ކުޅިވަރު

ހޮލެންޑުން ފުރާންސް ބަލިކޮށް ޖަރުމަން ރެލިގޭޓް ކޮށްލައިފި

ޔޫއެފްއާ ނޭޝަން ލީގްގެ ލީގް އޭ ގައި، ދުނިޔޭގެ ޗެމްޕިއަން ފްރާންސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ހޮލެންޑުން ކާމިޔާބު ހޯދައި، ޖަރުމަން ރެލިގޭޓް ކޮށްލައިފި އެވެ.

ނޭޝަން ލީގްގެ ގަވާއިދުގައިވާ ގޮތުން، ކޮންމެ ގުރޫޕެއްގެ ވެސް އެންމެ ފުލަށްދާ ޓީމު އޭގެ ދަށުން އޮންނަ ލީގަށް ރެލިގޭޓް ވާނެ އެވެ. އަންނަ ސީޒަންގައި ޖަރުމަން ވާދަ ކުރަން ޖެހޭނީ ލީގް ބީ ގަ އެވެ.

ފުރާންސް މެޗަކުން ބަލިވީ، ބަލި ނުވާތާ 15 މެޗު ފަހުންނެވެ. ހޮލެންޑްގެ ފުރަތަމަ ލަނޑު މެޗުގެ 44 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ވައިނަލްޑަން އެވެ. ދެ ވަނަ ލަނޑު މެޗުގެ އެންމެ ފަހު ވަގަުތުގައި ލިބުނު ޕެނަލްޓީއަކުން މެންފިސް ޑީޕޭ އެވެ.

ހޮލެންޑް މޮޅުވުމުން، ޖަރުމަނަށް ވަނީ ގުރޫޕްގެ ދެ ވަނަ އަށް އެރުމުގެ ފުރުސަތު ގެއްލިފަ އެވެ. އަންނަ ހޯމަ ދުވަހުގެ ރޭ، ޖަރުމަނާ ހޮލެންޑް ކުޅޭ މެޗުން ޖަރުމަން މޮޅުވިޔަސް ޖަރުމަންގެ މަގާމަކަށް ބަދަލެއް ނާންނާނެ އެވެ.

މި އަހަރަކީ، ފުޓްބޯޅައިގައި ޖަރުމަނަށް ވަރަށް ބޮޑަށް ނާކާމިޔާބު އަހަރެކެވެ. ވޯލްޑްކަޕުގެ ފުރަތަމަ ބުރުންވެސް އެ ޓީމު ކަޓައިގެން ދިޔައީ އެވެ. ވޯލްޑްކަޕުގައި އެ ޓީމު ވަނީ މެކްސިކޯ އާއި ދެކުނު ކޮރެއާ އަތުން ބަލިވެފަ އެވެ. ޔޯކިމް ލޯގެ ކޯޗު ކަމުގެ ދަށުން އެ ޓީމުން މި އަހަރު ކުޅުނު 12 މެޗުގެ ތެރެއިން މޮޅުވީ އެންމެ ހަތަރު މެޗުންނެވެ.