ހަބަރު

ރައީސް އޮފީހުގެ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސިޔާސީ މަގާމްތަކަށް ބޭފުޅުން އަައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސަރުކާރުގެ ކެބިނެޓު މިނިސްޓަރުން ހުވާ ކުރެއްވުމަށް ފަހު ރައީސް އޮފީހުގެ ސިޔާސީ ބޭފުޅުންނަށް ލިޔުން ހަވާލު ކުރެއްވި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރަކަށް އަލީ ޝިޔާމް މިރޭ އައްޔަން ކުރައްވާފައިވާއިރު ޗީފް އޮފް ސްޓާފްގެ މަގާމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވަނީ އައްޔަން ކުރައްވާފަ އެވެ. އެ ދެ މަގާމަކީ މިނިސްޓަރު ފެންވަރުގެ މަގާމެވެ.

މީގެއިތުރުން ސެކެޓަރީ ކޯޕަރޭޓް ސާވިސްގެ މަގާމަށް ހުސެއިން އާމިރު އައްޔަން ކުރައްވާފައިވާއިރު ސެކެޓަރީ ކެބިނެޓް އެފެއާޒްއަށް އަހުމަދު ހަސަން ދީދީ ވަނީ އައްޔަން ކުރައްވާފަ އެވެ.

ޑެޕިއުޓީ ޗީފް އޮފް ސްޓާފްއަށް ހުސެއިން އާދަމް އައްޔަން ކުރެއްވިއިރު ސެކެޓަރީ ޕޮލިސީއަށް އައިމިނަތު ޝައުނާ އަދި ލީގަލް ކައުންސިލް ޓު ދަ ޕްރެޒިޑެންޓްއަށް އަހުމަދު އަބްދުﷲ އަފީފް ވަނީ އައްޔަން ކުރައްވާފަ އެވެ. ސެކެޓަރީ ކޮމިއުނިކޭޝަންސްއަށް ހަސަން އިސްމާއިލް އައްޔަން ކުރެއްވިއިރު ސެކެޓަރީ އިން ފޮރިން ރިލޭޝަންއަށް އައްޔަން ކުރެއްވީ ސަބްރާ ނޫރައްދީން އެވެ. މި މަގާމުތަކަކީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމުތަކެވެ.