ރައީސް ސޯލިހުގެ 100 ދުވަސް

އެސޯސިއޭޝަންތަކަށް ބޮޑު ބަޖެޓަކާ އެކު ސުވިމިން ކޮމްޕްލެކްސްއެއް

ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ، ގައުމީ ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކަށް މަދުވެގެން 500،000 ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސައިފި އެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، އެމަނިކުފާންގެ ފުރަތަމަ 100 ދުވަސްތެރޭގައި ކުރައްވާނެ ކަންތައްތަކެއް އިއުލާން ކުރައްވައިފަ އެެވެ.

ރާއްޖޭގައި، އޮލިމްޕިކް ސުޓޭންޑަޑްގެ ސުވިމިން ޕޫލެއް ހެއްދެވުމަކީ އެކި ސަރުކާރުތަކުންވެސް ވެފައިވާ ވައުދެކެވެ. ނަމަވެސް މިހާތަނަށް އެކަން އޮތީ ނުވެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފުރަތަމަ 100 ދުވަސް ތެރޭ ސްވިމިންގް ޕޫލް ކޮމްޕްލެކްސް ގާއިމު ކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖައްސާފަ އެވެ. އެ ސުވިމިން ޕޫލް ކޮމްޕްލެކް ގާއިމު ކުރާނީ މާލޭގަ އެވެ.

ކުޅިވަރާއި ކަސްރަތަށް އާންމުން އަހުލުވެރި ކުރުމަށް، ފުރަތަމަ 100 ދުވަސްތެރޭގައި ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރެއް ހަމަޖެއްސުމަށް ރައީސް ވަނީ ނިންމަވާފަ އެވެ. އަދި މުޅި ރާއްޖޭގައި ކުޅިވަރުގެ އޮޑިޓެއް ހެދުމަށްވެސް ރައީސް ވަނީ ނިންމަވާފަ އެވެ.

ފުރަތަމަ 100 ދުވަސް - ކުޅިވަރު ދާއިރާ

  • ކޮންމެ ރަށެއްގައި ހުނަރު ލިބިފައިވާ ސްޕޯޓްސް ކައުންސިލަރެއް
  • ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް މަދުވެގެން 500،000ރ ގެ ބަޖެޓެއް
  • މުޅި ރާއްޖޭގެ ކުޅިވަރު އޯޑިޓެއް ހަދަނީ
  • ޤައުމީ ޓީމުތަކަށް ދޭ އެލަވަންސްގެ ފަރަގު ނައްތާލެވޭނެ
  • މޫދު ކުޅިވަރުގެ ކޮންވެންޝަން ބޭއްވޭނެ
  • އޮލިމްޕިކް ސައިޒް ސްވިމިންގް ޕޫލް ކޮމްޕްލެކްސް މާލެ ސަރަހައްދުގައި ހަދަން ފަށަނީ

ރައީސް ވަނީ، ޔޫތު އެންޑް ސުޕޯޓްސް އެންޑް ކޮމިޔުނިޓީ ސާވިސްއަށް، ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އަހްމަދު މަހްލޫފް އައްޔަން ކޮށްފަ އެވެ.