ހަބަރު

ކުރީގެ މެންބަރު ނާޒިމް ރާއްޖެ ވަޑައިގެންފި

Nov 17, 2018
2

ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ނާޒިމް ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނެވެ. ރާއްޖެ ވަޑައިގެންނެވީ ބޭސްފަރުވާއަށް ބޭރަށް ވަޑައިގެންނެވި ގޮތަށް އިނގިރޭސިވިލާތުން ހިމާއަތް ހޯއްދަވައިގެން އުޅުއްވުމަށްފަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ނާޒިމް އުމުރު ދުވަހަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ އިއްތިފާގުން 2015 ވަނަ އަހަރު ހުކުމްކުރީ ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަަލައިގެ ތެރެއިން އެއް މައްސަލަ ސާބިތުވުމާ ގުޅިގެންނެވެ.

އޭނާ އެ ހުކުމް ރިވުއުކޮށްދޭން އެދިފައިވާތީ ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ހުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި އެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ނާޒިމްގެ މައްޗަށް އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކުރުމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ގާތް އެކުވެރިއެއް ކަމަށްވާ ނާޒިމް ވަނީ ރިޔާސީ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ތާއިދު ކުރައްވާކަން ހާމަ ކުރައްވާފަ އެވެ.