ރިޕޯޓް

އާ ވައުދުތަކެއް، މެނިފެސްޓޯތަކުގެ ބޭނުމެއް ނެތް!

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ފޯރި ހިއްޕާލާފައިވާއިރު، އިންތިހާބެއް ކާމިޔާބު ކުރުމަށްޓަކައި ބޭނުން ކުރާނެ އެންމެ މުހިންމު އެއް ޓޫލް ނުވަތަ ވަސީލަތަކީ އެ ބަޔަކު ގެންގުޅޭ މެނިފެސްޓޯ އެވެ. ވައުދު ނާމާ ނުވަތަ މެނިފެސްޓޯ އެކުލެވިގެންވަނީ ރައްޔިތުންނަށް އެ ކެނޑިޑޭޓަކު ވާ ވައުދުތަކުގެ މައްޗަށެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ވަނީ "ޖަޒީރާ ރާއްޖެ" ނަމުގައި މެނިފެސްޓޯއެއް އާންމު ކޮށްފަ އެވެ. ނަމަވެސް އިބޫ ވާދަކުރައްވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓެއްގެ ގޮތުގައިކަމަށް އިއުލާން ކޮށްފައިވާއިރު، އެ ޖަޒީރާ މެނިފެސްޓޯއަށް ބަދަލުތަކެއް ގެންނާނެ ކަމަށް ފަހުން އިއުލާނުވި ވި އެވެ.

ދެން އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނުވެސް ވަނީ ވައުދު ތަކެއް ރައްޔިތުންނަށް ދޫކޮށްލައްވާފަ އެވެ.

އިންތިހާބުގައި ބޮޑު ވާދަވެރިކަމެއް މި ދެ ފަރާތުގެ މެދުގައި އޮންނާނެކަން ޔަގީން ވާއިރު، ރައްޔިތުންގެ ރުހުން ބޮޑަށް ލިބިގެންދާނީ ވައުދުނާމާތައް ވަޒަން ކުރުމަށްފަހު އެންމެ ބޮޑު ބުރަދަނެއް ހުރި ވައުދުނާމާއަކަށް ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް، މިހާތަނަށް ފެންނަ މަންޒަރަކީ އެ މެނިފެސްޓޯތަކަކީ ބޭކާރު އެއްޗެއް ކަމެވެ. އެ މެނިފެސްޓޯތައް ރައްޔިތުންނަށް ވިއްކުމަށްޓަކައި މާ ބޮޑެތި މަސައްކަތްތަކެއް އިންތިހާބަށް ވަގުތު ކުޑަތަންވެފައިވާއިރު ވެސް، އެއްވެސް ފަރާތަކުން ކޮށްފައެއް ނުވެއެވެ. ނުވެސް ކުރެ އެވެ.

"ފެންނަނީ ރައްޔިތުންނާއި، ބައްދަލުވާ ކޮންމެ ހިނދެއްގައި، އެ ވަގުތަކު އެ ރައްޔިތުން ރުއްސާލުމަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވައުދުތައްވަމުންދާ މަންޒަރު،" މީހަކު ބުންޏެވެ.

ވައުދުތައް ފުއްދުމުގެ ގާބިލިއްޔަތުކަން ދައުލަތުގައި ހުރީ ކިހާވަރަކަށްތޯ އާއި، އެއީ ކޮށްދެވޭނެ ކަމެއްތޯ އާއި، އެކަމެއްގެ ފީސިބިލިޓީއެއް އޮތީ ކިހާވަރަކަށް ކަމެއް ވަޒަންކޮށް ހިސާބު ޖަހައިދީއެއް ނުހަދަ އެވެ. އެހެން ނަމަވެސް އެފަދަ ކިތަންމެ ކަމަކަށް މިހާރުވެސް ދެ ފަރާތުން ވައުދު ވެއްޖެ އެވެ.

ރައްޔިތުންނަށް ވައުދެއްވާއިރު، އެ ވައުދެއް ފުއްދާނެ ގޮތަކާއި، އެކަމެއް ރާވާ ހިންގާނެ ގޮތަކާއި، ހަރަދުވާނެ ފައިސާ ހޯދާނެ ގޮޮތަކާއި މި ހުރިހާ ތަފުސީލެއް ރައްޔިތުންނާއި ހިއްސާކޮށްލެވޭނެ އެންމެ ފުރިހަމަ ގޮތަކީ މެނިފެސްޓޯގައި އެކަންކަން ހިމެނުމެވެ. އެ ހިސާބުން އެ ބަލާ ރައްޔިތަކަށް ވެސް އެކަމެއް ޔަގީންވީ އެވެ. އިތުރު ވައުދުތަކެއް ރައްޔިތުންނަށް ވުމުގެ ބަދަލުގައި މެނިފެސްޓޯގައި ހުރި ކަންކަމަށް ފޯކަސް ކޮށްގެން ކުރިޔަށް ގެންދިއުމުން ރައްޔިިތުންނަށް ވެެސް އެކަންކަން ބަލައިގަންނަން ފަސޭހަވާނެ އެވެ.