ވާހަކަ

ބުނެދޭށޭރުހެމޭ

(15 ނޮވެމްބަރ 2018 އާ ގުޅޭ)

"ހާދަހާ ބައިވަރު މަލެކޭ... ކޮން ދެ މާބޮޑިއެއްތަ މީ، އަހަރެމެން ދެ މީހުންނަށްތަ؟" ރާދިން އަހާލިއެވެ. އެއާއެކު އަރްސަލް އެ މާބޮޑިއަށް ބަލާލީ ތަފާތު ގޮތަކަށްކަން ރާދިންއާއި ޒިވަންއަށް ވެސް ފާހަގަވިއެވެ.

"ބްރޯ..." ޒިވަން ގޮވާލިއެވެ.

"ޝީ އިޒް ޕްރެގްނެންޓް" ބޮޑެތި ފިނިފެންމާތަކަށް ގެއްލިފައި ހުރި އަރްސަލްގެ ތުންފަތުގައިވީ ފުޅާ ހިނިތުންވުމެކެވެ.

އަރްސަލްގެ ކޮނޑުގައި ޖައްސާލި އަތާއެކު ކުރިއަށް ޖެހިލައި އޭނާގެ ގައިގާ ރާދިން ބައްދާލިއެވެ. އަދި ބުރަކަށީގައި މަޑުމަޑުން ޖަހާލީ ހެމުންހެމުންނެވެ. ލިބުނު ޚަބަރުން ރާދިންގެ ހިތް ވެސް ވަނީ އުފަލުންނެވެ. އަމިއްލަ ނަފްސުދެކެ ވާ ލޯބި އޭނާ އަރްސަލްދެކެ ވެއެވެ. ލޭގެ ގުޅުމެއްނެތް ނަމަވެސް އަރްސަލްއަކީ އޭނާގެ ޢާއިލާއެވެ. އެންމެ އިތުބާރުކުރާ ދެދުނިޔޭގެ ވެސް އެކުވެރިއަކަށްވުމަށް އެދޭ ފަރާތެވެ. އޭނާއަށް ލިބޭ ކޮންމެ އުފަލަކީ އެކަމުގައި އުފަލާއެކު ރާދިން ބައިވެރިވާނޭ ކަމެކެވެ.

"ދެ މީހުން ރާވައިގެންތަ؟" ހިނިއައިސްފައި ހުރި ޒިވަން އަހާލިއެވެ. އަދި ރާދިން ދުރަށް ޖެހިލުމާއެކު އަރްސަލްގެ ކޮނޑުގައި އޭނާ ވެސް ޖަހާލިއެވެ. ރާދިންއާއި އަރްސަލް އެއްފަހަރާ ހިނިގަނޑެއް ޖަހާލިއެވެ.

"ކޮބާ ނިމް" ޒިވަން އަހާލިއެވެ.

"އާނާއާއެއްކޮށް ދުށިން، އަހަރެން މި އައީ ބޭރަށް ގޮސްފައި" އަރްސަލް ބުނެލިއެވެ.

"ބައްޕަ ގާތު ބުނެފިންތަ؟" ރާދިން އަހާލިއެވެ.

"މިރެއަކުނޫން... މިރޭ މީ އާނާއަށް ޚާއްޞަ ރެޔެއް، އެތަނުން އެއްމާބޮނޑި އެއީ އާނާއަށް"

"އަނެއްމާބޮނޑި އެއީ ސްކާލެޓްއަށް ދޯ" އަރްސަލް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުވަނީސް ރާދިން ދިމާކޮށްލާފަދައިން ރާގުލާފައި ބުނެލިއެވެ. ހިނިތުންވެލައިގެން ހުރި އަރްސަލް ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.

"އިޒް ޝީ ހެޕީ" ޒިވަން އަހާލިއެވެ.

"ތި ސުވާލަށް ޖަވާބުދޭކަށް އަހަންކަށް ނޭނގޭނެ، އެކަމަކު އަހަރެންގެ ދިރިއުޅުން މުޅިން ބަދަލުވެއްޖެ، ހިތަކަށް ނާރާ އަހަރެންގެ އަމިއްލަ އުސޫލަތަކާއި ނިންމުންތައް ދުވަހަކުވެސް މީހަކަށް ޓަކައި ބަދަލުކުރަން ޖެހިދާނޭ، އެކަމަކު މިހާރު އަހަރެންގެ ހުރިހާކަމެއް ގުޅިފައިވަނީ އަހަރެންގެ އަނބިމީހާއާ... އޭނާގެ ރުހުން ހޯދުމަށް ޓަކައި ކޮންމެފަދަ ކަމެއް ވެސް ކުރެވިދާނެ... އައި ލަވް ހާ ސޯ މަޗް" ޒިވަން ސަމާސާގެ ގޮތަކަށް އަނގަހުޅުވާލައިގެން އަޖައިބުވެފައި ހުރި މީހަކުހެން ހުރީ އެހާ ފާޅުކަން ބޮޑުގޮތަކަށް އަރްސަލްގެ ހިތުގައި އޮތް އެއްޗެއް ހާމަކޮށްލުމުންނެވެ. ޒިވަން ޖެއްސި ވައްތަރުފެނި ރާދިން ހީނގަތެވެ. އެހިނދު ޒިވަންގެ ކޮނޑާ ދިމާލުގައި އަރްސަލް މުއްކަވާލި ވައަތްތިލައިން ޖަހާލިއެވެ.

"އަނބިންދެކެ އިންތިހާއަށް ލޯބިވާ ފިރިންގެ ދިރިއުޅުން ނުވަދިހަ ނުވަ އިންސައްތަ ކާމިޔާބުކަމަށް ދިރާސާތަކުން ދައްކާ" ސީރިއަސް ރާގެއްގައި އެހެންނަމަވެސް ސަމާސާ ކުރާހެން ޒިވަން ބުނެލިއެވެ.

ތިން އެކުވެރިންގެ ސަމާލުކަން އަތުލީ ހަލަފްއެވެ. އޭނާގެ ގޮތް ޒިވަންއަށް މާކުރީން ވެސް ރާދިންއާއި އަރްސަލްގެ ވާހަކަތަކުން އޮތީ އެނގިފައެވެ. އަތް ހިއްލާލައި ޒިވަންއަށް ހަލަފް ގޮވާލިއެވެ. ބައްޕަ ހޯދާކަމުގައި ހަލަފް ބުނެލީ ރާދިންއާއި އަރްސަލްއަށް ބަލާލާފައެވެ.

"ޑެވިލް މި ތާ ދޯ... އެހެންވީމަ ރެޑް ގާތަށް މިވަގުތު ދިއުމަކުން މައްސަލައެއްނެތެއްނު، އަންނާނަން ރެޑް ގޮވައިގެން، ރެޑް ނައިސްގެން ގިނައިރުވާތީ އާނާ ސިސްއާއި މަންމަ ވެސް އެވާހަކަ ބުނެފި" ނިމްރާގެ ގާތަށް ދިއުމުގެ ކުރީން ހަލަފް ބުނެލިއެވެ. އޭނާ ބުނި ގޮތުން ޒިވަންގެ ގާތަށް ހިނިއައެވެ. އޭނާ ދެން ބަލާލީ އަރްސަލްއަށެވެ.

"ކޮންމެހެން އަހަރެންގެ ކޮޓަރިއަށް ވަންނަން ދާނެކަމެއްނެތް، އަހަރެންގެ އަންހެނުން ގާތަށް ދާނީ އަހަރެން" އަރްސަލް ބުނެލިއެވެ. އަދި ރާދިންއަށް ބަލާލުމުން އޭނާ ބޯޖަހާލީ އަރްސަލް ބުނަން ބޭނުންވި އެއްޗެއް އެނގިގެންނެވެ. ޒިވަންގެ ކޮނޑުގައި ޖަހާލައި ބޮޑުކޮޓަރި ތެރެއަށް ދިއުމަށް ރާދިން ހިނގައިގަތެވެ. އަދި އަރްސަލްއަށްވުރެ ކުރީން ދާން އުޅުނު ހަލަފްގެ ފުރަގަހުން ދެކޮނޑުގައި ހިފަހައްޓައި ރާދިންއާ ގާތަށް ދަމާލީ އޭނާ ހުއްޓުވާށެވެ. ހަލަފް ތަންކޮޅެއް ބާރަށް ހީނގަތީ އޭނާ ކުރަން އުޅުނު ކަންތައް ފަޅާއަރައިފިކަން އެނގިގެންނެވެ.

ކޮޓަރިއަށް އައިސް ވަން އަރްސަލް ފެނުމުން ރީތިވާ މޭޒުދޮށުގައި އިނދެފައި ނިމްރާ ތެދުވިއެވެ. މޫނުގައި ކޮއްފައި ހުރި ލުއި މޭކަޕް އޭނާ ރަނގަޅު ކުރި ނަމަވެސް އެ ދެ ލޮލުން އޭނާ ރޮއެފައި ހުރިކަން އަރްސަލް ނަގައިގަތީ ފަޅި ސިކުންތެއްގެ ތެރޭއެވެ. ހިފައިގެން ހުރި ބޮޑު މާބޮނޑު އެނދުމަތީ ބޭއްވުމާއެކު އަރްސަލް ޖެހިލީ ނިމްރާގެ ގާތަށެވެ.

"ލަސްވެގެން ދޯ ތިއައީ... ހިނގާ ދަމާ" ނިމްރާ ބުނެލިއެވެ. އޭނާ ކޮޓަރީގެ ދޮރާ ދިމާއަށް ދާން ހިނގައިގަތް ހިނދު އޭނާގެ އަތުގައި އަރްސަލް ހިފެހެއްޓިއެވެ. އޭނާއާ ކުރިމަތިވާނޭހެން ނިމްރާ އަނބުރާލުމާއެކު އޭނާގެ ކޯތާފަތުގައި އަރްސަލްގެ ދެއަތުން ހިފަހައްޓާލިއެވެ.

"ކަމެއްވީތަ؟" އަރްސަލްގެ އަޑުގައިވީ ކަންބޮޑުވުމެވެ. ނިމްރާ ދެފަރާތަށް ބޯހޫރާލިއެވެ.

"ސްކާލެޓް، ވާހަކަދައްކަބަލަ... ރޮއެފަކަން އެނގޭ ތި ހުރީ، ބުނޭ ވީގޮތް" އަރްސަލް ބުންޏެވެ.

"މިހާރު އެންމެން އައިސްދާނެ، އަހަރެމެންނާ ހެދި ކެއުން ނުފެށިފައި ތިބެދާނެ" ނިމްރާ ލޯ ފޮރުވާލުމަށް ނަޒަރު ތިރިކޮށްލިއެވެ.

"އޯކޭ... ބަޓް އިޓްސް ނޮޓް އޯވާ ޔެޓް" އަރްސަލް ބުނެލީ ސީރިއަސްކަމާއެކުއެވެ. އަދި ނިމްރާގެ އަތުގައި ހިފައިގެން އޭނާ ނުކުންނަން ހިނގައިގަތެވެ. އެވަގުތު ނިމްރާގެ ލޯ އެނދުމަތީ އަރްސަލް ބޭއްވި މާބޮނޑީގައި އަޅައިގަތެވެ.

ދެފަރާތުގެ ޢާއިލާއިން ވެސް ރާދިންއާއި ޝިހާނާއަށް ތަހުނިޔާއާއި ހެޔޮ ދުޢާތައް ކުރަމުންދިޔައެވެ. ކުރިއަށް ދެ ޒުވާނުންގެ ދިރިއުޅުން ބައްޓަން ކުރަން ރާވާފައިވާ ގޮތާ މެދު ދެ ޢާއިލާއިން ސުވާލުތައް ކުރިމަތި ކުރުވިއެވެ. އެކަމާމެދު މާބޮޑު ވިސްނުމެއް ރާދިންއާއި ޝިހާނާ ވެސް ދީފައެއްނުވެއެވެ. ޝިހާނާ ޑަކްޓަރުކަން ކިޔެވީ ގޭގައި ހުންނާކަށްނޫނެވެ. ވީހާ ވެސް ގިނަ ބަޔަކަށް ޚިދުމަތްކޮށްދިނުމަށް ޓަކައެވެ. ދަރިއަކު ލިބުމުން ވަޒީފާ ދޫކޮށްލައި ހަމައެކަނި ދަރިފުޅަށް ހުސްވެގެން ހުރުމަކީ އޭނާގެ ނަޒަރުގައި އަންހެނަކަށް އޮތް ހަމައެކަނި ގޮތެއްނޫނެވެ. ދަރިން ބަލަމުން ވެސް މަސައްކަތުގެ މައިދާނުގެ އޭނާއަކީ ހީވާގި ކުޅަދާނަ އަންހެނެއްކަން ސާބިތުކުރުމުގެ ވިސްނުން ޝިހާނާ ގެންގުޅެއެވެ. އަފީފާގެ ޚިޔާލު ޝިހާނާއަށް މާކަމުދާ ޚިޔާލަކަށް ނުވީ ވަޒީފާ ދޫކޮށްލާ ވާހަކަ ދެއްކުމުންނެވެ. ނަމަވެސް ބިލާލުއާއި ޝަރުމީނުގެ ޚިޔާލު ވަރަށް ތަފާތެވެ. ޝިހާނާއަކީ ޤާބިލު ޑަކްޓަރެއްކަމާއި އޭނާގެ ޚިދުމަތް ގިނަބަޔަކަށް މުހިންމުވާނޭ ވަރު ޝަރުމީނާއި ބިލާލު ހާމަކުރިއެވެ. އެހާ ދުވަސްވަންދެން އުނގެނުނު އެއްޗެއްގެ ފައިދާ ވެސް ފެންނާނީ އޭރުންކަމުގައި އެ މީހުން ދުށްޓެވެ. ގޭގައި ހުންނަ ޝަރުމީނު އުފަލުން މާމަ ދަރިފުޅުގެ ހުރިހާކަމެއް ކޮށްދޭން ބޭނުންވާވަރު ހާމަކުރިއެވެ. ދުނިޔޭގައި އެފަދަ ނިޢުމަތަކީ ނަސީބުވެރީންނަށް ލިބޭނޭ ކަމެއްކަން ޝަރުމީނު ބުނެލުމުން ބިލާލުއާއި މުއްޠަލިބު އާނބަސް ކިޔާލިއެވެ.

ޢާއިލާގެ މެދުގައި އޮތް ހަފުލާ ނިމެންދެން ވެސް ނިމްރާ އިނީ ހިމޭންވެފައިކަން އަރްސަލް ދެނަހުއްޓެވެ. އެ މޫނު މަތިން ފޮރުވަން މަސައްކަތްކުރާ އުދާސްކަން ގުޅިފައިވާ ކަމެއް ނޭނގޭތީ އަރްސަލްގެ ހިތަށް ވެސް ހަމަޖެހުމެއް ނުލިބުނެވެ. ހަފުލާ ނިމުނު ހިނދުން ނިމްރާ ގޮވައިގެން އަރްސަލް ވަގުތުން އައީ ކޮޓަރިއަށެވެ. ނިމްރާއަށް ވީގޮތެއް ނޭނގިގެން އޭނާއަށް ހަމަނޭވާ ވެސް ނުލެވިފައި ހުރި ފަދައެވެ.

"ނައު ޓެލް މީ" ކޮޓަރީގެ ދޮރުލައްޕާލައި ތަޅުލުމާއެކު އަރްސަލް ބުނެލިއެވެ.

"ސްކާލެޓް... ނައު... ސްޓާޓް ޓޯކިން" ނިމްރާ އަނގައިން ނުބުނެ ހުންނާތީ އަރްސަލް މިފަހަރު އަމުރުކުރިއެވެ.

"އަހަރެން... އަރްސަލް..." ނިމްރާ ބުނަން އުޅެފައި ވެސް ހުއްޓާލިއެވެ.

"އައި އޭމް ލިސްނިންގް" ނިމްރާ ފަސްޖެހޭތަން ފެނުމުން އަރްސަލް އައިސް އޭނާގެ ދެއަތުގައި ހިފާލިއެވެ. ލޯބިން އެ ދެއަތްތިލައިގައި ބޮސްދިނެވެ.

"މި ޕްރެގްނެންސީއާ މެދު އަރްސަލް އޯކޭތަ؟" ނިމްރާ ބުނެލީ އިސްޖަހާލައިގެން ހުރެއެވެ.

"ކީއްވެ އޯކޭ ނުވާންވީ، އަހަރެން ސްކާލެޓްދެކެ ލޯބިވާއިރު، އަހަރެންގެ ދަރިއަކަށް ސްކާލެޓް ބަނޑުބޮޑުކަން އެނގުނީމަ، ކީއްވެ އޯކޭ ނުވާންވީ... ބޭބީ ލުކް އެޓް މީ... އަހަންނަށް ހީވަނީ އަހަންނަށް ރިއެކްޓްކުރެވުނު ގޮތުން ކަންނޭނގެ ސްކާލެޓްއަށް ތިހެންތިވީ، އައި އޭމް ސޮރީ... އައި ވޯންޓް ލައި... ޔެސް، އައި އޭމް ސްކެއާޑް... ބަޓް އައި އޭމް ވެރީ އެކްސައިޓެޑް ޓޫ، އެ ޚަބަރު ލިބުނީމަ، އައި ވޯންޓެޑް ޓު ޑޫ ސަމްތިންގް ސްޕެޝަލް ފޯ ޔޫ، އައި ވޯންޓް ޔޫ ޓު ފީލް ސްޕެޝަލް، އަހަރެންގެ ހަޔާތަށް ސްކާލެޓް ހާ ޚާއްޞަ ކުއްޖެއް ނާދޭ، ތީ ވަރަށް ވަރަށް ޚާއްޞަ ކުއްޖެއް، އެހާ ލޯބިވޭ... އަހަރެން އަބަދުވެސް ސްކާލެޓްއަށް ބޭނުންވާނެ، ތީ އަހަރެންގެ ދިރިއުޅުން، އަހަރެންގެ އުފަލާއި ހިތްހަމަޖެހުން، ހިތަށް އެރީ އާނާގެ ޕްރެގްނެންސީ ސެރެމަނީ ފާހަގަކޮށް ނިމުނީމަ ސްކާލެޓްއާއެކު ލޯބިވަގުތުކޮޅެއް ހޭދަކޮށްލާނީއޭ، ތި ދިން ޚަބަރުން އުފާވިވަރު ބުނާނީއޭ، އެއްގޮތަކަށް ވެސް ދެރަކޮށްލާކަށް ނޫން ހުރީ، ސްކާލެޓްއަށް ގޮތެއްވެއްޖެއްޔާ މިފަހަރު އަހަރެން ސަލާމަތެއްނުވާނެ، އެހާވެސް އަހަރެން ސްކާލެޓް ބޭނުން" ނިމްރާގެ ނިތްކުރިއާއި ކޯތާފަތުގައި އަރްސަލް ބޮސްދިނެވެ.

"މިހާރު ކީއްވެ ތި ރޮނީ" އަރްސަލްގެ މޭގައި ނިމްރާ މޫނު ފޮރުވާލުމާއެކު ރޯންފެށުމުން ބުނެލިއެވެ.

"އަރްސަލްގެ ތިކަހަލަ ވާހަކަދައްކާތީ... ތިހާ ލޯބިވާކަން އެނގުނީމަ" އަރްސަލްގެ މޭގައި މޫނުފޮރުވައިގެން ހުރެ ނިމްރާ ވާހަކަދެއްކިއެވެ. އެއާއެކު އަރްސަލް ޖަހާލީ ހިނިގަނޑެކެވެ.

"ނޯ ޓިއާސް ސްކާލެޓް... އައި ލައިކް ޔޫ ވެން ޔޫ ފައިޓް މީ" ނިމްރާގެ ގައިގާ ހިފަހައްޓާލައިގެން ހުރެ އަރްސަލް ބުންޏެވެ.

"އެއީ އަހަންނަށް ގެނައި އެއްޗެއްތަ؟" އަރްސަލްގެ މޭގައި ލައްވެލައިގެން ހުރެ އެނދުގައި އޮތް މާބޮނޑިއަށް ނިމްރާ ބަލާލިއެވެ.

"އޯ ޔެސް... ހަނދާންނެތިފަ މިހުރީ، އެކްސައިޓްވެފައި ހުރިވަރުން ދޭނޭ އެއްޗެއް ކުއްލިއަކަށް ނޭނގުނު، އެކަމަކު ކޮންމެވެސް ހަދިޔާއެއް ދޭން ބޭނުންވީ، އެހެންވެ ހިތަށް އެރީ ސްކާލެޓްއަށް ފިނިފެންމާ ވަރަށް ކަމުދެއޭ، އެންމެ އަވަހަށް ތި މޫނުން ހިނިތުންވުމެއް ފެންނާނެ ގޮތަކީ އެއީ އޭ" ވާހަކަދައްކަމުން ނިމްރާ ދުރަށް ޖައްސާލައި އަރްސަލް އައިސް އެނދުމަތީ އޮތް މާބޮނޑި ނަގައިގެން އެނބުރި އައިސް ނިމްރާގެ ކުރިމަތީ މަޑުކޮށްލިއެވެ.

"އިޓްސް ފޯ ޔޫ މައި ސްކާލެޓް" އަރްސަލް މާބޮނޑި ދިއްކޮށްލުމުން ނިމްރާ ހިފީ ހިނިތުންވަމުންނެވެ.

"ވަރަށް ލޯބި... ތެންކިއު" ނިމްރާ ބުންޏެވެ. އޭނާގެ އުނަގަނޑުގައި ހިފާލައި ގާތްކޮށްލުމާއެކު ތުންފަތުގައި އަރްސަލް ބޮސްދިނެވެ.

"ދެންބުނެބަލަ... ކީކޭ މިފަހަރު ހިތަށް އެރީ، އަހަންނަށް އެނގޭ ކޮންމެވެސް ކޫސަނި ޚިޔާލެއް އައިސްގެންކަން ރޯނީ" އަރްސަލް ހުރީ ހިނިއައިސްފައެވެ. ނިމްރާގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ.

"އަހަރެމެން ދެ މީހުން ބައްދަލުވިއިރު ދެ މީހުންގެ ވެސް މާޒީއެއް އޮތް، އެ މާޒީގެ މަތިން ހަނދާންވީ... މީ އަހަރެމެންގެ އަލަތު ދަރިފުޅަކަށް ކޮންމެގޮތެއްވިޔަސް ނުވާނެ، އޭރު ޕްރެގްވެގެން އެކަން ފޮރުވަން އަހަރެން އުޅުނު ގޮތުގެ މަތިން ހަނދާންވީ، އަހަރެންނަށްވުރެ ބޮޑަށް އަރްސަލް ސަފާކުރާނޭ ހިތަށް އެރީ، ދަރިފުޅު އުފަންވާން ނުހަނު ގާތްވެފައިވަނިކޮށް ދުނިޔެއާ ވަކިވެގެންދިޔައީ... އެ ހުރިހާ ޚިޔާލަކާއެކު ހިތަށްވަނީ އަހަރެން ބަލިވެއިނުމުން އަރްސަލް އެހާ އުފާނުވަނީ އެހެންވެއޭ... އަރްސަލް އަދި ތައްޔާރެއްނޫނޭ ދަރިއަކަށް، ހިތްބިރުގަތުމުން ރަނގަޅު ގޮތަކަށް ނުވިސްނުނު" ނިމްރާގެ ވާހަކަތައް އިވިފައި އަރްސަލް ވެސް ހިމޭންވިއެވެ.

"ނިމްރާ..." އަރްސަލް ގޮވާލި ގޮތުން އޭނާ އެ ދައްކަން އުޅެނީ ވަރަށް މުހިންމު ވާހަކައެއްކަން އެނގުނެވެ. އެހެންނޫނީ އޭނާ ނިމްރާގެ ނަމުން ގޮވައެއް ނުލާނެއެވެ.

"މާޒީ... އެއީ ބަދަލުކުރެވޭނެ އެއްޗެއްނޫން، އަހަރެން ޝަރުތެއް ނުކުރަމެންނު ނިމްރާގެ އަލަތު ދަރިފުޅު ވާންޖެހޭނީ އަހަރެންގެ ދަރިއަކަށޭ، އަހަރެން ނިމްރާ ބަލައިގަތީ... ނިމްރާދެކެ ލޯބިވީ ހުރިހާ ހަޤީޤަތެއް އެނގިހުރެ، ނިމްރާގެ މާޒީ ރަނގަޅަށް އެނގިހުރެ، އެ ދުވަހުގެ ހާލަތު މިއަދާ ތަފާތު، ކައިވެނީގެ ކުރީން ނިމްރާ ބަލިވި އިނދެދާނެތީ ބިރުގަންނަވަރު އަހަންނަށް އެނގޭ، އަހަރެންގެ އަމިއްލަ އެދުން ބޮޑުކަމުން ނިމްރާގެ އުޒުރުތައް ޤަބޫލުނުކުރީ... އެ ހުރިހާ ފަހަރަކު ދެކޮޅު ހަދާފައިވެސް ހުއްދަދެނީ އަހަރެންދެކެ ވާ ލޯބީގެ ސަބަބުންކަން ނިމް ނުބުންޏަސް އަހަންނަށް އެނގޭ، އޭރު.... ނިމްރާ ކައިވެނީގެ ކުރީން ބަލިވެ އިންނަމަވެސް އަހަރެން ނިމްރާ ދުލެއްނުކުރާނަން، އަހަރެން މީ މިޢުވާނެއްނޫން، އަދި ތީ އަހަރެންގެ ކުރީގެ އަނބިމީހާއެއް ވެސް ނޫން. އަހަންނަކީ އަރްސަލް، ތީ މި އަރްސަލްގެ ނިމްރާ... އަހަރެންގެ ސްކާލެޓް، އެ ހަނދާންތައް ފުހެލެވޭނެނަމަ އަހަރެން އެކަން ކުރާނެތާ ކިތަންމެ ދުވަހެއް، އެކަމަކު އަހަންނަށް ނިމްރާގެ ހިތި މާޒީ ފުހެއެއް ނުލެވޭނެ. އޭގެ ބަދަލުގައި އަހަރެން ވަޢުދުވަން... އެ މާޒީގެ މަތިން ނިމްރާ ހަނދާންކުރާނޭ ވަގުތެއް ނުދޭނަން، ހުރިހާ ވަގުތެއްގައި އަހަރެން ހުންނާނަން، ދެ މީހުން ފައިޓްކުރާލެއް ގިނަވިޔަސް އަހަންނަށް ޔަގީން އަހަރެންގެ ސްކާލެޓްހާ ލޯބިކުއްޖެއް ނުލިބޭނެކަން، އޭނާ އަބަދުވެސް އުފަލުގައި ބަހައްޓާނަން... ސޯ ޑޯންޓް ވޮރީ، ލޯބި ލޯބި މަންމައަކަށް އަހަރެންގެ ސްކާލެޓްވާނެ، އައި ކާންޓް ވެއިޓް ފޯ ދެޓް ޑޭ" އަރްސަލްގެ ވާހަކަތަކުން ނިމްރާއަށް އިތުރު ހިތްވަރެއް ލިބުނެވެ. އެ ދެމެދުގައި އޮތް ލޯތްބާއި ހިތުގެ ގުޅުން އިހުނަށްވުރެ ވެސް ވަރުގަދަވިއެވެ.

"މިރޭ ހިނގާ ހޮޓެލަށް... ޕެންޓްހައުސްއަށް... މިރޭ އަހަރެން ބޭނުންވަނީ އަހަރެމެން ދެ މީހުން އެކަނިވެލަން، މޯނިންގަ ޓެސްޓް ހަދަން ހޮސްޕިޓަލަށް ދާނީ، އާފްޓާ ދެޓް ރިޕޯޓް ހިފައިގެން ގެއަށް އައިސް އެންމެނަށް މި އުފާވެރި ޚަބަރު ދޭނީ" އަރްސަލް ބުނެލިއެވެ. އޭނާއާ އެއްބަސްވުމުގެ ގޮތުން ނިމްރާ ބޯޖަހާލީ ހިނިތުންވެލައިގެން ހުރެއެވެ. އަރްސަލް ދެންކޮށްލި ލާނެތް ސަމާސާއާއެކު ނިމްރާއަށް ކުޑަކޮށް ހަޅޭލަވައިގަނެވުނެވެ. އަދި އެހާމަބާރަށް ހީނގަނެވިއްޖެއެވެ.

* * * * *

ނުވަ މަސް ފަސް.

ބޮޑުކޮޓަރިތެރޭ ހުނުމުގެ އަޑު ފެތުރިގެން ދިޔައެވެ. އަރްސަލްއާއި ނިމްރާ ތިބީ ބިލާލުއާއި ޝަރުމީނުގެ ކަނާއަތްފަރާގައި ހުރި ސޯފާގައެވެ. ވައަތްފަރާތުގައި ހުރި ސޯފާގައި ތިބީ ރާދިންއާއި ޝިހާނާއެވެ. ދެ ޅީދަރީން ވެސް ހީވަނީ ދެންމެދެންމެ ވިހާފާނެ ހެންނެވެ. ޚާއްޞަކޮށް ނިމްރާއެވެ. އޭނާގެ ބަނޑު ޝިހާނާގެ ބަނޑަށްވުރެ ބޮޑެވެ. އޭނާގެ ހަށިގަނޑަށް ވެސް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ. ޝަރުމީނު ހުނުން ކޮންޓްރޯލު ކުރަމުން ސޯފާއިން ތެދުވެގެން އައިސް ނިމްރާގެ ގާތުގައި މަޑުކޮށްލިއެވެ. އޭރު ނިމްރާ އިނީ އަރްސަލްއާ ދިމާއަށް ތުންކޮޅު އޫކޮށްލައިގެންނެވެ. އެންމެން އެ ހެނީ އަރްސަލް ކިޔައިދިން ވާހަކައަކުންނެވެ.
ޝިހާނާ ބަލިވެ އިނދެ މިއަދާ ހަމައަށް އައިއިރު ކޮށްފައި ހުރި ހެއްވާ ކަންތަކުގެ ވާހަކަ ރާދިން ދެއްކުމުން ނިމްރާގެ ވާހަކަ ހިމަނާ ނުލާ އަރްސަލްއަށް ނީނދެވުނީއެވެ. އެންމެން ވެސް އެކަމާ އެއްބަސްވެއެވެ. ގޭތެރޭގައި ވެސް ނިމްރާ ކުރާ ކަންތައްތައް ޢާއިލާގެ މެންބަރުންނަށް ވެސް ހުރީ ފެނިފައެވެ. މިހާރު ނިމްރާ ވިހަންވަންދެން ޗުއްޓީ ނަގައިގެން ހުއްޓެއްކަމަކު އަރްސަލް ދެއްކީ އޮފީހަށް އޭނާ ނުކުތް ދުވަސްތަކުގެ ވާހަކައެކެވެ. އޭރު ނިމްރާގެ ބަނޑަށް ހަމަހެވެ. ހެނދުނުގެ ވަގުތުގައި އޮފީހަށް ދާން ތައްޔާރުވާން ވޯޑްރޮބްގެ ތެރެއަށް ވަން ގޮތަށް ނުނިކުމެގެން އަރްސަލް އައިސް ބަލާލިއިރު ހެނދުން ލައިގެން އެހެން ހެދުންތަކެއްގައި ބައްދައިގެނެހެން އިނދެ ނިމްރާ ގިސްލާ ރޮނީއެވެ. ވީގޮތެއް އޮޅުން ފިލުވުމުން ހެނދުމުގެ ޒިބު އަޅުވަން އުޅެއުޅެ ނޭޅުވުނީއެވެ. ކުރީގެ ހެނދުންތައް ނުލެވޭތީ ފަލަވިއްޔޭ ހިތާ އެކަމާ ރޮވެނީއެވެ. ހަށިގަނޑަށް އަންނަ ބަދަލުތަކުން ނިމްރާ ކަންބޮޑުވީއެވެ. ނިމްރާ އިނީ ބަލިވެކަން އެ ކަހަލަ ކިތަންމެ ފަހަރަކު އަރްސަލްއަށް ހަނދާންކޮށްދޭން ޖެހިފައި އެބަހުރިކަން އޭނާ ހާމަކުރިއެވެ. އޭނާ އެހެން ވާހަކައެއް އަނެއްކާ ފެށިއެވެ. ދަންވަރު ކޮޓަރިއަށް ވަދެ އުޅޭ ވަގެއްހެން ނިމްރާ އުޅުނު ކިތަންމެ ރެއެއް އޭނާއަށް ހުރީ ފެނިފައެވެ. ކާއެއްޗެއް ކާހިތުން ދަންވަރު ގަޑީ ބަދިގެއަށް ވަދެ ކެއްކުމަކީ ނިމްރާގެ އާދައެކެވެ. ރޭގަނޑު އާމުކޮށް ހޭލާ އުޅޭ ހަލަފްއާއި ނިމްރާއެކޭ އެއްހާލުގައި އިން ޝިހާނާއަކީ އެކަމުގައިވާ ބައިވެރިވާ މީހުންނެވެ. ކިތަންމެ ރެއަކު އަރްސަލްގެ ގާތުގައި ނިމްރާ ނެތިގެން ހޯދާއިރު ބަދިގޭގައި ކާން އިންދާ ފެނިފައި ހުއްޓެވެ.

"ދެން އެހެންވެދާނެއެއްނު... މާބަނޑު ދުވަސްވަރު އެކަހަލަ ކަންކަން ވެސް ވާނެ، ދެން އަހަރެންގެ ދަރިފުޅާ ތިވަރަށް ދިމާނުކޮށްބަލަ... އާނާއާ ދެކުދީން ކޮންމެ ވަގުތެއްގައި ވެސް ވިހަން ބަނޑުގައި ރިއްސަފާނެ، ވަގުތު މިވަނީ ޖެހިފައި" އޯގާތެރިކަމާއެކު ނިމްރާ ގާތްކޮށްލައިގެން ހުރެ އޭނާގެ ބޮލުގައި ފިރުމަމުން ޝަރުމީނު ބުންޏެވެ. އެންމެންނަށް ވެސް ނިމްރާ އުޅޭ ގޮތުން މަޖާވެއެވެ. ދިމާކުރަނީ އެހެންވެއެވެ.

"ވިހާ ވާހަކަ ނުދައްކާ، ކުރިން ދުވަހު ބެލި ވީޑިއޯއަށް ފަހު މީހަކަށް ނުވެސް ނިދޭ ބިރުން" އަރްސަލް ޖަހާލީ ހިނިގަނޑެކެވެ. (ނުނިމޭ)