ރިޕޯޓް

އިބޫގެ ހުވާކުރެއްވުން އެތައް ގޮތަކުން ހާއްސަ

ވެރިކަމުގެ އާދައުރަކަށް މުޅި ގައުމު މިވަނީ މިއަދު ތައްޔާރުވެފަ އެވެ. ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ފަސް އަހަރު ދުވަހުގެ ވެރިކަން ނިމި އަލަށް އިންތިހާބުވެފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ އަދި ނައިބް ރައީސް ފައިސަލް ނަސީމް މަގާމާއި ހަވާލުވެ ހުވާ ކުރައްވަން މިވަނީ ވަރަށްވެސް ކުޑަ ވަގުތުކޮޅަކަށްވެފަ އެވެ.

ރާއްޖޭގެ ދެވަނަ ޖުމްހޫރިއްުޔާއަށް މިއަހަރު 50 އަހަރު ފުރިފައިވާއިރު، އިބޫ ވެގެންދާނީ ދެވަނަ ޖުމްހޫރިއްޔާގެ ހަވަނަ ރައީސަށެވެ. އިބޫ އާއި ފައިސަލްގެ ހުވާ ކުުރުމުގެ ރަސްމިއްޔާތަށް މުޅި ގައުމު ތައްޔާރުވެފައިވާއިރު، މިފަހަރު ވެގެންދާނީ އެންމެ ގިނަ ބަޔަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ހުވާ ކުރުމުގެ ރަސްމިއްޔާތަށެވެ. މަޖިލީހުގެ ޖަލްސާއެއް ނަމަވެސް ހުވާ ކުރުމުގެ ޖަލްސާގައި ގިނަ އާންމުން މިއަދު ބައިވެރިކޮށް، ތާރީހުގައި މިއަދު އާ އާސޮފްހާއެއް ލިޔާނެ އެވެ.

އިބޫ އާއި ފައިސަލްގެ ހުވާ ކުރުމުގެ ރަސްމިއްޔާތު މިފަހަރު ބާއްވާ ތަނާއި ވަގުތުވެސް ތަފާތެވެ. މިފަހަރުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގަ އެވެ. ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 5:00 ގަ އެވެ. މިއީ ގަލޮޅު ދަނޑުގައި ރައީސެއްގެ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާ ފުރަތަމަ ފަހަރެވެ. ތާރީހަށް ބަލާއިރު، ހުޅުވާލައިގެން ބޮޑުތަނެއްގައި ހުވާ ކުރުމުގެ ރަސްމިއްޔާތެއް ބާއްވާފައިވަނީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމެވެ. ގައުމުގައި ގިނަ ހަރަކާތްތައް ބާއްވާ ގަޅޮޅު ދަނޑުގެ ތާރީއަށް އަނެއްކާވެސް ޝަރަފުވެރި ދުވަހަކަށް މިއަދު ވެގެންދާނެ އެވެ.

އިބޫގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި ބާއްވާއިރު، މީގެ ކުރީގެ ރައީސުން ހުވާ ކުުރުމުގެ ރަސްމިއްޔާތުތައް ބާއްވާފައިވަނީ އެކި ސަރަހައްދުތަކުގައި އެކި ވަގުތުތަކުގަ އެވެ. ތާރީހަށް ބަލާލާއިރު، ދިވެހި ރާއްޖޭގެ ފުރަތަަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީީސް މުހައްމަދު އަމީން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މަޖީދިއްޔާގެ ހޯލް ކަމަށްވާ ދާރުލްއުލޫމްގަ އެވެ. ހުވާ ކުރައްވާފައިވަނީ 1953 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ މެންދުރުގެ
ވަގުތެއްގައި އެވެ.

ދެވަނަ ޖުމްހޫރިއްޔާ ފެށިފައިވަނީ އިބްރާހިމް ނާސިރާއި ހަމައިންނެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ނާސިރު ރައީސްކަމުގެ ދެދައުރު އަދާކޮށްފައިވާއިރު، ދެ ދައުރުގައިވެސް ހުވާ ކުރުން ބާއްވާފައިވަނީ މަޖިލީހުގެ އިދާރާގައި އެވެ. އޭރު މަޖިލީހުގެ އިދާރާއަކި މިހާރުގެ ގުރުއާނާބެހޭ މަރުކަޒެވެ. ހުވާ ކުރައްވާފައިވަނީ 1968 އަދި 1973 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 ގައި އެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސަކީ މައުމޫން އަބުދުލްގައްޔޫމެވެ. ހަ ދައުރެއްގައި ރައީސްކަން މައުމޫން ކުރައްވާފައިވާއިރު، ހުވާ ކުރުމުގެ ރަސްމިއްޔާތުތައްވެސް ބާއްވާފައިވަނީ އެކިފަހަރު އެކި ތަންތަނުގަ އެވެ. އެގޮތުން ރައީސް މައުމޫންގެ ފުރަތަމަ ދައުރުގެ ހުވާ ކުރެއްވުން އޮތީ، ނާސިރުވެސް ދެ ދައުރުގައި ހުވާ ކުރެއްވި މަޖިލީހުގައި އެވެ. ހުވާ ކުރެއްވީ 1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދަމު 12:00ގަ އެވެ.

ރައީސް މައުމޫންގެ ދެވަނަ ދައުރުގެ ހުވާ ކުރުން ބާއްވާފައިވަނީ ތަފާތުކޮށެވެ. އޭރު މާލޭގެ ހިއްކިބިން އަދި މިހާރު މާފަންނު ދަނޑު ސަރަހައްދުގައި އެވެ. އެރަސްމިއްޔާތު ބާއްވާފައިވަނީ 1983 ވަނަ އަހަރުގެ މެންދުރު ކުރީގެ ވަގުތެއްގައި އެވެ. އެރަސްމިއްޔާތަކީ ފުރަތަމަ ފަހަރަށް އާންމުނަށް ހުޅުވާލައިގެން ބޭއްވު ހުވާ ކުރުމުގެ ރަސްމިއްޔާތެވެ. އޭގެ ފަހުން 1988 ވަނަ އަހަރުގެ ރައީސް މައުމޫން ހުވާ ކުރުން އެއަހަރު ރާއްޖެއަށް ބާޣީން އަރައިގެން ވަނީ ރަސްމިއްޔާތު ބޭއްވޭ
ގޮތް ނުވެފަ އެވެ.

ރައީސް މައުމޫންގެ ހަތަރު ވަނަ ދައުރުގެ ހުވާ ކުރުން، 1993 ވަނަ އަހަރު ބާއްވާފައިވަނީ ދަރުބާރުގޭގަ އެވެ. އޭގެ ފަހުން 1998، 2003 ގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި އެވެ. އެތިން އަހަރުގެ ހުވާ ކުރުންވެސް އޮތީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައި އެވެ.

ރައީސް މައުމޫންގެ ފަހުން ރައީސް މުހައްމަދު ނަޝީދު ވެރިކަމާއި ހަވާލުވެލެއްވުމަށް ރައީސް ކަމުގެ ހުވާ ކުރައްވާފައިވަނީ 2008 ވަނަ އަހަރުގެ ނޮވެމްނަރު މަހުގެ 11 ވަނަ ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައި ދަރުބާރު ގޭގައި އެވެ. އޭގެ ފަހުން 2012 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި 2013 ވަނަ އަހަރު ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްވެސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދަރުބާރުގޭގަ އެވެ. ނަމަވެސް ރައީސް ޔާމީންގެ ހުވާ ކުރެއްވުން އޮތީ 17 ނޮވެމްބަރުގައި އެވެ.

ރައީސް މައުމޫން ދެވަނަ ދައުރަކަށް ހުވާ ކުރެެއްވުމަށް 1983 ވަނަ އަހަރު ހުޅުވާލައިގެން ބޮޑު ތަނެއްގައި ރަސްމިއްޔާތު ބޭއްވުމަށްފަހު މިއީ ރައީސެއްގެ ހުވާ ކުރުމުގެ ރަސްމިއްޔާތު މިފަދަ ބޮޑު ތަނެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިއަދުގެ ރަސްމިއްޔާތަށް ގަލޮޅު ދަނޑު ވަރަށް ބޮޑަށް ތައްޔާރުކޮށްފައިވާއިރު، ރަސްމިއްޔާތުގައި ބޭރުގެ ވަރަށް ގިނަ އިއްޒްތްތެރިން
ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ގައުމެއްގެ ވެރިއަކަށް ހަމައެކަނި ބައިވެރިވެވަޑައިގަންނަވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ އެވެ. މޯދީ ރާއްޖެ ވަޑައިގެންނެވުމަށް ފުރާ ވަޑައިގެންފައިވާއިރު، އިބޫ އާއި ފައިސަލްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީ ލަންކާގެ ކުރީގެ ރައީސް ޗަންދުރިކާ ބަންޑާރަނަޔަކަ އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފަ
އެވެ.

މީގެ އިތުރުން ދުބާއީގެ ކްރައުން ޕްރިންސްގެ ދަރިކަލުން ހައްމާދު ބިން މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އާއި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ސޯދިގު ސަންޖްރަނި އާއި ސާކްގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދު ހުސެއިން ބީ ސިއާލް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ޗައިނާގެ ފަރާތުން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނީ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރު ލުއޯ ޝުޖެންގް އެވެ.

ގަލޮޅު ދަނޑަށް އާ ޝަރަފެއް މިއަދު ލިބިގެންދާއިރު، ރަސްމިއްޔާތުގައި ބައިވެރިވާ ފަރާތްތަކަށް ދައުވަތު އަރުވައި ހުރިހާ ކަމެއް މިހާރު ވަނީ ނިމިފަ އެވެ. އާދައުރަކަށް ރައްޔިތުން ކެތްމަދުވެފައިވާއިރު، މިއަދުގެ ރަސްމިއްޔާތު ވެގެންދާނީ ވަރަށްވެސް ހާއްސަ ރަސްމިއްޔާތަކަށެވެ. ގަލޮޅު ދަނޑުގައި ހުވާ ކުރުމުގެ ރަސްމިއްޔާތުތައް ބޭއްވުން ސަގާފަތް
ދެމިގެންދިއުމަކީ ވެސް ވެދާނެ ކަމެކެވެ.