ލައިފްސްޓައިލް

ދިވެހިންނަށް ދޫކޮށް ނުލެވުނު ދިވެހި ކެއުން!

ސުފުރާ މައްޗަށް ބަތާއި ހޫނު ގަރުދިޔަ އާއި ތާޒާ ފިހުނު މަހާއި ރިހާކުރާއި އަދި އެ ތަކެތީގެ ކައިރީގައި މިރުސްކޮޅަކާއި ފިޔާ ކޮޅަކާއި ލުނބޯކޮޅެއް ބަހައްޓާފައި ކާނަންހޭ ބުނުމުން އެއަށް ނޫނެކޭ ބުނާނީ ކޮން ދިވެއްސެއް ހެއްޔެވެ؟ ހަގީގީ ދިވެއްސަކު ނަމަ ބުނާނީ އާނއެކޭ އެވެ. އެއީ އިހު ދިވެހިންގެ އާންުމު ކެއުމެވެ. ދިވެހި ވެށިން ލިބެން ހުރި ތަކެތި ހޯދައިގެން ދިވެހިން އުފައްދާ ދިވެހި ކެއުމެވެ. އެ ދުވަހެއްގައި ބާނާ ތާޒާ މަހުން ކައްކާ ގަރުދިޔައާއި އެއާ ގުޅުން ހުރި ދިވެހި ކެއުމެވެ.

ދިވެހި ކެއުމުގެ ލިސްޓްގެ ކުރީގައި އުޅެނީ، ގަރުދިޔަ އާއި ބަތާއި ރިހާކުރާއި ކުޅި ފާރޮއްޓާއި ފޮނި ފާރޮށްޓެވެ. މީގެ އިތުރުން ފަލަމަޑީގެ ބާވަތްތައް ކަމަށްވާ، އޮޅު އަލަ އާއި ކައްޓަލަ ވެސް އޮންނާނީ އެ ލިސްޓްގަ އެވެ. އަދި މި ކެއުން ފުރިހަމަ ކޮށްލުމަށް ވަޅޯ މަހާއި ހިކިމަހުގެ އިތުރުން ކާއްޓާއި ގާނާފައިވާ ހުނި އަދި ތެލުލި ފަތާއި ފިޔަލާއި ލުނބޯ އަދި މިރުސް ބޭނުން ކުރެ އެވެ. މިއީ ހައްތަހާވެސް ދިވެހިން އެމީހުންގެ ދަނޑުތަކުގައި އުފެއްދި ތަކެއްޗެވެ. މިއީ ދިވެށި ވެށީގެ އުފެއްދުން ތަކެވެ.

ޒަމާނީ ރެސްޓޯރަންޓުތަކުގައި ދިވެހި ކެއުން

ދިވެހިންގެ ޒަމާނީ ރެސްޓޯރަންޓު ތަކުގެ މެނޫތައް ވެސް މިހާރު ދިވެހި ކެއުމުން މި ވަނީ ފަޅުފިލުވާލަ ދޭން ފަށައިފަ އެވެ. ދިވެހިކެއުމުގެ ހާއްސަ ސެކްޝަނާ އެކު ނޫނީ ގިނަ ރެސްޓޯރަންޓްތަކުގެ މެނޫ މިހާރު ފުރިހަމައެއް ނުވެ އެވެ. އަދި ޓޫރިސްޓުންނަށް ދިވެހި ކެއުމުގެ އަޖުމަ ބަލާލުމަށް މި ފުރުސަތުގެ ބޭނުން ބޮޑެވެ.

މާހެފުން ހާއްސަ ވަނީ ދިވެހި ކެއުން ހިމެނިގެން

ރޯދަމަހަށް މަރުހަބާ ކިއުމަށް ދިވެހިން ކުރީ ޒަމާނުއްސުރެ ކުރަމުން އައި ޒަމާންވީ އާދައެއްގެ ގޮތުގައި މާހެފުން ވެ އެވެ. އަދި މާހެފުމެއް މާހެފުމަކަށް ވާނީ އޭގައި ދިވެހި ކެއުމުގެ ރަހަތައް ހުރީމަ އެވެ. ބޮނޑިބަތާއި މަހާއި ކާއްޓާ މާހެފުމުގައި ހިމެނޭ ނަމަ ޒަމާނީ ޕިއްޒާ އަށް ނޫނެކޭ ބުނެވޭ ނޫންހެއްޔެވެ؟ ޔަގީނުން ވެސް މާހެފުންތަކުގައި އިޓަލީ ޕިއްޒާއަށްވުރެ ގިނައިން ހިނގާނީ ދިވެހި ކެއުންތަކެވެ.

ކައިވެނި ހަފުލާތަކަށް ދިވެހި ކެއުން ކިހިނެތްވާނެ؟

ޒަމާނީ ކައިވެނި ހަފްލާތަކުގައިވެސް ދިވެހި ރަހަ ހިމަނާލުމަކީ މިހާރު އާއްމު ކަމެކެވެ. ކަސަބު އެޅި ދިވެހި ލިބާހާއި ކަނޑިކި އަދި މުންޑާއި ހުދު ގަމީސް ލައިގެން ހުދު ފޮށާ އަޅައި އިހުގެ ރީތި ކުލަވަރު މިއަދުގެ ޒުވާނުންގެ ކައިވެނި ހަފްލާ ތަކުގައި ޖައިސައިފި އެވެ. އެކަމަކު މެނޫގައި ޕާސްތާ އާއި ޗިލީ ޗިކަން ހުރުމުން ވާނީ ޖޯކަކަށެވެ. ދިވެހި ތީމް އަކަށް ކައިވެނި ކުރާ ކަމުގައިވާނަމަ، މި ދިވެހި މެނޫ ހިމަނައިލުމުން ކިހިނެތް ވާނެ ހެއްޔެވެ؟

ބޭރުގެ އިއްޒަތްތެރިންނަށް ދިވެހި ކެއުން

އެކި އެކި ހަފްލާތަކާއި ރަސްމިއްޔާތުތަކުގައި ރާއްޖެ އަންނަ ބޭރު މީހުންނަށް ހާއްސަ ކުރާ މެނޫގައިވެސް ދިވެހިންގެ ރަހަ ހިމަނައި އެ ރަހަ މިހާރު ދައްކާލައިފި އެވެ. ބޭނުމަކީ ދިވެހިން އުފައްދާފައިވާ ކެއުމުގެ ހުރި ފޯރިއެއް ދައްކާލުމެވެ. ރާއްޖެ ދޫކޮށް އެމީހުންގެ ގައުމަށް އެނބުރި ދިޔަ ކަމުގައިވިޔަސް އެ ކެއުމުގެ މީރު ރަހަ ކަނޑުވާނުލުމެވެ.

ޒަމާން ބަދަލުވެ، ތަރައްގީގެ ރަހަ ދިވެހިންގެ އަރު ތެރޭގައި ލިޔަސް ދިވެހި ކެއުމުގެ ރަހަ ފިލައިގެން ނުދިއުމަކީ ދިވެހިން އުފާ ކުރަންޖެހޭ ކަމެކެވެ. އެ ބައެއްގެ ސަގާފަތާ ގުޅުން ހުރި ކަންކަން ފިލައިގެނެއް ނުދާނެ އެވެ. މިއީ ރާއްޖޭގެ ކަނޑުން ބާނާފައިވާ މަހެވެ. ރާއްޖޭގެ ރުށްތަކުން އަޅާފައިވާ ކާއްޓެވެ. ރާއްޖޭގެ ދަނޑުތަކުގައި އުފައްދާފައިވާ ފަލަމަޑީގެ ބާވަތްތަކެވެ. ދިވެހިވަންތަކަން ފިލައިގެން ނުދާނޭ ކަމުގެ ފުރިހަމަ މިސާލެކެވެ. ދިވެހިންގެ ދިވެހިވަންތަ ދިވެހި ކެއުމެވެ.