ހަބަރު

އާ ރައީސްގެ 100 ދުވަސް: ނުހައްގު މުއްސަނދިކަން ހުއްޓުވާ ގާނޫނެއް މަޖިލިހަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ބިލްތަކެއް މަޖިލީހަށް ހުށަހަޅަން ނިންމައި އެކަން އާންމު ކުރައްވައިފި އެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ފުރަތަމަ 100 ކުރަން ނިންމާފައިވާ ކަންކަން މިއަދު ވަނީ އާންމުކުރައްވާފަ އެވެ. ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރައްވަން ވަނީ ނިންމަވާފަ އެވެ. އެގޮތުން ބިދޭސީންނަށް ކޯޓާ ދޫކުރުމާއި އެ މީހުންނާ ގުޅޭ ކަންކަމުގައި ރިޝްވަތު ނެގުން ހުއްޓުމަކަށް ގެނައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ސްލް ބްލޮވިންގް ގާނޫނު ރައްޔިތުންގެ މަޖިލިހަށް ފޮނުވުން ހިމެނެ އެވެ.

ދައުލަތުގެ މުދަލާއި ފައިސާއަށް ވެފައިވާ ހިޔާނާތާއި މަނީލޯންޑަރިންގެ މައްސަލަތައް ބެލުމަށް ކޮމިޓީއެއް އުފައްދާ އެކަން ހޯދާ ބަލަން ފެށުމާއި ނުހައްގު މުއްސަނދިވުން ހުއްޓުވުމަށް ގާނޫނެއް މަޖިލިހަށް ހުށަހެޅުން ވެސް ހިމެނެ އެވެ. އަދި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކަށް މިނިވަން މުއައްސަސާތަކަށް އައްޔަންކުރާ ހުރިހާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާގެ މުދަލާއި މާލީ ބަޔާން ހާމަކުރެވޭނެ ކަމަށާއި އެކަން ގަވައިދުން ރިވިއުކުރެވޭނެ ކަމަށްވެސް ރައީސް ސޯލިހް 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަންކަމުގައި ވެއެވެ.

އާންމުންނަށް ހިޔާލުހުށައެޅުމާއި ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ފަސޭހައިން ހުށަހެޅޭނެ ޕްލެޓްފޯމެއް ގާއިމްކުރެވޭނެ ކަމަށާއި ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަންގެ ކެމްޕެއިނެއް ފެށޭނެ ކަމަށްވެސް ވެއެވެ. އަދި މިނިވަން މުއައްސަސާތައް މިނިވަން ކަމާއެކު ހިންގޭނެ ގޮތަށް ގާނޫނުތައް އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހެޅުމަށާއި ހުރިހާ އިންތިހާބީ އަދި އައްޔަންކުރެވޭ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް އެންޓިކަރަޕްޝަން އަދި ގުޑްގަވާނެންސް އާގުޅޭ ޕްރޮގްރާމެއް ހިންގޭނެ ކަމަށެވެ.

ރިޝްވަތު ހިފާ މީހާ އާއި އެއްވަރަށް ރިޝްވަތުދޭ މީހާ ވެސް ކުއްވެރިވާގޮތަށް އެންޓިކޮރަޕްޝަން ގާނޫނަށް ބަދަލު ގެނެވޭނެ ކަމަށްވެސް ރައީސް ސޯލިހްގެ 100 ދުވަހުގެ ވައުދުގައި ވެއެވެ.