ރިޕޯޓް

އިބޫ ސަރުކާރުގެ މެނިފެސްޓޯގެ އިގްތިސާދީ ސޮފުހާ!

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު "މަޝްހޫރުވީ" އިގްތިސާދީ ހަރަކާތްތައް ގިނަ ސަރުކާރެއްގެ ގޮތުގަ އެވެ. އެމަނިކުފާނުގެ އަމާޒަކަަށް ވެފައި އޮތީ، އިގްތިސާދަށް ބޮޑު ބަދަލެއް ގެނެސްދިނުމެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ރާއްޖޭގައި ބޭއްވި ފޯރިގަދަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އާ ވާދަކޮށް، ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިވަނީ ބޮޑު ތަނުން ކާމިޔާބުކޮށްފަ އެވެ. ރަނިންމޭޓް ފައިސަލް ނަސީމްއާއެކު ނުކުންނަވައި ތަނަވަސް ކާމިޔާބީއެއް ހޯއްދެވީ ހާއްސަ ވައުދުތަކާއެކުގަ އެވެ. މީގެތެރޭގައި އިގްތިސާދަށް ގެންނަ ވާނެ މުހިންމު ބަދަލު ތަކެއް ދިޔައީ ރައްޔިތުންނަށް ވިދާޅުވެ ދެއްވަމުންނެވެ. އަދި ވައުދުތައް ވަނީ މެނިފެސްޓޯއެއްގެ ސިފައިގައި ނެރުއްވާފަ އެވެ. މި މެނިފެސްޓޯގައި ވެސް އެ ސަރުކާރުގެ ވެރިކަމެއްގައި އިގްތިސާދު ހިންގާނެ ގޮތުގަ "ތަސައްވުރެއް" ވެ އެވެ. އާ ސަރުކާރު މެނިފެސްޓޯގެ އިގްތިސާދީ ސޮފުހާ އެނގޭ ހެއްޔެވެ؟

ޖަޒީރާ ވަންތަ "ނޫ" އިގްތިސާދު

އާ ސަރުކާރު މެނިފެސްޓޯގެ މައިގަނޑު އަސާސަކީ ޖަޒީރާ ވަންތަކަން ދެމެހެއްޓުމެވެ. އެއީ "ނޫ އިގްތިސާދު" ގެ ސިޔާސަތެވެ. މިގޮތުން ދައުލަތުގެ ފުދުންތެރިކަން އިތުރުކުރުމާއި ދައުލަތުގެ ދަރަނި ހަމަމަގަށް އެޅުވުން މިއީ އެއް އަސާސެވެ. މީގެ އިތުރުން އަނެއް ކަމެއްގެ ގޮތުގައިވަނީ ރާއްޖޭގެ މާލީ ނިޒާމަށް އިތުބާރު އުފެއްދުމާއި ގައުމުގެ މުއްސަނދިކަން އިންސާފުވެރިކޮށް ބެހިގެންދާނެ އިޤްތިސާދެއް ބިނާކުރުމެވެ.

އިގްތިސާދީ މާހިރުންގެ ނަޒަރުގައި ރައީސް އަބްދުﷲ ޔާމީންގެ އިގްތިސާދީ ސިޔާސަތުތަކުގައި މުއްސަނދިކަން އިންސާފުން ބެހިގެން ދިއުން ފެނިގެން ގޮސްފައިވަނީ މަދުކޮށެވެ. މުއްސަދިންނާއި ފަގީރުންގެ ފަރަގު އެމަނިކުފާނުގެ މި ވެރިކަމުގައި ބޮޑުވެގެން ދިޔަ އެވެ. އެހެންވެ، އާ ސަރުކާރުގެ މެނިފެސްޓޯގައިވާ އިގްތިސާދީ ހަމަތައް ދެމެހެއްޓިއްޖެނަމަ މިހާރަށް ވުރެ ރާއްޖޭގެ އިގްތިސާދު ފުޅާވެ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުވުމުގެ ސަބަބަކަށްވާނެ އެވެ.

"ހަގީގަތުގައި ރާއްޖެއަކީ މި ސަރަހައްދު [ސާކު] ގެ ވެސް އެންމެ ފުދުންތެރި އެއް ގައުމު. ނަމަވެސް މައްސަލައަކީ ފުދުންތެރިކަން އިންސާފުވެރިކޮށް ރައްޔިތުން ނަށް ބެހިގެން ނުދިއުން. އެހެންވެ މިއީ ގާއިމް ކުރަން ޖެހޭ މުހިންމު އަސާސެއް،" އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

އާމްދަނީ އެންމެންނަށް ބަހާލުން

ސުވާލަކީ ގައުމުގެ މުއްސަނދިކަން އިންސާފުވެރިކޮށް ބަހާނީ ކިހިނެއް ހެއްޔެވެ؟

ވަރަށް ސިމްޕަލް އަދި އާދައިގެ މިސާލެކެވެ. ރާއްޖޭގައި 130 އަށް ވުރެ ގިނަ ރިސޯޓު އެބަހުއްޓެވެ. ރާއްޖޭގެ ޓޫރިޒަމްއަކީ އިގްތިސާދުގެ މައި ތަނބެވެ. އަދި މި ސިނާއަތުގައި ގިނަ އަދަދެއްގެ ދިވެހިން ވެސް މަސައްކަތްކުރެ އެވެ. ނަމަވެސް، ޓޫރިޒަމްގެ ފައިދާ މިއަށް ވުރެ ފުޅާކޮށް ދިވެހިންނަށް ލިބޭނެ ގޮތް ތަކެއް އެބަ ހަމަޖައްސަން ޖެހެ އެވެ. އަދި ދިވެހި މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ގިނަ އެވެ. މީގެ އިތުރުން ދިވެހި ދަނޑު ތަކުން އުފައްދާ ތަކެތި ޓޫރިޒަމް ސިނާއަތަކަށް ނެގުމާއި ދިވެހިގެ އަތުން އުފައްދާ ހަނދާނީ ހަދިޔާ ފަދަ ތަކެތި ވިއްކައިގެން ފައިދާ ނެގޭނެ ގޮތް ތަކެއް ހޯދުން މިއީ ކުރަން ޖެހޭ ކަންކަމެވެ. މިގޮތުން ސުވެނިއަ އުފެއްދުމަކީ ރާއްޖޭގައި ފުޅާކުރެވޭނެ ކަމެވެ. އަދި ދަނޑުވެރިކަމަކީ މިހާރުވެސް ފުޅާކޮށް ކުރާ ކަމެވެ. ނަމަވެސް މައްސަލައަކީ މާކެޓު ނުލިބުނެވެ. އެހެންވެ، އާ ސަރުކާރުން މިކަން ފަހިކޮށްދޭނެ ކަމަށް މި ފަރާތްތަކުން އުންމީދު ކުރާނެ އެވެ.

އާ ސަރުކާރު މެނިފެސްޓޯގެ އަނެއް ބަޔަކީ ވިޔަފާރި އާއި ސިނާއަތްތައް ޑައިވާސިފައިކޮށް އާ ސިނާއަތްތައް އުފައްދައި ތަރައްގީކޮށް، ވަޒީފާގެ ފުރުސަތުތައް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފަހިކޮށްދީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމެވެ. ދެން އޮތީ އިޤްތިސާދީ ސިޔާސަތުތައް ލާމަރުކަޒުކުރުމާއި އަތޮޅުތެރޭގައި އުފެދިފައިވާ އިޤްތިސާދީ ހަރަކާތްތަކުން ކައުންސިލްތަކަށް ލިބޭނެއާމްދަނީ ލިބޭނެ އުސޫލުތައް ގާއިމްކުރުމެވެ. އަދި އަތޮޅު ތެރޭ އުފެދޭ އިޤްތިސާދީ ހަރަކާތް ތަކުން ސަރުކާރުން ގޮތް ނިންމުމުގައިކައުންސިލް ތަކުގެ ދައުރު އިތުރުކުރުމެވެ.

ގެސްޓްހައުސް ވިޔަފާރި އަށް ހާއްސަކަން

އާ ސަރުކާރު ކޯލިޝަންގެ މައި ބައިވެރިވާ އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތުން މަސްވެރިން ބާނާ މަސް ވިއްކޭނެ ހާއްސަ އިންތިޒާމު ތަކެއް ހަމަ ޖެހޭނެ އެވެ. މީގެ އިތުރުން ދިވެހި ގިނަ އާއިލާތަކެއްގެ އާމްދަނީ މިހާރު ގުޅިފައިވާ ގެސްޓްހައުސް ވިޔަފާރި ފުޅާ ކުރުމަށް ވަނީ ހާއްސަ ސިޔާސަތު ތަކެއް ކަނޑައަޅާފަ އެވެ. މިގޮތުން އައިލެންޑް ހޮޓަލާއި ބުޓީކް ހޮޓާ އަދި ހޯމް ސްޓޭ ތައާރަފު ކުރާނެ އެވެ. އަދި ކައުންސިލް ތަކަށް ގެސްޓްހައުސް ވިޔަފާރީގައި ރަށުގައި ބަސް ކިޔަން ހާއްސަ ބާރު ތަކެއް ދޭނެ އެވެ. އަދި ގެސްޓްހައުސް ވިޔަފާރި ޕްރޮމޯޓް ކުރަން ހާއްސަ މަސައްކަތްތަކެއް ކުރުންވެސް ހިމެނެ އެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ގެސްޓްހައުސް ވިޔަފާރީގެ ސިޔާސަތުތައް އެމްޑީޕީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނީ އެ ޖަމިއްޔާއާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. ގެސްޓްހައުސް ދާއިރާގެ ހަރުދަނާ ކުރުމުގެ މަސައްކަތް އޭ ޓު ޒެޑް އަށް ކުރަން ޖެހޭ ކަމަށާ، މި މަސައްކަތް ރައީސް އިބޫ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކި ކަމެއް ނޫން. ސަރުކާރުން ހަމައެކަނި ކޮށްދެއްވާފައިވަނީ ގެސްޓްހައުސްތަކަށް ހުއްދަ ދިނުން. އެހެން އެއްވެސް ކަމެއް ނުވޭ. އެހެންވެ ހުރިހާކަމެއް މިވަނީ ކުރަން ޖެހިފައި. ޕްރޮމޯޓް ކުރުން އެކަންޏެއް ނޫން. މިއީ ރައްޔިތުންނަށް ސީދާ ފައިސާ ލިބޭ ދާއިރާ،" ކަރަމް ވިދާޅުވި އެވެ.

އާ ސަރުކާރު ނޮވެމްބަރު 17 ގައި ހުވާކުރާނެ އެވެ. މިއާއެކު ދެން ފެނިގެންދާނީ އާ ސިޔާސަތު ތަކެވެ. އުންމީދަކީ މި ސިޔާސަތު ތަކުން އިގްތިސާދަށް އާ ދިރުމެއް ގެނުވާނެ ކަމެވެ. ރާއްޖޭގެ ޖީޑީޕީ އިތުރުވެ، އިގްތިސާދީ ފުދުންތެރިކަން މަތިވެގެން ދިއުމެވެ. އިބޫ ސަރުކާރު މެނިފެސްޓޯގެ އިގްތިސާދީ ސޮފުހާ އިން އެ މަންޒަރު ފެނެ އެވެ.