ހަބަރު

އިބޫ ހުވާ ކުރައްވާ ހަފުލާއަށް ވަޑައިނުގަންނަވަން ރައީސް ޔާމީން ނިންމަވައިފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި، އިންތިހާބީ ނައިބު ރައިސް ފައިސަލް ނަސީމް ހުވާ ކުރައްވަން މާދަމާ ބާއްވާ ރަސްމިއްޔާތުގައި ރައީސް އަބުދުﷲ ޔާމީން ބައިވެރިވަޑައިނުގަންނަވަން ނިންމަވައިފި އެވެ.

އެކަން ހާމަ ކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދާ ހަމަޔަށް ދިވެހި ރާއްޖޭގެ ރައްޔިތުންގެ ބޮޑު ހައްގެއް ގެއްލި، އިންސާފު ނުލިބިވާ ކަމަށް ގަބޫލުފުޅު ކުރައްވާތީއާއި، ރައީސް ޔާމީނަށް ތާއިދުކުރައްވާ އެތައްހާސް ސަޕޯޓަރުންނެއްގެ އެދުމަށް އިހުތިރާމް ކުރުމުގެ ގޮތުން އިބޫ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.

ރައީސް ޔާމީން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމަވާފައިވާއިރު، ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މައުމޫން އަބުދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މުއާޒު ކުރެއްވި ޓުވީޓް

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ރައީސް އަބުދުﷲ ޔާމީންގެ ސިޔާސީ މާބޮޑު ހަރަކާތެއް ފެނިގެނެއް ގޮސްފައެއް ނުވެއެވެ. މީގެ އިތުރުން ސަރުކާރުން ބާއްވާފައިވާ ބޮޑެތި ރަސްމިއްޔާތު ތަކުގައިވެސް ބައިވެވެވަޑައިގެންފައެއް ނުވެއެވެ. މިއަދު އެމަނިކުފާނު ވަނީ ހިލާލީ ގެއިން އަމިއްލަ ގެކޮޅަށް ދިރިއުޅުން ބަދަލު ކުރައްވާފަ އެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވައި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ވަނީ ނާކާމިޔާބުވެފަ އެވެ. ނަމަވެސް އެކަމާ ގުޅޭ މައްސަލަތަކެއް އެމަނިކުފާނު މިހާރު ވެސް ވަނީ ފުލުހަށް ހުށަހަޅުއްވާފަ އެވެ.