ރާއްޖޭގެ ޓޫރިޒަމްއަކީ ދުނިޔޭގެ "ބްރޭންޑެވެ." މޯލްޑިވްސް އޭ ބުނީމަ އެނގޭ މީހުން އެހާ ގިނައީ އެހެންވެ އެވެ. ނަވާރަ ސަތޭކަ ހަތްދިހަ ދެވަނަ އަހަރު ދުނިޔެ މައްޗަށް ފެނުން ތޮޅެލި މި ޓޫރިޒަމް ބްރޭންޑަށް 45 އަހަރު ވާން ދާއިރު، ރާއްޖޭގެ ޓޫރިޒަމް މިވަނީ އާ ހަރުފަތަކަށް ދަތުރުކޮށްފަ އެވެ. މިވަގުތުގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތު ހިންގުމުގެ "ހުންގާނު" ހަވާލުވެފައި މިވަނީ އަނެއްކާވެސް އާ މާލިމީ އަކާ އެވެ. މިފަހަރު ޒުވާނެވެ. ރައްޔިތުން މަޖިލީހުގައި "އެންމެ އަޑުގަދަ" އަދި ކުޅިވަރުގެ ދަނޑުގައި އެންމެ ދުވެލި ބާރު ކުޅުންތެރި އަކަށެވެ. ކުޅިވަރުގެ އާއިލާގެ ތެރޭގައި ނަމަ "ބަަލަކް" ނުވަތަ އަލީ ވަހީދު އާ އެވެ. ސުވާލަކީ އަލީ ވަހީދުގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި މި ދާއިރާ އަށް ކޮށްދެއްވަން ޖެހޭ ކަންތައް ތަކަކީ ކޮބައި ހެއްޔެވެ؟
"ރާއްޖެ ނަން މި ވަނީ ވަރަށް ބޮޑަށް ބޭރުގައި ފަނޑުވެފަ. އެހެންވެ އަޅުގަނޑުމެން [ޓޫރިޒަމް ސިނާއަތުގެ މީހުން] ބޭނުން ވަނީ ރާއްޖޭގެ ނަން ބޭރު ދުނިޔޭގައި ގަދަ ވާނެ ގޮތަށް ބްރޭންޑިން ވަރުގަދަ ކުރަން،" ރާއްޖޭގެ އެންމެ ބޮޑު އެއް ޓުއާ އޮޕަރޭޓަރު ކުންފުނީގެ އިސްވެރިއަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް ތަރައްގީވަމުން އަންނަ ދުވެއްޔަށް ބަލާއިރު މި ދާއިރާގެ މިނިސްޓަރަކަށް އަންނަ ބޭފުޅަކު ވެސް ވާން ޖެހޭނީ ދުވެލި ބާރު ބޭފުޅަކަށެވެ. ރާއްޖޭގައި ޖުމުލަ 42,555 އެނދު އެބަހުއްޓެވެ. މީގެ ތެރޭގައި 137 ރިސޯޓުގައި ހުރި 30,217 އެނދާއި 484 ގެސްޓްހައުސްގައި ހުރި 7,895 އެނދު ހިމެނެ އެވެ. އަދި ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި އެކަނި 50 އަކަށް ރިސޯޓު ވަނީ ހުޅުވިފަ އެވެ. މީގެ އިތުރުން ވެސް އެނދުގެ އަދަދު ދެ އަހަރު ތެރޭގައި އިތުރުވާނެ އެވެ. އެހެންވެ ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓުތަކުގެ ޑިމާންޑް ދަށްވިޔަ ނުދީ އަގުތައް މަތި ކުރެވޭނެ ވިސްނުމެއް ވެސް އާ މިނިސްޓަރު ގެންނަވަން ޖެހޭ ކަމަށް ފެނެ އެވެ.
ބްރޭންޑިންގެ އަގު މަތި ކުރަން ޖެހޭ!
މާލެ އަތޮޅު ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކު ވިދާޅުވީ މަތީ ފަންތީގެ ރިސޯޓުތަކުގެ އަގުތައް ދަައްކުރަން ޖެހޭ މައިގަނޑު އެއް ސަބަބަކީ ވާދަވެރިކަން މަތިވުން ކަމަށެވެ. އެހެންވެ ރާއްޖޭގެ ބްރޭންޑިން އިޝްތިހާރު ކުރުން ވަރުގަދަ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ މުހިންމު އެއްކަމެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަވަހަށް ނިމުމަކީ. އެހެންނޫނީ އެރައިވަލްސް އިތުރު ކުރަން ދަތިވާނެ. މިހާރު މި އަންނަނީ 1.5 މިލިއަން މީހުން. މި ހުރިހާ މީހުން ބެހިގެން މިދަނީ މި ހުރިހާ ތަންތަނަށް އެރައިވަލްސް މަތި ކުރެވޭނީ ރާއްޖެ އިޝްތިހާރު ކުރުން ވަރުގަދަ ކޮށްގެން،" އޭނާ ވިދާޅުވި އެވެ.
ދުރު ރާސްތާގެ ޕްލޭނެއް ބޭނުން ވޭ!
ރާއްޖެ އިޝްތިހާރު ކުރުމުގެ މައިގަނޑު ޒިންމާ އަދާ ކުރާ ބަޔަކީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ސަބަބުން އެ ކުންފުނީގެ މޫނުމަތީ "އޮތީ ހަޑިވެފަ" އެވެ. އެހެންވެ އެކަން ބަދަލު ކުރަން ގިނަ މަސައްކަތް ތަކެއް ކުރުމަކީ ވެސް އާ މިނިސްޓަރު ކުރައްވަން ޖެހޭ ކަމެކެވެ. އަނެއް ކަމަކީ ރާއްޖެ އިޝްތިހާރު ކުރުމުގެ ރަނގަޅު ޕްލޭނެއްގެ ދަށުން ފެށުމެވެ.
އާ ސަރުކާރުން ވަނީ ރާއްޖެ އިޝްތިހާރު ކުރުމުގެ ބަޖެޓު ތިން ގުނަ ބޮޑުކޮށް 100 މިލިއަން ރުފިޔާ އަށް އިތުރުކޮށްފަ އެވެ. މިއީ ރަނގަޅު ފާލެކެވެ. ނަމަވެސް އާ މިނިސްޓަރު ކޮށްދެއްވަން ޖެހޭ ކަމަކީ މި ބަޖެޓު އިޝްތިހާރު ކުރުމަށް އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމެވެ. ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޖެހުނު އެންމެ ބޮޑު އެއް މައްސަލައަކީ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ބޭފުޅާ އާއި މާކެޓިން ކުންފުނި ހިންގަންވަން ހުންނެވި ބޭފުޅާ އެއް ގަލަކަށް ނޭރުމެވެ. ދެ ބޭފުޅުން ދެ ފަރާތުގައި ތިބުމެވެ. ނަތީޖާއަކަށްވީ ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރުމުގައި ދަތި ވެގެން ދިއުމެވެ. އެހެންވެ އާ މިނިސްޓަރު ކޮށްދެއްވަން ޖެހޭ ކަމަކީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ ގުޅިގެން މަސައްކަތް ކުރުމެވެ. އެހެން ނޫނީ މިކަމެއް ނުވާނެ އެވެ.
އިންޑަސްޓްރީގެ ލަފާ ހޯއްދަވާ ތި!
ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ބޭފުޅުންނަކީ ދުނިޔޭގެ ފެންވަރުގައި ވެސް މި ދާއިރާގެ އެންމެ ތަޖުރިބާކާރު ބޭފުޅުންނެވެ. މީގެތެރޭގައި ތަޖުރިބާކާރު ޓުއާ އޮޕަރޭޓަރުން ވެސް ހިމެނެ އެވެ. އެހެންވެ އާ މިނިސްޓަރު އަލީ ވަހީދު ކޮށްދެއްވަން ޖެހޭ އެއް ކަމަކީ އިންޑަސްޓްރީގެ ލަފާގެ މަތިން މަސައްކަތްތައް ކުރި އަށް ގެންދިއުމެވެ. ހާއްސަކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް އެ ގޮތަށް ކުރި އަށް ގެންދިއުމެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނީގެ އިސްވެރިއަކު ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑަސްޓްރީގެ ލަފާ އަހައިގެން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ އުންމީދު ކުރާ ކަމަށެވެ.
"ކެމްޕޭން ކުރި އަށް ދިޔައިރު ވެސް ބައްދަލު ކުރެއްވި ރައީސް [ސޯލިހު] ވިދާޅުވި އިންޑަސްޓްރީގެ ލަފާ ހޯދަވައިގެން ނޭ ކުރިއަށް ދާނީ. އެހެންވެ، މިއީ ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އަޅުގަނޑުމެން [އިންޑަސްޓްރީ] އިން ބޭނުން ވަނީ އިންޑަސްޓްރީގެ ޝަކުވާ އަޑު އަހާ މިނިސްޓަރެއް،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ވަޒީފާގައި ދިވެހިންގެ މައްސަލަތައް!
ރާއްޖޭގެ ޓޫރިޒަމް ސިނާއަތަކީ ރަންބިސް އަޅާ ކުކުޅޭ ބުނެ އުޅެ އެވެ. އެކަމަކު މި ދާއިރާގެ ގިނަ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނާއި ބޭރު މީހުންގެ ތަފާތު ވަރަށް ބޮޑެ އެވެ. ހާއްސަކޮށް ސާވިސް ޗާޖު އެކަށީގެންވާ ގޮތެއްގައި ނުދިނުމާއި ދިވެހިންނާއި ބިދޭސީންގެ ތަފާތު ކުރުން ބޮޑުވުމުގެ ޝަކުވާ ދަނީ އޮހެމުންނެވެ. އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ 50 ޕަސެންޓަކީ ދިވެހިން ކަމަށްވާން ޖެހުން ގާނޫނުން ލާޒިމް ކުރިނަމަވެސް ގިނަ ރިސޯޓުތަކުގައި މިކަން ރަނގަޅަށް އޮތީ ނުބެލެހެއްޓި އެވެ. ގިނަ ރިސޯޓުތަކުގައި ދިވެހިންގެ އަދަދު ދަށްކަމުގެ ޝަކުވާ ކުރެ އެވެ. ދެން އޮތީ ޓޫރިޒަމަށް ބޭނުންވާ ވަރަށް ދިވެހިން ނެތުމުގެ މައްސަލަ އެވެ. މި ދާއިރާއަށް ދިވެހިން އެކަށީގެންވާ ވަރަށް ތަމްރީން ވެފައި ނެތުމުން އެކަށީންވާ މުވައްޒަފުން ހޯދަން ކުންފުނިތަކަށްވެސް އުނދަގުލެ އެވެ. ޓޫރިޒަމްގެ ޕްރޮޕަޓީ އަށް ރާސްލާފައި މައްޗަށް ދިޔައިރު، ތަމްރީން ކުރުން މި އޮތީ އަދި މާ ފަހަތުގަ އެވެ. އެހެންވެ ކަމަކީ ވެސް އާ ޓޫރިޒަމް މިނިސްޓަރުގެ ބޮލުގައި އެޅޭނެ ޒިންމާ އަކަށް ނޫނީ ނުވާނެ އެވެ.
ސަފާރީ، ގެސްޓްހައުސް އަށް އެހީ ބޭނުންވޭ!
ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރަކަށް ވަޑައިގަންނަވާ ގިނަ ބޭފުޅުން އެންމެ އަވަހަށް ވެއްޓެނީ މި ދާއިރާގެ މަހުޖަނުންގެ "އުނގަށެވެ." ނަތީޖާ އަކަށް ވެގެން ދަނީ އިންޑަސްޓްރީގެ މުހިންމު ދާއިރާތަކުގެ މަތިން ހަނދާން ނެތުމެވެ. ހާއްސަކޮށް އާއްމު ރައްޔިތު މީހާގެ ޖީބަށް ސީދާ ޑޮލަރު ލިބޭ ގެސްޓްހައުސް ސިނާއަތް ފަދަ ވިޔަފާރިތައް ކުރިއަރުވަން މަސައްކަތް ނުކުރެވުމެވެ.
ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ގެސްޓްހައުސް ސިނާއަތަށް ސަރުކާރުގެ އެހީ ނުހަނު ބޭނުންވާ ކަމަށެވެ.
"ބުނެވިދާނެ މި ދާއިރާ އަށް 'އޭ' ޓު 'ޒެޑް' އަށް އެހީ ބޭނުވެ އޭ. ގެސްޓްހައުސް ފައިނޭންސް ލިބުމުން ފެށިގެން ޕްރޮމޯޓް ކުރުމާއި މިކަމުގެ ހަރުދަނާ ގަވާއިދުތައް ހަދައި ތަންފީޒް ކުރަން ވެސް އެހީ ބޭނުންވޭ،" ކަރަމް ވިދާޅުވި އެވެ.
މީގެ އިތުރުން ސަފާރީ އިންޑަސްޓްރީ ވެސް މީގެ ތެރޭގައި ހިމަނަން ޖެހެ އެވެ. ޓޫރިޒަމްގެ ގިނަ އެނދު ތަކެއް ހިއްސާ ކުރާ މި ދާއިރާގެ އުޅަނދުތައް ގަނޑުމަތިވެފައި އޮންނަތާ 44 އަހަރު ވެއްޖެ އެވެ. އެހެންވެ، އާ މިނިސްޓަރު އަލީ ވަހީދުގެ "ދުރުމި އަށް" މިކަން ވެސް އަރަން ޖެހޭނެ އެވެ. މިލިއަން ޑޮލަރުގެ ސަފާރީތައް ބަނދަރެއް ނެތި ކަނޑުމަތީގައި އޮންނަ މަންޒަރަކީ ރާއްޖޭގެ ޓޫރިޒަމަށް އޮތް ހުތުރެއްގެ ގޮތުގައި ސިފަ ކުރެވިދާނެ އެވެ. މީގެ އިތުރުން މާލެ ތެރޭގައި ޓޫރިސްޓުން ގޮވައިގެން ކޮންމެ ދުވަހަކު އުޅޭ ދިވެހި ޓުއާ ގައިޑުންގެ މަސައްކަތް ވެސް ކައިރިން ބަލަން ޖެހެ އެވެ. އެމީހުންނަށް ހުރި ދަތިތައްވެސް އޮޅުން ފިލުވައިދޭން ޖެހެ އެވެ.
މި ދާއިރާގައި މައްސަލަތައް ބައިވަރެވެ. ޖުމްލަ ގޮތެއްގައި ބުނެވޭނީ އާ މިނިސްޓަރު އަލީ ވަހީދު އިށީންނަށް ޖެހިވަޑައިގެންފައިވަނީ "ހޫނު ގޮނޑި" އެއްގަ އެވެ. އެކަމަކު ގުޅިގެން މަސައްކަތް ކޮށްފިނަމަ މި މައްސަލަތައް ހައްލު ނުކުރެވޭނެ ސަބަބެއް ނެތެވެ.