ހަބަރު

އެމެރިކާގެ އާ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި

Nov 18, 2018

އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، އަލައިނާ ޓެޕްލިޓްޒްގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް އަރުވައިފިއެވެ.

އެމެރިކާގެ އާ ސަފީރު، ރައީސަށް ފަތްކޮޅު އެރުވުން ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީހުގައި އެވެ. އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެބައްދަލުވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކޮށްފައި ވެއެވެ. އަދި ދެ ގައުމުން އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައި ވެއެވެ.

މިއީ ރައީސް ސޯލިހް، ރައީސްކަމާއި ހަވާލުވެލެއްވިފަހުން ރާއްޖެއަށް ކަނޑައެޅި ގައުމެއްގެ ސަފީރެއްގެ ފަތްކޮޅު އެރުވި ފުރަތަމަ ބޭފުޅާ އެވެ.

އެލައިނާއަކީ ރާއްޖޭގެ އިތުރުން އެމެރިކާއިން ސްރީ ލަންކާއަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމު ވެސް ފުރުއްވާނެ ބޭފުޅާ އެވެ. އެލައިނާ މީގެކުރިން ހުންނެވީ އެމެރިކާއިން ނޭޕާލަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމުގަ އެވެ.

މީގެ ކުރިން އެމެރިކާއިން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރަކީ އަތުލް ކެޝަޕް އެވެ. އޭނާގެ ދައުރު ވަނީ ހަމަވެފަ އެވެ.