މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަޅުވަކަރު މިސްކިތް އަލުން ރޭވުމަށް ވައުދުވެއްޖެ އެވެ.
ހެރިޓޭޖް ދާއިރާއިން ފުރަތަމަ 100 ދުވަހުގެ ތެރޭގައި މި ސަރުކާރުން ކުރާނެ ކަންތައްތަކުގެ ތެރޭގައި ހިމަނާފައި ވަނީ، ކަޅުވަކަރު މިސްކިތް އަލުން ހޯދުމާއި، އެ މިސްކިތް އަލުން ރޭވުމެވެ. އެ މަސައްކަތް މި ސަރުކާރުގެ ފުރަތަމަ 90 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒުކޮށްފަ އެވެ.
ސަލްޓަންޕާކާ ޖެހިގެން ލިލީ މަގަށްވާ ގޮތަށް ހުރި، ކަޅުވަކަރު މިސްކިތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ތަނުން ނެގީ، އެ ސަރަހައްދުގައި ސްނޯ ތީމް ޕާކެއް ހެދުމަށް، 2016 ވަނަ އަހަރުގެ އޮގަސްޓް މަސްހާތާނގަ އެވެ. އެ މިސްކިތް އެންމެ ފުރަތަމަ ބަދަލު ކުރަން ނިންމީ، ހުޅުމާލޭގެ ދެވަނަ ފޭސްގައި ތަރައްގީ ކުރާ ހެރިޓޭޖް އައިލެންޑްއަށެވެ. އެކަމަކު ފަހުން އެ މިސްކިތް ތިނަދުއަށް ގެންގޮސް އެރަށުގައި ރާވާނެ ކަމަށް ސަރުކާރުން ބުންޏެވެ. އެކަމަކު ދައުރު ނިމުނު އިރުވެސް އެކަން ކޮށްފައެއް ނުވެ އެވެ.
ހެރިޓޭޖް ޑިޕާޓްމަންޓުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި އެ މިސްކިތުގެ ބައިތައް ތިނަދުއަށް ގެންދަން ރައްކާތެރި ކަމާ އެކު ބަންދުކުރެވި އެ ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުގައި އެބަ ހުއްޓެވެ.
ދިވެހިންގެ ގަދީމީ މަސައްކަތްތެރިކަން ފެންނަ، ތާރީހީ މި މިސްކިތަކީ ރާއްޖޭގައި 1779 އިން 1799 އަށް ރަސްކަން ކުރެއްވި އައްސުލްތޯން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު ބިނާކުރެއްވި މިސްކިތެކެވެ. ރީތި ކުރެހުންތައް އަޅައި ހިރިގަލުން ބިންވަޅު ނަގާ ހަދާފައިވާ ކުޑަކުޑަ ކަޅުވަކަރު މިސްކިތް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރިސޯޓަކަށް ނީލަން ކިޔައި އެ މިސްކިތް ހުރީ އެ ރިސޯޓްގަ އެވެ. އެހެން ނަމަވެސް މައުމޫންގެ ވެރިކަމުގައި 1979 ގައި އެ މިސްކިތް މާލެ ގެނެސް އަލުން ރާވައި ވަނީ ހުޅުވައިފަ އެވެ. އޭގެ ކުރިން ވެސް އެ މިސްކިތް މާލޭގެ އެކި ސަރަހައްދުތަކަށް އެކި ޒަމާންތަކުގައި ބަދަލުކޮށްފައިވެ އެވެ.
ހެރިޓޭޖް ދާއިރާއިން 100 ދުވަހުގެ ތެރޭގައި ކުރަން ދެން ރާވާފައިވާ ކަމަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ތަރިކަތައް ރައްކާތެރި ކުރުމަކީ ގާނޫނީ ގޮތުން ލާޒިމްވާ ކަމެއްގެ ގޮތުގައި ހަދައި އެކަމަށް ޒިންމާވާނެ ފަރާތްތަކެއް ކަނޑައެޅުމެވެ. އަދި ރާއްޖޭގައި ހުރި ތަރިކަތަކުގެ ލިސްޓެއް ކަނޑައަޅައި އެފަދަ ތަންތަން ހަރުދަނާ އުސޫލަކުން ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން ވެސް ވަނީ 100 ދުވަހުގެ ޕްލޭންގައި ހިމަނައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އެކުލަވާލެއްވި ކެބިނެޓްގައި، އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ޔުމްނާ މައުމޫން ވަނީ ހަމަޖައްސަވައިފަ އެވެ. ކަޅުވަކަރު މިސްކިތް އެތަނުން ނަގާތީ ޔުމްނާ ވަނީ މީގެ ކުރިން ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.