ހަބަރު

ފްލެޓް ލިޔުން ހޯދަން ގޮސް އަދިވެސް ކިޔޫގައި

ހިޔާ މަޝްރޫއުގެ ފްލެޓް ލިބުނު ކަމުގެ ދާއިމީ ލިޔުމާ ހަވާލުވާން އައުމަށް ހައުސިން މިނިސްޓްރީ އިން ހުޅުވާލި އިތުރު ވަގުތުގެ މުއްދަތު މިއަދު މެންދުރު 12:00 އަށް ހަމަވާނެ އެވެ. އެއާއެކު އެކު މިނިސްޓްރީ ސަރަހައްދު ކައިރީގައި އަދިވެސް އޮތީ ދިގު ކިޔޫއެކެވެ.

ހިޔާ ފްލެޓްތަކުގެ ދާއިމީ ލިޔުން ދޫކުރަން ހައުސިން މިނިސްޓްރީން ފަށާފައިވަނީ މީގެ ހަފްތާއެއްގެ ކުރިންނެވެ. ނަމަވެސް ގިނަ މީހުން ކިޔޫގައި ޖެހުނީ އިއްޔެ އެވެ. ކިޔޫ ދިގުވެގެން ހިދުމަތް ލަސްވެގެން އިއްޔެ ވެސް މިނިސްޓްރީ ތެރޭގައި ބައެއް އާންމުން ވަނީ ހަޅުތާލުކޮށްފަ އެވެ.

ލިޔުން ހަވާލުކުރުމަށް ހައުސިން މިނިސްޓްރީން މިދިޔަ ހޮނިހިރު ހުޅުވާލި މުއްދަތު ރޭ 12:00 އާ ހަމައަށް ހަމަވާނެ އެވެ. ނަމަވެސް ވަގުތު ޖެހުނު އިރުވެސް އެތަކެއް ބަޔަކު ކިޔޫގައި ތިބުމުން، އެ މުއްދަތު މިއަދު މެންދުރު 12:00 އަށް ހައުސިން މިނިސްޓްރީ އިން ވަނީ އިތުރުކޮށްފަ އެވެ.

ރައީސް ޔާމީންގެ ވެރިކަން ގާތްގަނޑަކަށް މިހާރު ނިމިފައިވާއިރު، މި ސަރުކާރުން އެ ފްލެޓްތަށް ދީފައިވަނީ އޭގެ ހައްގުވެރިންނަށްތޯ ބަލާނެ ކަމަށް އާ ސަރުކާރުން ވަނީ ބުނެފައެވެ. އަދި ސަރުކާރު ބަދަލުވުމުގެ ކުރިން އެ ލިޔުންތަށް އަވަސް އަރުވާލައިގެން ދިނުމަކީ އެކަމުގައި ކޮރަޕްޝަން އެކުލެވިގެންވާ ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުގެ ފާޑު ކިއުންވެސް ވަނީ ހައުސިން މިނިސްޓްރީއަށް އަމާޒުވެފަ އެވެ.