ހަބަރު

އިބޫގެ ލަފާ ކުރެވޭ ކެބިނެޓް، އުއްމީދު ބޮޑު!

އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ރައިސުލްޖުމްހޫރިއްޔާގެ ތާރީހީ ހުވާ ކުރައްވާއިރު އެންމެ ބޮޑު ސަމާލު ކަމެއް މިހާރު ހުއްޓިފައި އޮތީ އެމަނިކުފާނުގެ ކެބިނެޓަށެވެ. ކެބިނެޓްގައި ތިއްބަވާނެ މިނިސްޓަރުންނާމެދު ތަފާތު ވާހަކަތަކެއް ދެކެވި، މަގާމުތަކަށް ވަޑައިގަންނަވާނެ ބޭފުޅުން މިހާރު ވަނީ ލަފާ ކުރެވެން ފަށާފަ އެވެ.

އިބޫގެ ފަރާތްޕުޅުން ހާމަ ކުރައްވާފައިވާ ގޮތުގައި ކެބިނެޓްގައި ބަންޑާރަ ނައިބާ ނުލާ 19 މިނިސްޓަރުން ތިއްބަވާނެ އެވެ. އިބޫ އާއި ނައިބު ރައީސް ފައިސަލް ނަސީމް ހިމަނައިގެން ކެބިނެޓްގައި ތިއްބަވާނީ 22 ބޭފުޅުންނެވެ. މިހާރު ނެތް ހަތަރު މިނިސްޓްރީއެއް އަލަށް އުފައްދާނެ އެވެ.

މިހާރު އިބޫ ވަނީ އެމަނިކުފާނުގެ ކެބިނެޓް ފައިނަލް ކުރައްވާފަ އެވެ. ފައިނަލް ކުރެއްވީ ހަތަރު ލީޑަރުންނާއެކު ބައްދަލުވުމަށްފަހު އެވެ. އެ ބައްދަލުވުމަށް ލީޑަރުން ވަޑައިގެންނެވީ ކެބިނެޓަށް އެ ބޭފުޅުން އައްޔަން ކުރައްވަން ބޭނުންފުޅާ ބޭފުޅުންގެ ނަންތައް ހިއްޕަވައިގެންނެެވެ. އެ ބައްދަލުވުމުގައި ބައެއް ލީޑަރުން ވަނީ ކެބިނެޓްގެ ބައެއް މަގާމުތައް ދޫކުރައްވައި އެންމެން އެއްބަސްވާ ނަންތަކަށް ތާއިދު ވެސް ކުރައްވާފަ އެވެ.

"އަވަސް" އެކި ފަރާތްތަކުން ކަށަވަރުކޮށްދީފައިވާ ގޮތުން ބައެއް މިނިސްޓަރުންގެ ނަންތައް ވަނީ ޔަގީން ކުރެވިފަ އެވެ. އެގޮތުން ފިޝަރީޒް މިނިސްޓަރަކަށް އައްޔަންކުރަން ނިންމާފައިވަނީ ޒަހާ ވަހީދެވެ. ހައުސިން މިނިސްޓަރަކަށް އާތިފާ ޝުކޫރެވެ. އަދި އަލަށް އުފައްދާ ހެރިޓޭޖް މިނިސްޓަރު ކަމުގެ މަގާމަށް ވަޑައިގަންނަވަނީ ޔުމްނާ މައުމޫނެވެ. މި ތިން މަގާމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްއަށް ދީފައިވާ ތިން މަގާމެވެ.

ދެން ހުރި އެހެން މަގާމުތަކަށް ލަފާ ކުރެވޭ ބޭފުޅުންގެ ލިސްޓްތައް ވެސް މިހާރު ދައުރުވާން ވަނީ ފަށާފަ އެވެ. އެގޮތުން ލަފާ ކުރެވޭ މިނިސްޓަރުންނަށް ބަލާއިރު ޖެންޑާ މިނިސްޓްރީގެ މަގާމު އިބޫ ދެއްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އަދާލަތު ޕާޓީގެ ޝިދާތާ ޝަރީފަށެވެ. އިސްލާމިކް މިނިސްޓަރުކަން އެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރަށް ދެއްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ބަންޑާރަ ނައިބުގެ މަގާމު ދެއްވާނެ ކަމަށް ބެލެވޭ ދެ ނަމެއްވެ އެވެ. އެއީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ނޫނީ މަޖިލިސް މެންބަރު މާރިޔާ އަހުމަދު ދީދީ އެވެ. މާރިޔާ ބަންޑާރަ ނައިބަކަށްވުން އެކަށީގެންވާއިރު އޭނާއަށް ޑިފެންސް މިިނިސްޓަރުގެ މަގާމު ދެއްވާނެ ކަމަށް ވެސް ވަރަށް ބޮޑަށް އަޑު ފެތުރިފައިވެ އެވެ. ކޮންމެ މަގާމެއްގައި ނަމަވެސް މާރިޔާ ކެބިނެޓަށް ވަޑައިގަންނަވާކަން އެއީ ޔަގީންވާ ކަމެކެވެ.

ފޮރިން މިނިސްޓަރުގެ މަގާމަށް، ރައީސް މައުމޫންގެ ފޮރިން މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޝާހިދު ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. އޭނާ ވަނީ ކެބިނެޓަކަށް ވަޑައިގެންނެވުމަށް މަޖިލީހުން އިސްތިއުފާ ދެއްވަން ވެސް ނިންމަވާފަ އެވެ. ޓޫރިޒަމް މިނިސްޓްރީ ދޭން ނިންމީ ޖުމްހޫރީ ޕާޓީއަށެވެ. އެ ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެ މަގާމާ ހަވާލުވާނެ ކަމަށް ލަފާ ކުރެވެ އެވެ.

އިކޮނޮމިކް މިނިސްޓަރުގެ މަގާމާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމު ވެސް ވަރަށް ބޮޑަށް ވަނީ ޔަގީން ކުރެވިފަ އެވެ. އިކޮނިމިކް މިނިސްޓަރުގެ މަގާމު އޮތީ އެމްޑީޕީއަށެވެ. އެ މަގާމު ދެއްވަން ނިންމާފައިވަނީ ގަމު ދާއިރާގެ މެންބަރު
ފައްޔާޒު އިސްމާއިލަށެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމް އެމްއާރްއެމްއަށް ދީފައިވާއިރު އެ މަގާމަށް ވަޑައިގަންނަވަނީ ރައީސް މައުމޫންގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމު ދެނީ އެމްޑީޕީއަށެވެ. އެ މަގާމަށް ދެ ބޭފުޅެއްގެ ނަން ލަފާ ކުރެވެ އެވެ. އެއީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފެވެ.

ފިނޭންސް މިނިސްޓަރުގެ މަގާމު އެމްޑީޕީއަށް އޮތްއިރު އެ މަގާމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ރައީސް ނަޝީދުގެ ވެސް ފިނޭންސް މިނިސްޓަރު އަލީ ހާޝިމެވެ. އަލަށް އުފައްދާ ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރުގެ މަގާމަށް ރައީސް ނަޝީދުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަޑައިގަންނަވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ކުރިން އޮތް ޓްރާންސްޕޯޓް މިނިސްޓްރީ ޖުމްހޫރީ ޕާޓީއަށް އޮތްއިރު އިބޫގެ ވެރިކަމުގައި ވެސް އެ މިނިސްޓްރީ ދެނީ ޖުމްހޫރީ ޕާޓީއަށެވެ. ބެލެވޭ ގޮތުގައި އެ މަގާމަށް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ހަމަޖައްސާނެ އެވެ. ގާސިމް ވެސް ކުރިން ވަނީ އެފަދަ އިޝާރާތެއް ދެއްވާފަ އެވެ. ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ ވެސް އޮތީ ޖުމްހޫރީ ޕާޓީއަށް ކަމަށްވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ ދެނީ އެމްޑީޕީއަށެވެ. އެމްޑީޕީއިން އެ މަގާމަށް ވަޑައިގަންނަވާނީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ނޫނީ އިބްރާހިމް އިސްމާއިލް ކަމަށް ބެލެވެ އެވެ. ހެލްތް މިނިސްޓްރީ އޮތީ ޖުމްހޫރީ
ޕާޓީގެ ސްލޮޓެއްގަ ކަމަށްވެ އެވެ. އެންވާރަމެންޓް މިނިސްޓަރުގެ މަގާމު ޖުމްހޫރީ ޕާޓީގެ ޑރ. ހުސެއިން ރަޝީދަށް ދެއްވާނެ ކަމަށް ވެސް ބެލެވެ އެވެ.