވަފާތެރިކަމުގެ ނަމޫނާއެއް"

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއަކީ ވަފާތެރިކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ސައުދުﷲއަށް ތައުރީފު ކުރައްވައިފި އެވެ.

ރައީސް މައުމޫން، ސައުދުﷲއަށް ތައުރީފުކޮށްފައިވަނީ، ޕީޕީއެމްގެ އެތެރޭގައި އުފެދުނު މައްސަލަ ގަނޑުގެ ތެރެއިން ރައީސް މައުމޫނު އަތުން ޕާޓީ ބީވެގެން ދިޔަ ހިސާބުން ޕީޕީއެމްއިން ސައުދުﷲ ވަކިވެވަޑައިގަތްކަން ޓުވިޓާ މެދުވެރި ކުރައްވާ އިއުލާން ކުރެއްވި ޓުވީޓާއެކު ސައުދުﷲ މިއަދު ކުރައްވާފައިވާ ޕޯސްޓެއް ރިޓުވީޓް ކުރައްވަމުންނެވެ.

ސައުދުﷲގެ ޓުވީޓުގައި ވިދާޅުވެފައިވަނީ 2009 ވަަނަ އަހަރުން ފެށިގެން ހުންނެވީ ރައީސް މައުމުނާއެކު ކަމަށެވެ. އަދި "އެވަގުތަށް" ޕީޕީއެމްއިން ވަކިވެވަޑައިގަތަސް ޕާޓީއަކަށް ސޮއި ކުރައްވާނަމަ ސޮއި ކުރައްވާނީ، ރައީސް މައުމޫން ހުންނަވާ ޕާޓީއަކަށް ކަމަށެވެ. ސިޔާސީ ފިކުރު ބަދަލު ކުރުމެއް ނެތް ކަަމަށާއި، އޭނާ އަކީ ނުގަނެވޭނެ އަދި ނުވިކޭނެ މީހެއްކަމުގެ ޔަގީންކަން ތަކުރާރުކޮށް އަރުވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އިސްކުރާނީ ގައުމާއި ރައްޔިތުން ކަމަށް ސައުދުﷲ ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ އެތެރޭގައި ޖެހުނު މައްސަލަ ގަނޑުގެ ތެރެއިން ޕާޓީ ރިފޯމް ކުރަން ރައީސް މައުމޫން ކުރެއްވި މަސައްކަތާ ގުޅިގެން އެމަނިކުފާނު ވަނީ އެ ޕާޓީއިން ބޭރުކޮށްފަ އެވެ. އެއާއެކު އިސްލާހީ ހަރަކާތާ ގުޅިވަޑައިގެން ރައީސް މައުމޫން ފެއްޓެވި މަސައްކަތުގައި ޕީޕީއެމްއަށް އޭރު ނިސްބަތްވެވަޑައިގަތް 12 މެމްބަރަކު ވަނީ ގުޅިވަޑައިންފަ އެވެ. އޭގެ ތެރޭގައި ސައުދުﷲ ހިލްމީވެސް ހިމެނިވަޑައިގަންނަވެ އެވެ.

ނަމަވެސް އޭގެ ތެރެއިން ބައެއް މެންބަރުން ވަނީ ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ.