އަޅުގަނޑާއެކު ކޮފީއަކަށް އެރި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔަކު ވާހަކަ ދައްކަމުން ދިޔައީ، ސަރުކާރު ބަދަލު ވެއްޖެނަމަ ފުޓްބޯޅަ ހިންގުމަށް އަތުވެދާނެ ބަދަލަކާ ބަހޭގޮތުންނެވެ. އޭރު ރިޔާސީ އިންތިހާބުގެ ކެމްޕޭން އެންމެ ފޯރީގައި ކުރިއަށް ދިޔަ އެވެ. އެކިގޮތްގޮތުން ނަގަމުން ދިޔަ ހިޔާލު ހޯދުމުގެ ވޯޓްތަކާއެކު، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހޯއްދަވަމުން ގެންދެވީ، މިއަދު ރައީސް ކަމުގެ ހުވާ ކުރައްވާ، އިބްރާހިމް މުހައްމަދު ސޯލިހެވެ.
"ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް އެ ބަޔަކު ބޭނުންވާނެ އެފްއޭއެމް އެމީހުން ކޮންޓްރޯލު ދަށުގައި އޮންނަން،" ވާހަކަ ދެއްކި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ. "އެއީ އެފްއޭއެމް މެދުވެރިކޮށް ސަރުކާރަށް އާ ނުފޫޒެއް ހޯދުމަށްޓަކައި ވަރަށް ގިނަ ކަންކަން ކުރެވޭނެތީ."
އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އަކީ، ރައީސް އަބްދުﷲ ޔާމީންއާ އާއިލީ ގޮތުން ގާތް ބޭފުޅެކެވެ. އެފްއޭއެމްގެ ރައީސް ކަމަށް ވަޑައިގަތުމަށް ބައްސާމް ކުރެއްވި ކެމްޕޭންގައި އޭނާއަށް ރައީސް ޔާމީންގެ އެހީތެރިކަން ނުސީދާކޮށް ލިބިގެން ދިޔަ އެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ، ސަރުކާރު މެދުވެރިކޮށް ކުލަބުތަކަށް ދޭން ކަނޑައެޅުނު ފައިސާގެ އެހީތެރި ކަމެވެ. ކުލަބުތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުންފުނިތަކުގެ ބޯޑުން ފުރަތަމަ ދެކޮޅު ހެއްދެވި ކަމަށް ވެއެވެ. ނަމަވެސް އެބޭފުޅުންގެ ވިސްނުން ބަދަލު ކުރެއްވީ ސީދާ ރައީސް ޔާމީންގެ އެންގެވުމުގެ މަތިންކަމަށް އަޑު ފެތުރިގެން ދިޔަ އެވެ.
މިއަދު ރައީސް ކަމުގެ ހުވާ ކުރައްވާ، އިބްރާހިމް މުހައްމަދުގެ ކެމްޕޭންގެ ދުވަސް ވަރު، ފުޓްބޯޅައިގެ ބައެއް ފަރާތްތަކުން ވަނީ އިބު އާ ބައްދަލު ކޮށް ފުޓްބޯޅައިގެ ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފަ އެވެ. ފުޓްބޯޅައިގެ އިތުރުން ވޮލީ އާއިލާގެ ބައެއް ފަރާތްތަކުންވެސް އިބޫއާ ބައްދަލުކޮށް އެ ފަރާތްތަކުގެ ކޮންބޮޑުވުން ހިއްސާ ކުރި އެވެ. އެންމެ ބޮޑަށް ވާހަކަ ދެކެވެނީ ފުޓްބޯޅަ އާ ބެހޭގޮތުންނެވެ. އެހެންވެ އަޅުގަނޑުގެ މި މައުލޫވެސް ހާއްސަ ކުރާނީ ފުޓްބޯޅައިގެ މައްޗަށެވެ.
ކުރިމަތީގައި އޮތް ސުވާލަކީ މިއަދު ހުވާ ކުރައްވާ އިބޫގެ ސަރުކާރުން އެފްއޭއެމްއަށް ދޭން ޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެތޯ އުފެދޭ ސުވާލެވެ. މި ދެ އަހަރު ކުލަބުތަކަށް ލިބެމުން ދިޔަ ފައިސާގެ އެހީތެރިކަން، އާ ސަރުކާރުގައި ލިބިގެންދާނެ ހެއްޔެވެ. ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ޕްރައިވެޓް ކުންފުނިތައް އެފްއޭއެމްގެ އެކި ޕްރޮގްރާމްތަކުގައި ބައިވެރި ކުރުމުގެ މަސައްކަތް ބައްސާމް ފެއްޓެވި އެވެ. ނަމަވެސް ސަރުކާރުގެ ކުންފުނިތަކުން ދޭ ވަރުގެ އަގެއް ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކަށް ލިބިގެން ނުދާނެ އެވެ. އެބައި ފޫބައްދާނެ ގޮތްތަކެއް އެފްއޭއެމުން ހޯދަން ޖެހެ އެވެ.
ސަރުކާރު ބަދަލުވެގެން ދާ ވަގުތަކީ، ބޮޑު ދެ ޕްރޮޖެކްޓެއްގެ މަސައްކަތް އެފްއޭއެމުން ފަށާފައިވާ ވަގުތެކެވެ. ހުޅުމާލޭގައި ގާއިމު ކުރާ ގައުމީ ފުޓްބޯޅަ އެކެޑެމީގެ މަސައްކަތާއި، މުޅި ރާއްޖެ ތަފާތު އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ 'އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓް" ގެ މަސައްކަތް ފަށަން އެފްއޭއެމުން ވަނީ ތައްޔާރު ވެފަ އެވެ. އާ ސަރުކާރުގެ އެއްބާރުލުން ނުލިބިއްޖެނަމަ އެ ދެ މަޝްރޫވެސް ހުއްޓިގެން ދާނެ އެވެ.
އެފްއޭއެމްގެ އެންމެ މަތީ ލިޑާޝިޕަށް ވަޑައިގަތުމުގެ އަޒުމު ގެންގުޅުވާ ބޭފުޅުން ކޭމްޕޭންގައި އިބޫއާއެކު މަސައްކަތް ކުރި އެވެ. ވެރިކަމުގެ ބާރު ފުރޮޅި ހިނގަން ފަށާ ހިސާބުން އެފްއޭއެމްއަށް ވަޑައިގަތުމަށް އެބޭފުޅުން އުންމީދު ކުރައްވަ އެވެ. އެހެން ނަމަވެސް އެ މަރުހަލާއިން އެކަން ކުރައްވަން މަސައްކަތް ފަށައިފިނަމަ ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވާނީ ފީފާ އާއި އޭއެފްސީގެ ވަރުގަދަ ސަސްޕެންޝަނެކެވެ. އެހެން ވެއްޖެނަމަ ބައިނަލްއަގުވާމީ އެއްވެސް ހައިސިއްޔަތެއް ރާއްޖޭގެ ގައުމީ ޓީމަކަށްވެސް އަދި ކުލަބަކަށްވެސް ލިބިގެން ނުދާނެ އެވެ.
އޭނާގެ ހަތަރު އަހަރުގެ ދައުރު ފުރިހަމަ ކުރެވޭނެ ކަމުގެ ޔަގީންކަން ބައްސާމްއަށް އެބައޮތެވެ. ހަތަރު އަހަރުގެ ތެރެއިން ބާކީ ދެ އަހަރު އެބައޮތެވެ.
"އަޅުގަނޑު ދަންނަވާނީ ފީފާ އާއި އޭއެފްސީގެ ގަވާއިދު އެނގޭ ބޭފުޅެއްކަމުގައި ވާނަމަ ވިދާޅުވާނެ އެހެން ފަރާތެއްގެ ނުފޫޒެއްގެ ކަމެއް އެފްއޭއެމްއަށް ވަދެއްޖެއްޔާމު ސަސްޕެންޑް ކުރުމުގެ ބާރު ފީފާ އޭއެފްސީއަށް ލިބިގެންވޭ،" ބައްސާމް ފާހަގަ ކުރެއްވި އެވެ. "އެފްއޭއެމްގެ މިހާރު އޮތް މެނޭޖުމެންޓް އިންތިހާބު ވެފައި މިއޮތީ ހަތަރު އަހަރުގެ ދައުރަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ހަތަރު އަހަރުގެ ދައުރު ފުރިހަމަ ކުރެވިގެންދާނެ."
އެފްއޭއެމްގެ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުން ދެއްވާނަމަވެސް، ސަރުކާރު ބޭނުންވާ ގޮތަށް އެފްއޭއެމް އޮތުމަށް ސަރުކާރުން ލޮބީ ކުރާނެ އެވެ. ކުރިން އެމްޑީޕީގެ ބައެއް ހަރަކާތްތަކުން ކުރިން ފެނުނު މިހާރުވެސް ކުޅިވަރު ހިންގުމުގެ ވަރަށް އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކާ ތައާރުޒު ނުވާގޮތަށް އެފްއޭއެމުން ކަންކަން ކުރަން ޖެހޭނެ ކަމަށެވެ. އެއީ އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލާއި ފީފާގެ އުސޫލުތަކާ ފުށުއަރާ ކަމެއް ނޫންކަންވެސް އޭނާ ފާހަގަ ކުރި އެވެ.
"ސަރުކާރުގެ ވިސްނުމެއް ނުހުންނާނެ އެފްއޭއެމް މަރުތަޅު އަޅުވައި ހިފަހައްޓައިގެން ސަރުކާރު ބޭނުންވާ ގޮތަކަށް ކަންކަން ކުރާކަށް،" އޭނާ ވިދާޅުވި އެވެ. "އެހެންނަމަވެސް ސަރުކާރުގެ ޕޮލިސީތަކާ އެފިލިއޭޓް ވުމަކީ އެފްއޭއެމުންވެސް އަދި އެހެން އެސޯސިއޭޝަންތަކުންވެސް ކުރަން ޖެހޭނެ ކަމެއް، އަޅުގަނޑުމެންވެސް ފުރުސަތެއް ނުދޭނަން ސަރުކާރުން މުޅި އެތީގެ ތެރެއަށް އަތްބާނައިގެން މިކަން ކުރާކަށް."
އެފްއޭއެމްގެ ރައީސް، ބައްސާމް ވިދާޅުވީ ކޮންމެ ސަރުކާރެއް އަޔަސް އެފްއޭއެމްގެ މަސައްކަތްތަކަށް އެ ސަރުކާރަކުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެފްއޭއެމް އަކީ އޭރެއްގެ އޮންނަ ސަރުކާރަކާއެކު މަސައްކަތް ކުރާނެ އެސޯސިއޭޝަނަކަށް ވެގެންދާނެ ކަމުގެ ޔަގީން ބައްސާމް ދެއްވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުޓްބޯޅަ އެސޯސިއޭޝަނަކީ އޭރެއްގެ އޮންނަ ސަރުކާރަކާއެކު މަސައްކަތް ކުރާނެ އެފްއޭ އަކަށް ވެގެންދާނެ،" އަވަސް އަށް ދެއްވި އިންޓަވިއުގައި ބައްސާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ވަކި ސަރުކާރެއް އޮވެގެން މަސައްކަތް ކުރަން ތިބި ބައެއް ނޫން، އަޅުގަނޑުމެންނަކީ ޖުމުލަކޮށް މުޅި ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އަޅުގަނޑުމެން މިތަނަށް އިންތިހާބު ވެފައި މިތިބީ، އެހެންވީމަ އަޅުގަނޑު ދަންނަވާނީ ގައުމުގެ ސަރުކާރު ބަދަލުވުމާ ގުޅިގެން އަޅުަނޑަކަށް ހީއެއް ނުވޭ އެފްއޭއެމްއަށް މާ ބޮޑު އުނދަގޫތަކެއް ނުވަތަ އެފްއޭއެމްގެ ހުރި ވިސްނުންތަކެއް ބަދަލު ކުރަން ޖެހޭނެ ކަމަކަށް."
ކުންފުނިތަކުން ކުލަބުތަކަށް ފައިސާ ދިނުމަށް ނިންމާފައި ވަނީ ހަތަރު އަހަރުގެ މުއްދަތަށެެވެ. ކުންފުނިތަކާއެކު ހެދުނު ފުރަތަމަ ދެ އަހަރުގެ އެއްބަސްވުން މި އަހަރުގެ ނިޔަލަށް ހަމަވާނެ އެވެ. ކުލަބުތަކަށް ފައިސާ ދޫކުރާނަމަ ކުރިއަށް އޮތް ދެ އަހަރަށް އަލުން އެއްބަސްވުން ގާއިމު ކުރަން ޖެހެ އެވެ. ބައްސާމް ވިދާޅުވީ އާ ސަރުކާރާއެކު އެކަމުގެ ވާހަކަތައް ފަށާނެ ކަމަށާއި އެކަމަށް ގޮތްތަކެއް ހަމަޖެހިގެން ދާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.
"އަލަށް އަންނަ ސަރުކާރާ އެއްކޮށް މަޝްވަރާތަކެއް ކުރަން އެބަޖެހޭ، މީގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ ގޮތްތަކެއްވެސް ރާވަން ޖެހޭ، ރާވާފަ، މިކަމާ ބެހޭގޮތުން އިތުރު އެއްޗެއް ދަންނަވަން އެނގޭނީ،" ބައްސާމް ވިދާޅުވި އެވެ. "ސަރުކާރު ހަވާލުވުމަށްފަހު ކަންނޭގެ އަޅުގަނޑުމެންނަށް ސަރުކާރާއެކު މަޝްވަރާތަށް ރަސްމީކޮށް ކުރެވޭނީ، މީގައި ދުވަސްކޮޅެއް ނަގާފާނެ، އެހެންނަމަވެސް މި އަހަރު ތެރޭ އަޅުގަނޑުމެން މިއަށް ގޮތްތަކެއް ނިންމާ ކުލަބުތަކަށް މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެވިގެންދާނެ."
"އަޅުގަނޑު މިހުރީ ވަރަށް އުންމީދުގައި، އަޅުގަނޑު ގަބޫލު ކުރަނީ ދިވެހި ޒުވާނުންނަށް ދިވެހި ކުޅިވަރަށް ކޮންމެ ސަރުކާރަކަށް ވަރަށް މުހިންމު ވާނެޔޭ، އެހެންވީމަ މިހާރު މި ކުރާ މަސައްކަތް އަޅުގަނޑަކަށް ހީއެއް ނުވޭ ދެން އަންނަ ސަރުކާރަކުންވެސް ހުއްޓާލާނެ ހެނެއް، އެހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ މިކަމުގެ މާޔޫސްކަމެއް ދިވެހި ކުލަބަުތަކަށް އަދި ފުޓްބޯޅައަށްވެސް ނާންނާނެ ކަމަށް."