ބޭރުގެ ބޮޑު އިވެންޓެއް އިންތިޒާމު ކޮށްލުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިފަދަ ކަމެއް ކުރުމުގައި ގުޅިގެން ތަފާތު ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. ގިނަ ފަހަރު މިފަދަ އިވެންޓުތައް "ފެއިލް ވަނީ" އެ ވަރަށް މަސައްކަތް ނުކުރެވިގެންނެވެ. ނަމަވެސް ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގައި ބޭއްވި "އޭބީއޭ ކޮންފަރެންސް" ވެގެން ގޮސްފައިވަނީ މިފަހު ރާއްޖޭގައި ބޭއްވި ބޭރުގެ މިފަދަ އިވެންޓުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް އިވެންޓުގެ ގޮތުގަ އެވެ. ހުރިހާ ގޮތަކުން ބެލި ނަމަވެސް ކާމިޔާބު އިވެންޓެއްގެ ގޮތުގަ އެވެ. ބޭރުގެ ފަރާތްތަކުން ވެސް މިވަނީ އެކަން ފާހަގަ ކޮށްފަ އެވެ.
"މި އަހަރުގެ ކޮންފަރެންސް މިވަނީ ވަރަށް ހާއްސަ ކޮންފަރެންސަކަށްވެފަ. ބޭންކް އޮފް މޯލްޑިވްސްއިން މިވަނީ ވަރަށް ފުރިހަމައަށް މި ކޮންފަރެންސް ބާއްވާފައި. އެކަމަށްޓަކައި ބޭންކަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން،" އޭބީއޭ ގެ ޗެއާމަންގެ މަގާމު މި ދައުރުގައި އަދާކުރެއްވި ޑެނިއަލް ވޫ ކޮންފަރެންސްގައި ވިދާޅުވި އެވެ.
ނަވާރަ ސަތޭޖަ އަށްޑިހަ އެއްވަނަ އަހަރުން ފެށިގެން އުފެދިފައިވާ އޭޝިއާގެ ބޭންކުތަކުގެ މައި އެއް މި ޖަމިއްޔާގެ ބައްދަލުވުން ރާއްޖޭގައި ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މި ހަރަކާތުގައި އޭޝިއާގެ ގިނަ ބޭންކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އިވެންޓަށް ހާއްސަ ސިސްޓަމް
ބޭރުގައި މިގޮތަށް ބާއްވާ ބޮޑެތި އިވެންޓުތަކުގައި މީޓިންތައް އެރޭޖު ކުރަނީ އެކަމަށް ހާއްސަ ސިސްޓަމް އަކުންނެވެ. ބީއެމްއެލް އިން ވަނީ މި އިވެންޓަށް ހާއްސަކޮށް އެ ފަދަ "އެޕެއް" ހަދާފަ އެވެ. މި އެޕު މެދުވެރިކޮށް ނޫސްވެރިންނަށް ވެސް ސުވާލު ހުށަހަޅާލުމުގެ ފުރުސަތު ލިބިފައިވެ އެވެ.
މި މަހުގެ 15 އަދި 16 ވަނަ ދުވަހު އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) ގެ 35 ވަނަ އާންމު ބައްދަލުވުމުގައި "ބޭންކިންގ އިން އޭޝިއާ، ދި ނެކްސްޓް ފްރޮންޓިއާ" ގެ ޝިއާރުގެ ދަށުން މި ކޮންފަރެންސް އިންތިޒާމްކޮށް ބާއްވައިފައި ވަނީ ބޭންކް އޮފް މޯލްޑިވްސްއިންނެވެ. މި ކޮންފަރެންސުގައި މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުން އޭޝިއާގައި ބޭންކިން ކުރިއަރަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއިރު ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާއެކު މާލީ ދާއިރާގެ ހަރުދަނާކަމާ އަދި އެ ދާއިރާއަށް ދިމާވާ ގޮންޖެހުން ތަކުން ރައްކާތެރިވުމުގެ މުހިންމުކަމާ މެދުވެސް މި ކޮންފަރެންސްގައި މަޝްވަރާކޮށްފައިވެ އެވެ.
އަންނަ ދައުރު ވައިސް ޗެއާ: ބީއެމްއެލް
ބޭންކުން ކާމިޔާބު ކަމާއެކު އިވެންޓު ބޭއްވިއިރު އަންނަ ދައުރުގެ ވައިސް ޗެއާއަކީ ވެސް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ. ބީއެމްއެލްގެ އިތުރުން ޗެއާގެ މަގާމު ލިބުނު ސްރީލަންކާގެ ހެޓަން ނެޝަނަލް ބޭންކް އެވެ.