ދުނިޔެ

އަހަރެއް ފަހުން އާޖެންޓީނާގެ ގެއްލުނު ސަބްމެރީން ހޯދައިފި

Nov 17, 2018

މީގެ އެއް އަހަރު ކުރިން މުވާސާލާތީ ގުޅުން ކެނޑި، ގެއްލުނު އާޖެންޓީނާގެ އަސްކަރީ ސަބްމެރިން ހޯދިއްޖެ ކަމުގައި ރިޕޯޓުތައް ބުނެފި އެވެ.

އޭއާރްއޭ ސެން ޔުއާން ނަމަކަށް ކިޔާ އެ ސަބްމެރިން ގެއްލުނުއިރު އޭގައި ތިބީ 44 ފަޅުވެރިންނެވެ. އެ އުޅަނދު އެންމެ ފަހުން ފެނިފައި ވަނީ ސޭން ޖޯޖް ގަލްފު ސަރަހަދުން، އެ ސަރަހައްދުގެ އައްސޭރީގެ 268 މޭލު ބޭރުން މިދިޔަ އަހަރު ނޮވެމްބަރު 15 ވަނަ ދުވަހު އެވެ.

ސަބްމެރިން ގެއްލުނުތާ ދެ ހަފްތާ ފަހުން، އެ އުޅަނދު ހޯދުމުގެ މަސައްކަތް އާޖެންޓީނާ ކަނޑުގެ ސިފައިން ވަނީ ހުއްޓާލާފައި އެވެ.

ނަމަވެސް، ސަބްމެރީން ގެއްލުނުތާ އެއް އަހަރާއި އެއް ދުވަސް ފަހުން، އެޓްލާންޓިކް ކަނޑުގެ 800 މީޓަރު އަޑިން ފެނިފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އާޖެންޓީނާ ކަނޑުގެ ސިފައިން ވެސް ވަނީ އެމެރިކާގެ ކުންފުންޏަކާ ހަވާލާދީ ސަބްމެރިން ފެނިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

ސަބްމެރިން އާ މުވާސަލާތީ ގުޅުން ކެނޑުނު އިރު އެ އުޅަދނދު ދަތުރުކުރަމުން ދިޔައީ ޓިއެއާ ޑެލް ފީގޯ ނަމަކަށް ކިޔާ އާކިޕެލަގޯއިން ފުރައިގެން އެއުޅަނދުގެ މަރުކަޒު ކަމަށްވާ މާރް ޑެލް ޕްލާޓާ ނަމަކަށް ކިޔާ ރަށަަށެވެ.