ރިޕޯޓް

ނެތެމުން ދިޔަ އިދިކޮޅު "ކޮނޑަށް ލައިގެން" ވެރިކަމަށް!


އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވި ވާހަކައެކެވެ: "ރައީސް މުހައްމަދު ނަޝީދަށް ހުކުމް ކުރި ރޭ އަޅުގަނޑާއި [އިބްރާހިމް މުހައްމަދު ސޯލިހު] އިބޫ އާއި އެމްޑީޕީގެ ގިނަ ބަޔަކު ތިބީ މަގުމަތީގަ، އެމަނިކުފާނަށް ކުރި ހުކުމް ވެގެން ދިޔައީ ލިބުނު ބޮޑު ސިހުމަކަށް، އުންމީދުތައް ފުނޑުފުނޑުވެ އެންމެން ތިބީ ހުއްޓުމަކަށް އައިސްފަ، އެހެން ތިއްބާ އެތަނުގައި އިބޫ އަޅުގަނޑުމެން އެންމެނަށް ހިތްވަރު ދޭން ފެއްޓެވި، ޕާޓީގެ އެންމެނަށް ހިތްވަރުދީ ކެތްތެރިވުމަށް ދަންނަވަމުން ދިޔަ، އަޅުގަނޑު ދުށިން އޭރު އިބޫ ވެސް ހުންނެވީ ފެންކަޅިވެފައި. ނަމަވެސް ކެތްތެރިކަމާއެކު މަަސައްކަތް ކުރެއްވީ އެމްޑީޕީއަށްޓަކައި،"

މިނިވަންކަމާއި ޑިމޮކްރަސީއަށް ގޮވާލަމުން އަންނަ ވަރުގަދަ ޕާޓީ، އެމްޑީޕީއަށް އެންމެ އުނދަގޫ ދުވަސްތަކެއް ކަޑަތު ކުރަން ޖެހުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މުޅި އެމްޑީޕީ ކޮނޑަށްލައިގެން ޕާޓީ ސިޔާސީ ގޮތުން އެންމެ އުހަށް ގެންދިޔުމަށް މަސައްކަތް ކުރެއްވި ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށް އެމަނިކުފާނަށް ވެރިކަމަށް ވަޑައިގަނެވޭނެ ހުރިހާ ދޮރެއް ބަންދުކޮށްލި އެވެ. ރައީސް ނަޝީދު މިނިިވަން ކުރުމަށް ގޮވާލާ، އިހުތިޖާޖު ކުރުމުގެ ހައްގު ސަޕޯޓަރުންނަށް ގާނޫނުން ކަށަވަރުކޮށްދީފައިވީ ނަމަވެސް އެކަން ވެސް ބަދަލުކޮށް، އެމްޑީޕީގެ އަޑު ކަނޑުވާލި އެވެ. ރަން ރީންދޫ ކުލައިގެ ވަރުގަދަ ސިޔާސީ ލަޝްކަރު މައިދާނުން ފަހަަތަށް ޖައްސައި ފައްސާލި އެވެ.

އެމްޑީޕީ ހަމަ މަގުން ކައްސާލައިގެންދާ ކޮންމެ ފަހަރަކު އެ ޕާޓީގެ ހުންގާނުގައި ހިއްޕަވައިގެން މުޅި ޕާޓީ ކުރިޔަށް ގެންދަވަނީ އިބޫ އެވެ. އެ ޕާޓީގެ މެންބަރުން އަބަދުވެސް ގަބޫލު ކުރާ ގޮތުގައި ރައީސް ނަޝީދު ނަގާފައި ދެން ޕާޓީގެ ތެރޭގައި އެންމެ ބަސް ވިކޭ ބޭފުޅަކީ އިބޫ އެވެ.

ފެށުނީއްސުރެ އެމްޑީޕީއަށް އެންމެ ވަފާތެރި އަދި އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވުމާއި އެމަނިކުފާނުގެ ތަޖުރިބާ އާއި ރައީސް ނަޝީދާ ވެސް އެންމެ ގާތް ބޭފުޅަކަށް އިބޫ ވާތީ އެވެ. އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް އިބޫގެ އަޑު އަހާއިރު، އިބޫ އަކީ ވެސް ޕާޓީގެ ކޮންމެ މެންބަރެއްގެ ހިޔާލާ މަޝްވަރާ ބަލައިގަންނަ ބޭފުޅެއްގެ ގޮތުގައި އެ ޕާޓީގެ މެންބަރު ސިފަ ކުރައްވަ އެވެ. އާންމުންވެސް އިބޫއާ މެދު އެގޮތަށް ދެކެ އެވެ.

"ޕާޓީގައި ވެއްޓުމެއް އަންނަ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ ހިތްވަރު ދެއްވާ ޕާޓީ އަލުން ކޮޅަށް ޖެއްސެވުމުގައި އިސްކޮށް ހުންނަވާނީ އިބޫ، އެޑްވައިސަރީ ކޮމިޓީގައި ވެސް އިސްކޮށް އެމަނިކުފާނު ހުންނެވި އިރު، އެ ކޮމިޓީގެ ހުރިހާ މެންބަރުން ވެސް މަޑުކޮށްގެން ތިއްބަވާނީ އިބޫގެ ވާހަކަފުޅަށް އިންތިޒާރުގައި، ޕާޓީގެ ހުރިހާ އަޕްޑޭޓުތަކާއި އެއްޗެއް އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށް، ހުރިހާ އެންމެންގެ މަޝްވަރާ އާއި ވާހަކަތައް ވެސް ވަރަށް މަޑުމައިތިރިކަމާއެކު އަޑު އައްސަވާނެ، ވަރަށް އިހުތިރާމް ކުރެވޭ އިންސާފަށް ލޯބި ކުރައްވާ ބޭފުޅެއް،" އިބޫއާ ވަރަށް އަރިސްކޮށް މަސައްކަތް ކުރައްވާ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވި އެވެ.

ރައީސް ނަޝީދު އަމިއްލަފުޅަށް އިނގިރޭސިވިލާތަށް އަރުވާލެއްވުމާއެކު އެމްޑީޕީގެ ހިންގަން ދަތިތަކާ ކުރިމަތިވެ، ގިނަ މައްސަލަތަކާއެކު ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. ސިޔާސީ ހުރިހާ ހަރަކާތަކަށް ސަރުކާރުން ހުރަސް އަޅަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް އިދިކޮޅުގެ ބާރު އެއްކޮށް އޮތީ ކަނޑުވާލައިފަ އެވެ. އެމްޑީޕީގެ މުސްތަގުބަލާމެދު
އެތައް ބަޔަކު ސުވާލު އުފައްދަމުން ދިޔަ އެވެ.

އޭރު ވެސް އެމްޑީޕީ އަލުން ކޮޅަށް ޖެހުމުގައި ވަރަށް ސައިލެންޓުކޮށް ހުންނަވައިގެން އިސްކޮށް މަސައްކަތް ކުރެއްވީ އިބޫ އެވެ. އިބޫއަކީ ސިޔާސީ މައިދާނުގައި އޭރު ހަރަކާތްތެރިވަމުން ދިޔަ ގިނަ މީހުން ފަދައި މީޑިއާގައި ގިނަ ވާހަކަ ދައްކަވާ، މާ ބޮޑު މަޝްހޫރު ކަމެއް ހޯއްދަވަން އުޅުއްވި ބޭފުޅެއް ނޫނެވެ. ރައްދު ދެއްވުމާއި ގަދަ ބަސް ވިދާޅުވުމުގެ ބަދަލުގައި އިބޫ ބޭނުންވެ ވަޑައިގަތީ އެތެރޭގައި ހުންނަވައިގެން އަމަލީ ގޮތުން ކުރެއްވެން ހުރި މަސައްކަތްތައް ކުރައްވާށެވެ.

ކުރިން އިބޫގެ އަޑެއް އިވިވަޑައިގަންނަވާނީ މަޖިލީހުގެ ތަޅުމުގަ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކާއެކު ކޯލިޝަނެއް ހެދި ފަހުން ހަތަރު ޕާޓީ އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އިސްކޮށް ހުންނަވަނީ އެމަނިކުފާނެވެ. އެއީ ވެސް ހަތަރު ޕާޓީ މެދުގައި ކުރާ މަޝްވަރާތަކުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި އިބޫ މަސައްކަތް ކުރައްވާތީ އެވެ.

އެމްޑީޕީ ކޮޅަށް ޖަހަން އިބޫ އިސްކޮށް ހުންނަވައިގެން ކުރެއްވި މަސައްކަތުގެ ނަތީޖާއިން އެމަނިކުފާނަށް ލިބުނު ތަރުހީބާއި މީހުންގެ ލޯތްބާއި އިހުތިރާމާ ހެދި މިއަދު އެމަނިކުފާނު ވަނީ އެމްޑީޕީ ސިޔާސީ ގޮތުން އަނެއްކާ ވެސް އެންމެ އުހަށް ގެންގޮސް ދެއްވާފަ އެވެ. އަދި ރައިސުލްޖުމްހޫރިއްޔާގެ މަގާމާ މިއަދު ހަވާލުވެވަޑައި ގަންނަވަނީ ވެސް އިބޫ އެވެ.

"ރައީސަކަށް ވެވަޑައިގަތުމަކީ އިބޫ އެއް އިރެއްގައި ވެސް ބޭނުންފުޅުވި ކަމަކޭ އަޅުގަނޑެއް ނުބުނާނަން، ދުވަހަކު ވެސް ވެރިކަމަށް ވަޑައިގަތުމުގެ ނިޔަތުގައި އުޅުއްވި ތަނެއް ނުދެކެން، އެފަދަ ވާހަކައެއް ވެސް ނުދައްކާ، ނަމަވެސް އެއް ދުވަސްވަރެގަ އެމްޑީޕީ އޮތް ހާލުން އަޅުގަނޑާއި ރައީސް ނަޝީދަށް ވެސް ގަބޫލު ކުރެއްވުނު އިބޫ ކަން ރައީސް ކަން ކުރައްވަން ޖެހޭނީ، އަޅުގަނޑު ޕާސަނަލީ ވެސް އިބޫއަށް ދެންނެވިން އެމްޑީޕީގެ ޓިކެޓުގައި ނިކުންނަވަން، އެކަމަކު އިބޫ ދުވަހަކު ވެސް އެކަމަށް ޝައުގުވެރިވެ ވަޑައިގަންނަޥާ ވާހަކައެއް ވިދާޅެއް ނުވޭ، ކޮމެންޓެއް ނުކުރައްވާނެ އެކަމަކަށް، އަބަދުވެސް ވިދާޅުވާނީ މިވަގުތު ސަމާލުކަން ދެއްވަންވީ ލީޑަރުން މިނިވަން ކުރުވަން ކަމަށް،" ބިގޭ ވިދާޅުވި އެވެ.

ކޯލިޝަން ދެމެހެއްޓޭނެ ހަމައެކަނި މީހަކީ އިބޫ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލު ކުރުމަށާއި އިސްލާހީ މަސައްކަތް ކުރަން ހަތަރު ލީޑަރުން އެއްބަސްވެވަޑައިގަތަސް އެ ބޭފުޅުންގެ މާޒީއަށް ބަލާއިރު އެއީ މާ ބޮޑު އުންމީދެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް ވަކި ހިސާބަކަށް އާދެވުނު އިރު ހަތަރު ލީޑަރުން ވެސް ތިބީ ހުކުމެއް ތާށިވެފަ އެވެ. ނުވަތަ ގައުމެއްގެ ހިމާޔަތް ހޯއްދަވައި އަމިއްލަފުޅަށް އަރުވާލެވިގެނެވެ. އެހާލުގައި އިދިކޮޅު ފަރާތްތައް ތިބި އިރު ވެސް އެ ބޭފުޅުންނަށް އެއްގަލަކަށް
އަރަން ދަތި އެތައް ކަމެއް ހުއްޓެވެ.

ހަތަރު ޕާޓީ މެދުގައި ކަންކަން މަޝްވަރާ ކުރުމަށާއި އެއްބަސްވުންތަކާ ހަމަށް ދާން މަސަައްކަތް ކުރުމަށް "އަށާރަ ނަވާރަ"އިގެ ނަމުގައި ކޮމިޓީއެއް އުފައްދަވައިގެން މަސައްކަތް ކުރެއްވި އެވެ.

އެ ކޮމިޓީގައި އެންމެ އިސްކޮށް ހުންނެވީ އިބޫ އެވެ. އެ މަނިކުފާނަށް އެ ޒިންމާ ހަވާލު ކުރެއްވީ ހަމައެކަނި އެންމެ ބޮޑު ޕާޓީގެ ބޭފުޅަކަށް ވާތީ ނޫން ކަމަށް އެ ކޮމިޓީގެ މެންބަރުން އޭރު ވިދާޅުވި އެވެ. އޭގެ ސަބަބަކަށްވީ އިބޫއަކީ އެމްޑީޕީގެ ބޭފުޅަކަށް ވިޔަސް، ހުރިހާ ޕާޓީއެއްގެ ވާހަކަ އަޑުއަހާ ގަބޫލުކޮށް، އެންމެންގެ ކަންބޮޑުވުންތަކަށް ވެސް ހައްލު ހޯއްދެވުމުގެ ގާބިލްކަން ހުންނެވި ހަމައެކަނި ބޭފުޅަކީ އިބޫ ކަމަށްވާތީ އެވެ.

"އޭރު އިބޫ ރައީސް ކަމަށް ގެންނާކަށް އެއްވެސް މަސައްކަތެއް ނުކުރޭ، އެ ވާހަކައެއް ވެސް ނުދެކެވޭ، އެކަމަކު ވެސް އެ ކޮލިޓީ އަޅުގަނޑުމެންނަށް އިބޫގެ ކިބައިން ފެނިގެން ދިޔަ، އަށާރަ ނަވާރަ ކޮމިޓީގެ ބައްދަލުވުންތައްދާ ބައެއް ރޭ ރޭ ބައެއް ފަހަރު އެތަނުގައި އެއް ޕާޓީއެއް އަނެއް ޕާޓީގެ މީހުންނާ ތަޅައިގަންނަ ހިސާބަށް ވެސް ހޫނުވެފައި އެބަ ހުރި، ނަމަވެސް ވަރަށް މަޑުމައިތިރިކޮށް ހުންނެވުމަށް ފަހު އެގޮތަށް ޖެހޭ ހުރިހާ މައްސަލައެއް އެތަނުން އެތަނަށް ހައްލު ކުރައްވާ އެއްބަސްވުމަކަށް ގެނެސް ދެއްވަނީ އިބޫ، އޭއީ އަޅުގަނޑަށް ފެނުނު އިބޫގެ ހުނަރަކީ، އޭނާ ޕޮޓިކަލީ އެންމެ އުހަށް ދިޔުމުގެ ސިއްރަކީ އެއީ،" އިދިކޮޅު ޕާޓީއެއްގެ އިސް މެންބަރަކު ވިދާޅުވި އެވެ.

"އަވަސް" އާ ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވި ގޮތުގައި އިދިކޮޅު ހަތަރު ލީޑަރުން އެއް ގަލަކަށް އަރާނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. އެ ބޭފުޅުންގެ މެދުގައި ކުރިން ވެސް އަދި މިހާރު ވެސް މައްސަލަތައް ޖެހި އަބަދުވެސް ހިޔާލު ތަފާތުވުން އޮންނާނެ އެވެ. ނަމަވެސް ކިރިޔާ ވެސް އެ ހަތަރު ލީޑަރުން އެއްވާނެއްގައި ހިފަހައްޓާލެވޭނެ ބޭފުޅަކަށް ހުންނެވީ އިބޫ އެވެ. ސިޔާސީ އެ ގާބިލްކަން އިބޫއަށް ލިބި ވަޑައިގެންފައި ވެ އެވެ.

"އަޅުގަނޑު ނުދަންނަވަން ކޯލިޝަން ނުރޫޅޭނެއެކޭ، އެކަން ނުވުމަށް ވުރެ ގާތީ ވުން، އެކަމަކު އިބޫއަކީ މީހުންްގެ ވާހަކަތައް އަޑު އައްސަވާ ބޭފުޅެއް. އެންމެންގެ ހިޔާލު އެއްކޮށްގެން މަޖިލީހުގައި ވެސް އުޅުއްވާނީ އެހެންވެ ކިރިޔާ ވެސް ލީޑަރުންނަށް ހިފަހައްޓަ މި ލެވެނީ އެ މީހުން އިބޫ އިސްކޮށްފައި ބަހައްޓާތީ، އެކަމަކު މީގައި އިބޫއަށް ކެތް ކޮށްލަން ދަތިވާ ވަރުގެ ބޮޑެތި ޕްރެޝަރުތަކެއް ހުންނާނެ،" ނިހާން ވިދާޅުވި އެވެ.

އިބޫގެ ހަޔާތުން ދަސްކޮށްދޭ ސިޔާސީ ފިލާވަޅު

އެމްޑީޕީއަށް ކުރިމަތިވި ގޮންޖެހުންތަކާއެކު އެއްކޮށް ސުމަކުން ފައްޓަވައި މިއަދު އަލުން ގައުމު ޒައާމަތާ އެ ޕާޓީގެ ބޭފުޅަކު ހަވާލުވެގެން ހުންނަވާ އިރު، އިބޫގެ ފަރާތުން ސިޔާސީ މީހުން ދަސް ކުރަން ޖެހޭ އެތައް ފިލާވަޅެއް އެބަ އޮތެވެ. އެއް ކަމަކީ މީހާ ސިޔާސީ ގޮތުން ކުރިއަރަނީ މޮޅެތި ރައްދުތައް ދިނުމާއި ހިޔާލު ތަފާތުވާ މީހުންނާ މެދު ހަޑި ހުތުރު ގޮތަކަށް މުއާމަލާތްކޮށްގެން ނޫން ކަމެވެ. އަދި ސިޔާސީ ކުރިއެރުން ލިބެނީ އެންމެ އަވަހަށް މަޝްހޫރުކަން ހޯދާ، މީޑިއާ ސްޓަންޓު ޖައްސާ ބޭފުޅަކަށް ވެސް ނޫން ކަމެވެ.

އިބޫގެ ފަރާތުން އެއިން އެއްވެސް ކަމެއް ނުފެނެ އެވެ. އެމަނިކުފާނު މިއަދު ރައީސް ކަމާ ހަމައަށް ވަޑައިގެންނެވީ ހުރިހާ ފިކުރެއްގެ މީހުންގެ ވާހަކަތައް ވެސް އަޑު އަައްސަވައި މަޑު މައިތިރި ކަމާއި ސުލްހަޔަށް ލޯބި ކުރައްވާތީ އެވެ. ތާއީދު ކުރައްވާ ޕާޓީއަށް ވަފާތެރިވެ، އިހުލާސްތެރިކަމާއެކު ބުރަކޮށް މަސައްކަތް ކުރައްވައިގެނެވެ. އޭގެ ނަތީޖާއަކަށް ރާއްޖޭގައި އުފެދުނު ވަރުގަދަ ހަތަރު ސިޔާސީ ލީޑަރުންގެ ތާއީދާއެކު ވެރިކަންކޮށްލަން ލިބި ވަޑައިގެންނެވި ހަމައެކަނި ބޭފުޅަކަށް އިބޫ ވެވަޑައިގަތީ އެވެ.