ރިޕޯޓް

އާ ރައީސް ހުވާކުރެއްވުމުގެ ބޮޑު އެއްވުން: އުންމީދާއި އުފާ!

Nov 17, 2018
1

މީގެ ދެ ދުވަސް ކުރިން ދައުވަތު ކާޑުތައް ސޯޝަލް މީޑިއާގައި ދަތުރުވާން ފަށައިފި އެވެ. އެހެނިހެން މިފަދަ ހަފުލާތަކާ ހިލާފަށް މިފަހަރު ގިނަ ބަޔަކަށް ވަނީ ދައުވަތު ދީފަ އެވެ. އެހެންވެ އެ "އެކްސައިޓްމަންޓް" ގައި ގިނަ ބައެއްގެ ދައުވަތު ކާޑު ސޯޝަލް މީޑިއާގެ އެ މީހުންގެ ވޯލްގައި ތަތްްކޮށްލީ އެވެ. މި ފޯރީގައި މިއަދު މެނދުރު ފަހުން ފެށިގެން ގަލޮޅު ދަނޑަށް މީހުން ވަންނަން ކިޔޫ ހަދައިފި އެވެ. ބޭރުގެ އެންމެ މަތީ އިއްޒަތްތެރިން ވަޑައިގަންނަވާ ހަފުލާއަކަށްވުމުން ސަލާމަތީ ފިޔަވަޅު އޮތީ ވަރަށް ވަރުގަދަ ކޮށްފަ އެވެ. އިސާހިތަކު ބާރަ ހާހެއްހާ މީހުން ވަދެވޭ ގަތޮޅު ގަނޑުގެ ބޮޑު ބައެއް ފުރާލި އެވެ.

މުޅި ދަނޑު ފަރުމާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެތެރޭގެ އިހުސާސްވާނެ ގޮތަށެވެ. ހާއްސަކޮށް ދަނޑުގެ ހަތަރު ބިތާއި ދަނޑުގެ ހަރުފަތް ބަރީގެ މަތި ވަނީ ގައުމީ ނިޝާން ޖަހައި ޒީނަތްތެރިކޮށްފަ އެވެ. މުޅި ދަނޑު ވެސް އޮތީ ގައުމީ ކުލަ ތަކުން ޒީނަތްތެރިކޮށްފަ އެވެ.

މާ ގިނައިރެއް ނުވެ އެވެ؛ އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައީސްގެ ނައިބް ފައިސަލް ނަސީމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންފި އެވެ. އަދި ގުރުއާނުގެ ބަރަކާތުން ފެށި ރަސްމިއްޔާތުގައި އެންމެން އިންތިޒާރު ކުރަމުން ދިޔައީ އާ ރައީސް ސޯލިހު ގައުމާ މުހާތަބު ކުރާނެ ވަގުތަކަށެވެ.

ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި މުޅި ވާހަކައިގެ ހުލާސާ އަކަށްދާނަމަ ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ހުރިހާ މައްސަލަަތަކަށް އަލި އަޅުއްވައިލެއްވި ތަން ފެނިގެން ދިޔަ އެވެ. ހާއްސަކޮށް ރާއްޖެ އިންސާފުގެ މަގަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އާއްމު ރައްޔިތުން ސީދާ ދިރިއުޅުމާ ގުޅިފައިވާ ގިނަ ކަންތައްތަކެއް ހިމެނެ އެވެ. މި ބައިތައް ހިމެނިފައިވަނީ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކޮށްދެއްވާނެ ކަންތައްތަކުގެ ތެރޭގަ އެވެ. މިގޮތުން ކަރަންޓުގެ އަގު ހެޔޮކުރެވޭނެ ކަމަށާއި، ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމުގައި ވިދާޅުވި އެވެ. ހަމައެއާއެކު، ސުކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށިގެންދާނެ ކަމަށާއި، ހައްޖުގެ އަޅުކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނޭ ގޮތް ހަމަޖެހިގެންދާނެކަން ވެސް ހާމަކުރެއްވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު މިވަނީ ވަރަށް ނާޒުކު ފައްތަރެއްގައިކަން ފާހަގަކުރެއްވިއެވެ. ހަމައެކަނި ސިޔާސީ ބޭނުންތަކަށް، ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ އެތައް މަޝްރޫއުތަކަކުން ދައުލަތަށް ވެފައިވާ ގެއްލުންތައް ވަރަށް ބޮޑު ކަމަށާއި، ހިޔާނާތާއި، އެކި ފަންތީގައި ހިނގި ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ދައުލަތުގެ ހަޒާނާ އިން އެތައް ބިލިއަން ރުފިޔާ އެއް ގެއްލިފައިވާ ކަމަށެވެ.

"އިންސާފުގެ މަގަށް ކަންކަން ގެންދިޔުމަށްޓަކައި ކުރަންޖެހިފައި އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ، ދައުލަތުގެ އެކި މުއައްސަސާސަތަކުގައި އަށަގަނެ މޫލާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ޘަޤާފަތް ނައްތާލުން. ދައުލަތުގެ އިދާރާތަކަކުން ކުރާ މަސައްކަތްތަކަކީ ދެފުށް ފެންނާނޭހެން ހާމަކަން ބޮޑު ގޮތެއްގައި ކުރެވޭ މަސައްކަތްތަކެއް ކަމުގައި ހަދަންޖެހޭ،" ސޯލިހު ވިދާޅުވި އެވެ.

އާ ރައީސް ހުވާކުރެއްވި ހަފުލާ އަށް ޖުމްލަ ގޮތެއްގައި ބަލާއިރު ފެނުނީ އުންމީދެވެ. އެ އުންމީދުގައި ކުލަ ޖެހޭ މަންޒަރު ބަލަން ރައްޔިތުން ތިބީ މިހާރު ކެތްމަދު ވެފަ އެވެ.