ދުނިޔެ

ބެލްޓް އެންޑް ރޯޑް އެއްބާރުލުމުގައި އާޖެންޓިނާ ބައިވެރިވެއްޖެ

ޗައިނާގެ މަލްޓި ޓްރިލިއަން ޑޮލަރު އިންވެސްޓްމަންޓް، ބެލްޓް އެންޑް ސިލްކް ރޯޑް އިނިޝިއޭޓިވްގައި އާޖެންޓިނާ ބައިވެެރި ވެއްޖެ އެވެ.

އާޖެންޓިނާ ސަރުކާރުން މިކަން އިއުލާންކޮށްފައި ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އާޖެންޓިނާ ރައީސް އަލްބާޓޯ ފެނާންޑޭޒް ބީޖިންގައި ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ.

މި އެއްބަސްވުމުގެ ދަށުން އާޖެންޓިނާ އާއި ޗައިނާ، ސިޔާސީ ގޮތުންނާއި ވިޔަފާރި އާއި އިގުތިސޯދީ ގޮތުން އަދި ސައިންސްގެ ދާއިރާއިން އެއްބާރުލާނެ އެވެ. އަދި އާޖެންޓިނާގައި އެކި ދާއިރާތަކުން ޗަައިނާ އިންވެސްޓް ކުރާނެ އެވެ.

ޗައިނާ ބެލްޓް އެންޑް ސިލްކް ރޯޑް އެއްބާރުލުން ގަބޫލު ކުރައްވައި ފެނާޑޭޒް ވިދާޅުވީ މި އެއްބާރުލުމުގައި މިހާރު ހިމެނޭ 140 އަށް ވުރެ ގިނަ ގައުމާއެކު ވިޔަފާރީގެ ފުރުސަތު އާޖެންޓިނާއަށް ފަހިވާނެ ކަމަށެވެ.

އާޖެންޓިނާއިން ޗައިނާއަށް މުދާ ބޭރުކުރުމާ ބެހޭ ގޮތުން ފެނާންޑޭޒް ވިދާޅުވީ ޗައިނާ ޝައުގުވެރިވާ އުފެއްދުންތައް އެކްސްޕޯޓް ކުރަން އާޖެންޓިނާއަށް ފުރުސަތު އޮތް ކަމަށެވެ.

ފެނާންޑޭޒް ވިދާޅުވި ގޮތުން ޗައިނާ މެދުވެރިކޮށް 23 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް އާޖެންޓިނާއަށް ވަންނާނެ އެވެ. އެއީ އެކި ދާއިރާތަކުގައި ކުރެވޭ އިންވެސްޓްމަންޓްތަކާއި އަދި އެކަމާ ގުޅުން ހުރި މަސައްކަތްތައް ހިމެނޭ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.

އާޖެންޓިނާގެ ރައީސް ވިދާޅުވި ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ތަނަވަސް މާހަލެއްގައި އަދި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. އަދި އާޖެންޓިނާއަށް އޮތް ފުރުސަތުތަކުން އާންމު ފަރުދުންނަށް ވެސް ފައިދާ ކުރާނެ އެވެ.